ނިއުރޭޑިއަންޓަށް ދެވަނަ މޮޅު، ޑޯރީގެ ހެޓްރިކާއެކު އޮޑި ބަލިކޮށް މާޒިޔާއާއެކު ފައިނަލަށް

ކަޕް ވިނާސް ކަޕް 2026 ގައި އޮޑި ކޮޅަށް ހެޓްރިކް ހެދި ޑޯރީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

އެފްއޭއެމް ކަޕް ވިނަރސް ކަޕް 2026 ގެ ފައިނަލު ޖާގަ މުބާރާތުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޮޑި ސްޕޯޓްސް ކްލަބުގެ މައްޗަށް ނިއުއިން ކުރިހޯދީ 3-5 ގެ ނަތީޖާއަކުންނެވެ. ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުން މުޅި މެޗުހެން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މެޗު ފަށައިގެން 4 ވަނަ މިނެޓުގައި ބްރެޒިލްގެ 36 އަހަރުގެ ތަޖުރިބާކާރު ފޯވާޑް، ޑޮރިއެލްޓަން ގޮމޭސް (ޑޯރީ) ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

މިއީ ގިއެރްމޯ ޑަސިލްވާއާ ދެކުޅުންތެރިންގެ ފުރިހަމަ ކޮމްބިނޭޝަނަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޑޯރީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނިއުގެ ލީޑު ފުޅާކޮށްދީފައެވެ.

ކަޕް ވިނާސް ކަޕުގައި ނިއުރޭޑިއަންޑް އަދި އޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ނިއުގެ ތިންވަނަ ލަނޑަކީ ޒުވާން ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ، އީތަން އިބްރާހީމް ޒަކީގެ ފަރާތުން ފެނިގެންދިޔަ ހިތްގައިމު ގޯލެކެވެ.

އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ބޭރުން އީތަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން 6 ވަރަކަށް މިނެޓު ތެރޭ ޑޯރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

އެއަށްފަހު، ގިއެރްމޯ ޑަސިލްވާ ނަގައިދިން ކޯނަރަކުން ގައުމީ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އަމްދާން ޢަލީ (އެންޑީ) ވަނީ ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ނިއުގެ ފަސްވަނަ ލަނޑަށްފަހު، އޮޑި ސްޕޯޓްސް ކްލަބުން ވަނީ އައު ހިތްވަރަކާއެކު ކުޅެ، މެޗުގެ ފަހުކޮޅު ކައިރި ކައިރީގައި ތިން ލަނޑު ޖަހައި ނިއު ސިއްސުވާލާފައެވެ.

ކަޕް ވިނާސް ކަޕުގަައި އޮޑި ކޮޅަށް ލަނޑު ޖެހުމަށްފަހު ނިއުގެ އީތަން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

އެގޮތުން، ލިބުނު ޕެނަލްޓީއަކުން މެޗުގެ 87 ވަނަ މިނެޓުގައި އޮޑީގެ ފުރަތަމަ ލަނޑު އިބްރާހީމް ވަޙީދު ޙަސަން (އިއްބެ) ކާމިޔާބުކޮށްދިންއިރު، މުޒްދާން ޙަސަން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޮޑީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ސަޚާއު އެވެ.

މި ނަތީޖާއާއެކު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ނިއުއިން މިވަނީ ސީޒަނުގެ ފުރަތަމަ މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު