ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ އިންސްޓިޓިއުޓް ފޯ ވިމެންސް ހެލްތުގެ ރިޕްރޮޑަކްޓިވް ސައިންސްވެރިޔާ ޕްރޮފެސާ ޖޮއިސް ހާޕާ، އިއްދައިންކެނޑުން (މެނޮޕޯޒް) އާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮންނަ ކުށްހީތައް ނައްތާލައި، ސައިންސުގެ އަލީގައި މައުލޫމާތު ފެތުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގިނަ އަންހެނުންނަށް މި ދުވަސްވަރާ ކުރިމަތިލާންޖެހެނީ އެކަށީގެންވާ މައުލޫމާތު ނެތި ކަމަށާއި، މީސްމީޑިއާގައި ފެތުރޭ ސާބިތުނުހިފޭ ވާހަކަތަކުގެ ސަބަބުން އޮޅުންތައް އަރާ ކަމަށް ހާޕާ ފާހަގަކުރިއެވެ. އޭނާގެ އަމާޒަކީ ދިރާސާތަކާއި، ޕޮޑްކާސްޓްތަކާއި ފޮތްތައް މެދުވެރިކޮށް މިކަމާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ.
ހާޕާ ބުނި ގޮތުގައި އެންމެ ބޮޑު އެއް އޮޅުމަކީ "މެނޮޕޯޒް" މި ބަސް ބޭނުންކުރާ ގޮތެވެ. އޭނާ ކިޔައިދިން ގޮތުގައި މެނޮޕޯޒްގެ މާނައަކީ ވިދިވިދިގެން އެއް އަހަރު ދުވަސް ވަންދެން މައްސަރުކަންތައް ދިމާނުވެ ހޭދަވުމެވެ. އޭގެ ފަހުން އަންނަ މަރުހަލާއަށް ކިޔަނީ ޕޯސްޓްމެނޮޕޯޒް ކަމަށާއި، އަދި އޭގެ ކުރިން އަލާމާތްތައް ފެންނަން ފަށާ ދުވަސްވަރަށް ކިޔަނީ ޕެރިމެނޮޕޯޒް ކަމަށް އޭނާ ބުންޏެވެ. މި މަރުހަލާތަކުގެ މާނަ ރަނގަޅަށް ނޭނގުމުގެ ސަބަބުން، އާދަޔާހިލާފު ކަމެއް ހަށިގަނޑަށް ވަމުންދާ ކަމަށް ގިނަ އަންހެނުންނަށް ހީކުރެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޖުމްހޫރީމައުދާނުގައި އުޅޭ ކޮތަރުތަކަށް އަންހެނަކު ކާން އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިއްދައިންކެނޑޭ އާންމު އުމުރަކީ 51 އަހަރު ކަމަށް ވިޔަސް، 45 އަހަރާއި 55 އަހަރާ ދެމެދު މައްސަރުކަންތައް ހުއްޓުމަކީ އާންމު ކަމެއް ކަމަށް ހާޕާ ބުންޏެވެ. އަދި ޕެރިމެނޮޕޯޒްގެ އަލާމާތްތައް މައްސަރުކަންތައް ހުއްޓުމުގެ 10 އަހަރު ކުރިންވެސް ފެނިދާނެ ކަމަށާއި، އެހެންކަމުން އުމުރުން 30 ގެ އަހަރުތަކުގެ ފަހުކޮޅު އަލާމާތްތައް ފެނުމަކީ އާންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އުމުރުން 40 ގެ އަހަރުތަކުގެ ފަހުކޮޅު މައްސަރުކަންތައް ހުއްޓޭ އަންހެނުންނަށް، އެއީ މާ އަވަހަށް ދިމާވި ކަމެއް ކަމަށް ހީކުރެވުނު ނަމަވެސް އެއީ ކުށްހީއެއް ކަމަށް އޭނާ ބުންޏެވެ.
މި ދުވަސްވަރު ފެންނަ އަލާމާތްތަކަކީ ހަމައެކަނި ހަށިގަނޑުން ހޫނުވުން ފަދަ ޖިސްމާނީ ބަދަލުތަކެއް ނޫން ކަމަށް ހާޕާ ފާހަގަކުރިއެވެ. ނަފްސާނީ ގޮތުންނާއި ޒަވާޖީ ހަޔާތާ ގުޅޭ ސިއްހަތަށްވެސް ބަދަލުތަކެއް އަންނަ ކަމަށާއި، ކޮންމެ އަންހެނެއްގެ ތަޖުރިބާ ތަފާތުވާނެކަން ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. އަންހެނުންނަށް މިކަމާ ގުޅޭ މައުލޫމާތު ނުލިބޭ މައްސަލަ ހައްލުކުރުމަށްޓަކައި، ހާޕާގެ ޓީމުން އަންނަނީ އަންހެނުންނަށް ހާއްސަ އިންޓަރެކްޓިވް ވެބްސައިޓެއް ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި މިހާރު މި މައުލޫމާތު ކިޔަވައިދޭން ފަށާފައިވާ ކަމަށާއި، "އަލްމަންޑް ބްލޮސަމް" އާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މި ދުވަސްވަރަކީ އަންހެނުންނަށް އަންނަ "ހޭލުންތެރިކަމުގެ ރަނގަބީލެއް" ކަމަށް ސިފަކުރަމުން، އަމިއްލަ ސިއްހަތަށް އިސްކަންދިނުމަށް ހާޕާ ގޮވާލިއެވެ. އޭނާ ފާހަގަކުރި ސިއްހަތުގެ ފަސް ތަނބަކީ ކެއިންބުއިން، ކަސްރަތު، ނިދި، ނަފްސާނީ ސިއްހަތު އަދި އިޖުތިމާއީ ގުޅުންތަކެވެ. ވަޒީފާގެ މާހައުލާއި އާއިލީ ޒިންމާތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ވަގުތު ނުދެވޭ ކަމަށް ގިނަ އަންހެނުން ބުނާ ކަމަށާއި، ނަމަވެސް ސިއްހަތަށް ފަރުވާކުޑަކޮށްފިނަމަ އޭގެ ގެއްލުން ފަހުން ބޮޑުވާނެ ކަމަށް އޭނާ އިންޒާރުދިނެވެ.
ހޯމޯން ރިޕްލޭސްމަންޓް ތެރަޕީ (އެޗްއާރްޓީ) އާ ގުޅޭގޮތުން ހާޕާ ބުނީ، އެއީ ރައްކާތެރި ބޭހެއް ކަމަށާއި، ނަމަވެސް އެއީ ބޭހެއްކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ. ބައެއް މީހުންނަށް އޭގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ފައިދާތަކެއް ކުރި ނަމަވެސް، އެއީ ކޮންމެ މީހަކު އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް ކަމަށް އޭނާ ބުންޏެވެ. އަދި ޑޮކްޓަރުންނަށް ދައްކާއިރު، އަންހެނުންގެ ވާހަކަތައް އަޑުއަހާ ޑޮކްޓަރުން ހޯދުމަށާއި، ފެންނަ ކޮންމެ އަލާމާތަކީ އިއްދައިންކެނޑުމުގެ ސަބަބުން ވާ ކަމެއް ކަމަށް ނުނިންމުމަށް އޭނާ ލަފާދިނެވެ.
ވަޒީފާ އަދާކުރާ ތަންތަނުންވެސް މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މުވައްޒަފުން ހޭލުންތެރިކުރުމަށް ހާޕާ ގޮވާލިއެވެ. ޕެރިމެނޮޕޯޒް އަކީ ވަގުތީ މަރުހަލާއެއް ކަމަށާއި، އިއްދައިންކެނޑުމަށްފަހު ގިނަ އަލާމާތްތައް ރަނގަޅުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާގެ އެންމެ ބޮޑު އިލްތިމާސަކީ އަމިއްލަ ހަށިގަނޑުގެ އަޑުއަހައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަގުތު ހުސްކުރުމެވެ.