މޯލްޑިވްސް ލިވިން އެކްސްޕޯގައި ބައިވެރިވެ، "ގަވިން 360" އާއި "އޭވިން" ބްރޭންޑުގެ އައު އުފެއްދުންތަކެއް ގަވިން އިން ތަޢާރަފުކޮށްފިއެވެ.
ގަވިން އިން އަލަށް ތަޢާރަފުކުރި "ގަވިން 360" އަކީ ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން، ކަސްޓަމަރުން ބޭނުންވާ ގޮތަށް ފަރުނީޗަރާއި، ބޮކި އަދި ތަޅުމަށް ބޭނުންވާ ސާމާނު ހޯދައިދޭނެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ ކޮންމެ ޑިޒައިނަކަށް އަދި ކޮންމެ ކުލައަކަށް މި ތަކެތި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ގޭތެރެއަށް ބޭނުންވާ ކޮންމެ ވައްތަރެއްގެ ފަރުދާއެއް ވެސް ގަވިންގެ ސްޓޯލުން ޚިޔާރުކުރެވޭނެއެވެ.

އިއްޔެ ފެށި ލިވިން އެކްސްޕޯގައި ހުންނަ ގަވިންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް، އެ ކުންފުނީގެ އިންޓީރިއާ ޑިޒައިނަރުންނާއެކު ހިލޭ މަޝްވަރާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ގޭގެ ފްލޯ ޕްލޭން ހިފައިގެން ދިއުމުން، ކަސްޓަމަރުން ބޭނުންވާ ފަދަ ފުރިހަމަ ޖާގައަކަށް ގޭތެރެ ބަދަލުކުރުމަށް ބޭނުންވާ ލަފާ އެ ސްޓޯލުން ލިބޭނެއެވެ.
މީގެ އިތުރުން، ގަވިން އިން ވަނީ "އޭވިން" ބްރޭންޑުގެ އައު ދޮންނަމެޝިނެއް ވެސް މި އެކްސްޕޯގައި ތަޢާރަފުކޮށްފައެވެ. ޑްރަޔަރަކާއެކު ލިބޭ މި ދޮންނަމެޝިނަކީ މިވަގުތު މާކެޓުގައި ލިބެން ހުރި އެންމެ އަގުހެޔޮ ދޮންނަމެޝިން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ލިވިން އެކްސްޕޯ ކުރިއަށްދާ ދުވަސްތަކުގައި ގަވިންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޚާއްޞަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އޭވިން ބްރޭންޑުގެ އައު ދޮންނަމެޝިނަކާއި، ގޭގެ އަލަމާރީގައި ނުވަތަ ކަބަޑުގައި ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕާސަނަލް ސޭފެއް ހިމެނެއެވެ. އެހެންކަމުން، އެކްސްޕޯ ހުޅުވިފައި ހުންނަ ތާރީޚުތަކާއި ގަޑިތަކުގައި ގަވިންގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އެދެއެވެ.