ބަރުދަން ލުއިކުރާ އިންޖެކްޝަންތަކާ ގުޅޭ ކަމަށް ބުނާ 200 އަށްވުރެ ގިނަ މަރު ރިޕޯޓުކޮށްފި

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އިންޖެކްޝަންތަކަކާ ގުޅުންހުރި ކަމަށް ބެލެވޭ 200 އަށް ވުރެ ގިނަ މަރުގެ މައްސަލަ އިނގިރޭސިވިލާތުގެ ސިއްހީ އިދާރާތަކަށް ރިޕޯޓުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރުއޭ) އިން ހާމަކުރި ގޮތުގައި، މި ބޭސްތަކާ ގުޅިގެން 158،000 އަށް ވުރެ ގިނަ ނޭދެވޭ އަސަރުގެ މައްސަލަ ވަނީ އެ އެޖެންސީއަށް ރިޕޯޓުކޮށްފައެވެ.

އެމްއެޗްއާރުއޭގެ 'ޔެލޯ ކާޑް ސްކީމް' އަށް ހުށަހަޅާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 'މައުންޖާރޯ' ބްރޭންޑުގެ ނަމުގައި ވިއްކާ ޓިރްޒެޕަޓައިޑް ބޭނުންކުރި މީހުންގެ ތެރެއިން 120 މީހަކު މަރުވެ، 106،189 ނޭދެވޭ އަސަރު ވަނީ ރިޕޯޓުކޮށްފައެވެ. އަދި 'ވެގޯވީ' އާއި 'އޮޒެމްޕިކް' ގައި ހިމެނޭ ސެމަގްލޫޓައިޑް ބޭނުންކުރި މީހުންގެ ތެރެއިން 59 މީހަކު މަރުވެ، 48،089 ނޭދެވޭ އަސަރު ރިޕޯޓުކޮށްފައިވާއިރު، 'ސެކްސެންޑާ' ބްރޭންޑުގެ ލިރަގްލޫޓައިޑް ބޭނުންކުރި މީހުންގެ ތެރެއިން 37 މީހަކު މަރުވެ، 4،491 ނޭދެވޭ އަސަރު ވަނީ ރިޕޯޓުކޮށްފައެވެ.

އެމްއެޗްއާރުއޭގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މި ރިޕޯޓުތަކަކީ ބޭހުގެ ސަބަބުން ސީދާ ދިމާވި ކަންކަން ކަމަށް ކަށަވަރުނުވި ނަމަވެސް، މިއީ ބޭހާ ގުޅުމެއް ވާކަމަށް ބަލިމީހުންނަށް ޝައްކުކުރެވިގެން ހުށަހަޅާފައިވާ ރިޕޯޓުތަކެކެވެ. އަދި އިނގިރޭސިވިލާތުގައި މި ބޭސްތައް އެތައް މިލިއަން ބަޔަކު ބޭނުންކުރަމުންދާ ކަމަށާއި، މިހާރު ހުރި ހެކިތަކަށް ބަލާއިރު މި ބޭސްތަކުގެ ފައިދާ އޭގެ ނުރައްކާތަކަށް ވުރެ ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވި ގޮތުގައި، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައިވާއިރު، މިފަދަ ރިޕޯޓުތައް މާހިރުން މެދުވެރިކޮށް ދަނީ މޮނިޓަރކުރަމުންނެވެ. އަދި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް