ތައިލެންޑުގެ ސްކޫލެއްގައި ބަޑިޖަހައި 6 މީހުން މަރާލައިފި

ތައިލޭންޑް ސްކޫލެއްގައި ބަޑިޖަހައި ބަޔަކު މަރާލުން-- ފޮޓޯ: ސްކައި ނިއުސް

ތައިލެންޑުގެ ބެންކޮކް ކައިރީގައި ހުންނަ ސްކޫލެއްގައި މިއަދު ދަރިވަރަކު ބަޑިޖަހައި، މަދުވެގެން ހަ މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

ރޯޔަލް ތައި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޮންތަބުރީ ޕްރޮވިންސްގައި ހުންނަ ޑެބްސިރިން ނޮންތަބުރީ ސްކޫލްގައި ހިނގި މި ހާދިސާގައި ތިން މުދައްރިސުންނާއި ތިން ދަރިވަރުން ވަނީ މަރުވެފައެވެ. އަދި އިތުރު 15 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދަރިވަރު ސްކޫލަށް ގޮސް ހަމަލާދިނުމުގެ ކުރިން، އޭނާގެ ގޭގައި އޭނާގެ މާމައާއި ކާފަ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ. މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އޭނާގެ އާއިލާގެ މީހެއްގެ އަތުގައި އޮތް ނުވަ އެމްއެމްގެ ފިސްތޯލައެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަޑީގެ އަޑު އިވުމާއެކު ގިނަ ދަރިވަރުން ވަނީ ކްލާސްރޫމްތަކުގެ މޭޒު ދަށަށް ވަދެ ފިލާފައެވެ. އަދި ފުލުހުން ގޮސް އެ ކުދިން ސަލާމަތްކުރަންދެން އެ ކުދިން ތިބީ އެތަނުގައެވެ.

މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރަކުލް ވިދާޅުވި ގޮތުގައި، މިއީ ގައުމުގައި ހިނގައިގެންވާނެ ފަދަ ކަމެއް ނޫނެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ދިރާސީ އަހަރުގައި އެ ސްކޫލްގައި 3،100 އެއްހާ ދަރިވަރުންނާއި 147 މުދައްރިސުން ތައުލީމު ހާސިލުކުރަމުން ދިޔައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް