ތޫފާނެއް އަންނާތީ ޖަޕާނުގެ 260،000 މީހުން ރައްކާތެރި ހިސާބުތަކަށް

ޖަޕާނަށް އަންނަމުންދާ ތޫފާން "ޑޮލްފިން" އާ ގުޅިގެން، އެ ގައުމުގެ ހުޅަނގުދެކުނުގެ ސަރަހައްދުތަކުން 260،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައި، 500 އަށް ވުރެ ގިނަ ފްލައިޓް މިއަދު ކެންސަލްކޮށްފިއެވެ.

ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ބުނި ގޮތުގައި، ކެޓަގަރީ އެކެއްގެ މި ތޫފާނުގައި ގަޑިއަކު 144 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ވިލާގަނޑުގައި ގަޑިއަކު 198 ކިލޯމީޓަރަށް ވައިގަދަވާނެއެވެ. މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ ކިޔޫޝޫ ސަރަހައްދާއި އޮކިނާވާ ޕްރިފެކްޗާއާ ދެމެދުގައިވާ ރަށްތަކާ ދިމާއަށެވެ.

ތޫފާނުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ކަގޮޝީމާއާއި އޮކިނާވާ ޕްރިފެކްޗާއިން މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. މީގެ އިތުރުން، ކާރު އުފައްދާ ކުންފުނި ޓޮޔޯޓާއިން ވަނީ އެ ކުންފުނީގެ ނުވަ ކާރުޚާނާއެއްގެ މަސައްކަތް މިއަދު މެދުކަނޑާލާފައެވެ.

ޖޭއެމްއޭއިން އިންޒާރުދީފައިވާ ގޮތުގައި، އޮކިނާވާއާ ގާތްކުރާއިރުވެސް ތޫފާނުގެ ބާރުމިން ކުޑަނުވާނެ ކަމަށް ބެލެވެއެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

މި ތޫފާނުގެ އަސަރު ކިޔޫޝޫގެ ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާއިރު، އޭގެ ތެރޭގައި މިދިޔަ ހަފުތާގައި އައި 7.1 މެގްނިޓިއުޑްގެ ބިންހެލުމުގެ އަސަރުކޮށްފައިވާ ކުމަމޯޓޯ ޕްރިފެކްޗާވެސް ހިމެނެއެވެ. ބިންހެލުމުގައި ގެތައް ވެއްޓުމުގެ ސަބަބުން ކުމަމޯޓޯގެ 6،700 އެއްހާ މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ. މީގެ އިތުރުން، ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 36 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ހީޓްސްޓްރޯކްގެ ނުރައްކާ އޮތް ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ.

comment ކޮމެންޓް