ހިންމަފުށީ ޑުރަގު ރިހެބް ސެންޓަރުގެ ހާލަތު ގޯސްވުމުގެ ކަންބޮޑުވުމާއެކު، ކުޑޫގެ ސުވާލުތަކެއް އިހުސާނަށް

ހޯމް މިނިސްޓަރު އިހުސާން: މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި -- ފޮޓޯ/ މަޖިލިސް

ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތާއި، އެ ތަނުގެ ހިންގުން ހުރި ގޮތާ މެދު، ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އާއިލާތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަމަށް ވިދާޅުވެ، އެކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހޯމް މިނިސްޓަރު އަލީ އިހުސާނަށް ހުށަހަޅުއްވައިފިއެވެ.

ކުޑޫ ވަނީ މި މަރުކަޒުގެ ހާލަތާ ގުޅޭގޮތުން ޖުމްލަ 10 ސުވާލެއް މިނިސްޓަރު އިހުސާނަށް ފޮނުއްވާފައެވެ. އޭގެ ތެރޭގައި ސެންޓަރުގެ އިމާރާތް ބޭނުންކުރަން ދަތިވާ މިންވަރަށް ބާވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި، ބަލިމީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތް ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދެއްވަން އެދިވަޑައިގަތުން ހިމެނެއެވެ.

މީގެ އިތުރުން، ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކާބޯތަކެތީގެ ފެންވަރާއި، ފާޚާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް ވަނީ ސުވާލު ކުރައްވާފައެވެ.

ސެންޓަރުގައި ދެވޭ ފަރުވާގެ ފެންވަރާ މެދު ސުވާލު އުފައްދަވަމުން ކުޑޫ ވަނީ، އެ ތަނުގައި ހިންގާ ޕްރޮގްރާމްތަކަކީ ޒަމާނީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކެއްތޯ ސުވާލު ކުރައްވާފައެވެ. ޚާއްސަކޮށް، ޔޫއެންއޯޑީސީ އާއި ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭތޯ ބެއްލެވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މެންބަރު މުހައްމަދު އިބްރާހިމް: ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތު ގޯސްވުމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފި -- ފޮޓޯ/ މަޖިލީސް

"ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި، ފާޚާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ކޮބައިތޯ؟" މެންބަރުގެ ސުވާލުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ފަރުވާ ދޭން ތިބޭ މުވައްޒަފުންގެ ގާބިލުކަން ބެލޭނެ ނިޒާމުތަކާއި، އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުމުގެ އުސޫލުތައް ލިޔުމުން ފެންނަން ހުރިތޯ ވެސް ވަނީ ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ކުޑޫ ވަނީ، މަސްތުވުމުގެ ބަލި ފަދަ ނަފުސާނީ ބަލިތަކަށް އެހީތެރިވާ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހުރި މެކޭނިޒަމްތަކާ ބެހޭގޮތުން ވެސް މިނިސްޓަރާ ސުވާލު ކުރިމަތިކުރައްވާފައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ފަރުވާ ބޭނުންވާ ކޮންމެ މީހަކަށް ރައްކާތެރި އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ މާހައުލެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އާއިލާތަކުން ދެކޭކަމަށް ވެސް މެމްބަރު ކުޑޫ ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ފަރުވާގެ ނަތީޖާ ގެއްލި، އަލުން އެ ވަބާގެ ތެރެއަށް މީހާ ދިއުމަށް މަގުފަހިވާނެ ކަމުގެ ބިރު އޮތްކަން މެންބަރު ފާހަގަކުރެއްވިއެވެ.

މި މައުލޫމާތުތަކަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަންކަމަށްވާތީ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މި ސުވާލުތަކަށް ޖަވާބު ދެއްވުމަށް މެންބަރު ކުޑޫ ވަނީ ހޯމް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

https://sun.mv/223969

ހިންމަފުށީ ރިހެބް ސެންޓަރުގެ ހާލަތު ގޯސްވިކަމަށް ވިދާޅުވެ މެމްބަރު ކުޑޫ އިހުސާނަށް ސުވާލުތަކެއް އަމާޒުކުރައްވާފައިވާއިރު، ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު އިހުސާން ވަނީ ޖޫން މަހުގައި އިއުލާން ކުރައްވާފައިއެވެ.

މިނިސްޓަރު އޭރު ވިދާޅުވީ ހިންމަފުށީގައި މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުދާ ކަމަށާއި، އެހެންކަމުން އެ ތަނުގައި ބިޔަ މަޝްރޫޢެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް