އީރާނާ ދެކޮޅަށް އަޅާފައިވާ ހިސާރު ނައްތާލަން އެމެރިކާ ތައްޔާރު ވަނީ

ހުރުމުޒު ކަނޑުއޮޅި --

ވޮޝިންޓަން (8 އޮގަސްޓް 2026): އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމާއެކު އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެމެރިކާ ބުނެފިއެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އީރާނުން ހުރުމުޒު ކަނޑުއޮޅި ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނާއި އޮމާންއާ ދެމެދު ހިނގަމުންދާ މަޝްވަރާތައް ވަނީ ކާމިޔާބުވުމުގެ މަގުމަތީގައެވެ.

"އެ މަޝްވަރާތައް ކާމިޔާބުވެ އެއްބަސްވުމަކަށް އާދެވި އެއްވެސް ހުރަހަކާ ނުލައި އީރާނުން ހުރުމުޒު ހުޅުވާލުމުން އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާ އަޅާފައިވާ ހުރަސްތައް ނައްތާލާނެ،" އެމެރިކާގެ މަސްއޫލުވެރިއާ ހަވާލާދީ ރޮއިޓާސް ބުނެފައި ވެއެވެ.

އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން އީރާނުގެ ތެޔޮއެކްސްޕޯޓް ކުރުމަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތައްވެސް މިހާލަތުގައި އުވާލާނެކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އީރާން ވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލާނީ އެ ގައުމުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ހިސާރު އުވާލައި އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާ ގޮތަށް ނޫނީ ހުރުމުޒު ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށް ބުނެފައެވެ.

އެ ކަނޑުއޮޅި ހުޅުވުމުގެ މައްސަލައަކީ އެމެރިކާއާ ބެހޭ ކަމެއް ނޫންކަމަށް ބުނެ އީރާން ވަނީ ހުރުމުޒު ކަނޑުއޮޅިއާ ބެހޭ ގޮތުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ދެކޮޅު ހަދާފައެވެ.

ހުރުމުޒުގެ މައްސަލާގައި އީރާން މަޝްވަރާ ކުރަނީ އީރާނާއެކު އެ ކަނޑުއޮޅި ހިއްސާކުރާ ހަމައެކަނި ގައުމުކަމަށްވާ އޮމާންއާ އެކުގައެވެ. މި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން އީރާން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އޮމާންއާއެކު ވާ އެއްބަސްވުމަކީ ހަތަރު މަސްދުވަހުގެ ވަގުތީ އެއްބަސްވުމެކެވެ. މި މުއްދަތުގައި ހުރުމުޒު ކަނޑުއޮޅި ހުޅުވޭނީ އެމެރިކާއިން އީރާނުގެ އެއްވެސް ތަނަކަށް ހަމަލާނުދިނުމަށް އެމެރިކާ އެއްބަސްވުމުންނެވެ. އަދި ހުރުމުޒުން ހުރަސް ކުރެވޭނީ އީރާނާއި އޮމާން އެއްބަސްވާ ކޮރިޑޯތަކުން އެކަންޏެވެ.

މީގެއިތުރުން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އީރާނުން މިދިޔަ ޖޫން މަހުގެ 18 ގައި ސޮއިކުރި އެމްއޯޔޫއަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވާން ޖެހޭނެ ކަމަށް ވެސް މި އެއްބަސްވުމުގެ ޑްރާފްޓްގައިވާ ކަމަށް ޚަބަރު ލިބެއެވެ. މި އެއްބަސްވުމުގައި އެމެރިކާ ވެސް ކުރަންޖެހޭ ކަންކަން ހިމެނޭތީ މި އެއްބަސްވުން ޑްރާފްޓްކުރަނީ އޭގައި އެމެރިކާ ވެސް ސޮއިކުރާ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމާއެކު އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވެފައި މިވަނީ، ހުރުމުޒު ކަނޑުއޮޅި ވަނީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ނޫންކަމަށާއި އެކަ ނޑުއޮޅި މިހާތަނަށް ވެސް އޮތީ އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވެސް ވަނީ އީރާނަށް ހުރުމުޒު ކަނޑުއޮޅި ބަންދު ކުރެވިފައި ނުވާ ކަމަށާއި އެ ކަނޑުއޮޅި އަދިވެސް ކޮންޓްރޯލް ކުރަނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ބުނެފައެވެ.

އެމެރިކާއަށް ހުރުމުޒުގެ ކޮންޓްރޯލް އޮތްނަމަ އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމާއެކު އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވާން ޖެހޭ ސަބަބެއް އޮތްތޯ ވަނީ ސުވާލު އުފެދިފައެވެ. އަދި އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ހުރުމުޒު ކަނޑުއޮޅި އޮތްނަމަ އެތަން އަލުން ހުޅުވުމާ ބެހޭ ގޮތުން އީރާނާއި އޮމާން މަޝްވަރާ ކުރަނީ ކީއްވެތޯ އަދި ހުރުމުޒު ކަނޑުއޮޅިން ބޯޓުތަކަށް ހުރަސް ނުކުރެވި ތެލާއި ތަކެތީ އަގުމައްޗަށް ދަނީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭ ގޮތުން އީރާނާއި އޮމާން އާ ދެމެދު ކުރާ މަޝްވަރާތަކުގައި އީރާނަށް ހިއްވަރު ދިނުމުގެ ގޮތުން އެމެރިކާ އިއްޔެ ވަނީ އީރާނުގެ ވައިގެ ދަތުރުފަތުރާ ބެހޭ ކުންފުނިތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލިކަން ވެސް އިއުލާނުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު