ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ވެރިޔަކަށް ގާނޫނުއަސާސީ އެ ވެރިޔަކު ބޭނުންފުޅުވާ ގޮތަށް އަނބުރާލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ގޮތަކަށް ގާނޫނުއަސާސީ ބަދަލު ނުކުރެވޭނެހެން އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ރޭ ވިދާޅުވީ، 2008 ވަނަ އަހަރު ވުޖޫދުވި ގާނޫނުއަސާސީގެ ސަބަބުން ރައްޔިތުން ބޭނުންވާ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް ގައުމަށް އަންނަ ވެރިޔަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު މި ހައްގުތައް އަލުން އަތުލައިގަތުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ އެއީ ބޮޑު ބިރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑު ކަންބޮޑުވުމެއް ވަނީ ފަހަތައް އަނބުރާލުމުގެ ފުރުސަތު އޮތްކަމަށް ފެންނާތީ. މިދެންނެވީ ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބުނު ހައްގުތަކާއި ކުރިއެރުންތައް ވެރިޔަކަށް އަންނަ މީހާ މަޖިލިސް ތެރެއިން އެ އުނިކޮށްލާ، ގާނޫނު އަސާސީގައި އޮންނަ މަފްހޫމްތައް ފަހަތައް ޖައްސާލައި، ނުވަތަ އަނބުރާ ގޯސްކޮށްލުމުގެ ފުރުސަތު އެބަ އޮތް،" ފައްޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ހާލަތަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، މިހާރު މަޖިލީހުގައި އެއްވެސް މެންބަރެއްގެ އަމިއްލަ ބާރެއް ނެތް ކަމަށާއި، މެންބަރުންގެ ފުރިހަމަ ބާރާއި އެތަނުގެ "ތަޅުދަނޑި" އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށެވެ.
ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ ބާރު 93 މެންބަރުންނަށް ދީފައި އޮތް ނަމަވެސް، މިހާރު ފެންނަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތްއިރުވެސް، އިދިކޮޅު ފަރާތްތަކަށް ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަމާއި، މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރުމުގެ ހިތްވަރު އޭރު ހުރިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރުގެ މަޖިލީހުގައި ރައްޔިތުންނާ ގުޅޭ އެއްވެސް މުހިންމު ވާހަކައެއް ނުދައްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މެންބަރުންނަކީ ގާނޫނުއަސާސީއާއި ޑިމޮކްރަސީ ހިފަހައްޓަން ހުވާކުރަންޖެހޭ ބައެއް ކަމަށް ގާނޫނުއަސާސީގައި ލިޔަންޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީއާ ދެކޮޅަށް ދެކެވޭ ވާހަކަތަކާމެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.