އޮޑި ސްޕޯޓްސްގެ އައު ކޯޗަކަށް ޔޫރަޕާއި އޭޝިއާގެ ތަޖުރިބާކާރު ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ

އޮޑީގެ އައު ކޯޗު ރުއީ ގްރެގޯރިއޯ--

އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް، ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ އައްޔަންކޮށްފިއެވެ.

ކޯޗިން ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ އުމުރުން 57 އަހަރުގެ ގްރެގޯރިއޯ ވަނީ ޔޫރަޕާއި، އޭޝިއާ އަދި އެފްރިކާގެ ގިނަ ކުލަބުތަކެއްގައި ކޯޗެއްގެ އިތުރުން ޓެކްނިކަލް އިސް މަގާމުތައް ފުރައި، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ ޕޯޗުގަލް، ސައުދީ އަރަބިއްޔާ، ސައިޕްރަސް، ސްކޮޓްލެންޑް، އިންޑިއާ، ގާނާ، ލުބުނާން، މިޔަންމާ އަދި އެންގޯލާގެ ކުލަބުތަކަށް އިރުޝާދު ދީފައެވެ.

އައު ކޯޗު ގްރެގޯރިއޯ އައިސް ޓީމާ ހަވާލުވަންދެން، މިވަގުތު އޮޑި ސްޕޯޓްސްގެ ކޯޗެއްގެ ގޮތުގައި އިރުޝާދު ދެމުންދަނީ އެސިސްޓަންޓް ކޯޗު އަޙްމަދު ފައްރާހު (ފައްރަ) އެވެ.

އޮޑި ސްޕޯޓްސްއިން އައު ކޯޗެއް ހޯދީ، މިދިޔަ ސީޒަނުގައި އެ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ސްޕެއިންގެ ކޯޗު އަންދްރޭސް ގާސިއާ ކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ.

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި ފުރަތަމަ ސީޒަނުގައި ގާސިއާގެ އިރުޝާދުގެ ދަށުން އޮޑި ސްޕޯޓްސްއިން ވަނީ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދައި، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ކަށަވަރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު