އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ހާ އަލިފު އަތޮޅުގެ ޗެމްޕިއަންކަމާ އެކު އިހަވަަންދޫން މި މުބާރާތުގެ އެންމެ ފުރަތަމަ އަތޮޅު ޝީލްޑް ކާމިޔާބުކުރި ރަށުގެ ތާރީޚީ ޝަރަފު ހޯދައިފިއެވެ.
ހއ. އަތޮޅުން މުބާރާތުގައި ވާދަކުރީ އިހަވަންދޫ އާއި ފިއްލަދޫ އެކަނި ކަމަށްވުމުން، އަތޮޅު ޗެމްޕިއަންކަން ކަށަވަރުކުރީ އިހަވަންދޫގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުންނެވެ. ޖޭ ސްޕޯޓްސް އެކެޑެމީގެ ނަމުގައި ނުކުތް އިހަވަންދޫ ޓީމުން އަތޮޅު ޝީލްޑު އުފުލާލީ ފިއްލަދޫގެ މައްޗަށް 5-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.
މެޗުގައި އެންމެ ބޮޑު ތަފާތަކަށް ފެނުނީ އިހަވަންދޫ ޓީމަށް ކުޅުނު މިސްރު ކުޅުންތެރިޔާ އަޙްމަދު އަލްސަޢީދު ޢަލީ ޙަމީދެވެ.
މެޗު ފެށިގެން އިހަވަންދޫއިން ވަރުގަދައަށް ކުޅެމުންދަނިކޮށް، މެޗުގެ 9 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މުޙައްމަދު ސާނިއުއެވެ. އިހަވަންދޫއިން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، އަޙްމަދު އަލްސަޢީދެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން އިހަވަންދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެންވެސް އިހަވަންދޫގެ ފޯވާޑް ލައިނުގެ ނުރައްކާ ކުޑައެއް ނުވިއެވެ. އަލްސަޢީދު ވަނީ ބާރު ހަމަލާއަކުން އިހަވަންދޫގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިންއެކީ އަތުލާފައެވެ. އޭގެފަހުން، ފަހަތުން އަރައި އޭރިއާ ތެރެއަށް ވަދެ ހަމަޖެހިލާފައި ސާނިއު ވަނީ އޭނާގެ ދެވަނަ ލަނޑާއެކު އިހަވަންދޫގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އިހަވަންދޫގެ ފަސްވަނަ ލަނޑާއެކު އަލްސައީދުގެ ހެޓްރިކް ފެނުނީ މެޗުގެ 34 ވަނަ މިނެޓުގައެވެ.
މި ނާކާމިޔާބީއާ އެކުވެސް ފިއްލަދޫއަށް މުބާރާތް ނިމުނީކީ ނޫނެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން އަތޮޅު ބުރުގެ ފައިނަލްގައި ވާދަކުރާ ދެ ޓީމަށްވެސް ޒޯން ބުރަށް ކޮލިފައިވެވޭނެއެވެ.
އެހެންކަމުން ނޯތު ޒޯން 1 ގައި ހއ. އަތޮޅު ތަމްސީލުކުރާނީ އިހަވަންދޫ އާއި ފިއްލަދޫއެވެ. މި ޒޯން ބުރުގައި އެ ދެ ޓީމު ވާދަކުރަންޖެހޭނީ ހދ. އަތޮޅާއި ށ. އަތޮޅުގެ ފައިނަލިސްޓުންނާއެވެ.