ރެމެޑީ އެންޓަޓެއިންމަންޓުން ނެރުނު މަގުބޫލު ސަވައިވަލް ހޮރޯ ގޭމް "އެލަން ވޭކް 2" ނެރުނުތާ ތިން އަހަރުވެސް ނުވަނީސް، އެ ގޭމު ވިކުނު އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
މިއީ ރެމެޑީގެ ތާރީޚުގައިވެސް އެންމެ އަވަހަށް ވިކެމުންދާ ގޭމު ކަމަށްވާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ގޭމުގެ ވިޔަފާރި ވަނީ ތިން މިލިއަން ކޮޕީއަށްވުރެ އިތުރުވެފައެވެ.
ޕީސީ، ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސް އަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު މި ގޭމަކީ ނެރުނު ދުވަސްވަރުވެސް ގޭމިން ދާއިރާގެ ގިނަ ބައެއްގެ ތައުރީފު އިންތިހާއަށް ލިބުނު ގޭމެކެވެ.
މި ގޭމު ނެރުނުތާ ދެ މަސް ދުވަހުގެ ތެރޭގައި (2023 ގެ ޑިސެމްބަރުގެ ނިޔަލަށް) ވަނީ އެއް މިލިއަން ކޮޕީ ވިކިފައެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 1.3 މިލިއަން ކޮޕީ ވިކިފައިވާއިރު، އެ އަހަރުގެ ނިޔަލަށް ވިކުނު އަދަދު ވަނީ ދެ މިލިއަނަށް އަރައިފައެވެ.

ރެމެޑީން މިހާރު ދަނީ އިތުރު ތިން މަޝްރޫއެއްގެ މަސައްކަތް ކުރަމުން ---
ގޭމު އުފެއްދުމަށާއި މާކެޓް ކުރުމަށް ހިންގި ޚަރަދުތައް ފަހަނައަޅައި، ގޭމުން ފައިދާ ލިބެން ފަށާފައިވާކަން ރެމެޑީން ކުރިންވެސް ހާމަކޮށްފައިވެއެވެ.
ރެމެޑީން މިހާރު ދަނީ އިތުރު ތިން މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މެކްސް ޕޭން 1 އަދި 2 ގެ ރީމޭކްއާއި، އަދި ނަން އިއުލާންނުކުރާ އާ މަޝްރޫއެއްގެ އިތުރުން "ކޮންޓްރޯލް ރެސޮނަންޓް" އެވެ.
"ކޮންޓްރޯލް ރެސޮނަންޓް" ނެރުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ގައެވެ. މި ގޭމަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އެކި ޕްލެޓްފޯމްތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ގޭމު ވިޝްލިސްޓްކޮށްފައެވެ.
"އެލަން ވޭކް" ސީރީޒްގެ ފުރަތަމަ ގޭމު 2010 ވަނަ އަހަރު ނެރުނުއިރު، އެ ގޭމަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އޭގެ ގާތްގަނޑަކަށް 13 އަހަރު ފަހުން ނެރުނު "އެލަން ވޭކް 2" ވެގެންގޮސްފައިވަނީ ގޭމިންގ ދާއިރާގެ ގިނަ އެވޯޑުތަކެއް ހާސިލުކޮށް، ގޭމް ކުޅޭ ފަރާތްތަކުގެ މަގުބޫލުކަން އިންތިހާއަށް ލިބުނު އުފެއްދުމަކަށެވެ.