ނޭޓޯ ސަމިޓަށް ފަހު ފްލައިޓް ބަދަލުކުރީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް: ޓްރަމްޕް

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ޓްރަމްޕް އަންކާރާއަށް ކުރެއްވި ދަތުރުފުޅަށްފަހު އީރާނުގެ ހަމަލާއެއް އަތުވެދާނެތީ އަނބުރާ ވަޑައިގެެންނެވީ އެހެން ބޯޓެއްގައި. ފޮޓޯ/ރޮއިޓާސް

މިދިޔަ މަހު ތުރުކީގެ އަންކާރާގައި އޮތް ނޭޓޯ ސަމިޓަށްފަހު އެއާ ފޯސް ވަން އިން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގަތީ ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.

ޓްރަމްޕް އެކަން ހާމަކުރައްވާފައި ވަނީ ކާބޯތަކެތި އުފުލާ ޓްރަކެއް ބޭނުންކުރައްވައިގެން ސިއްރިއްޔާތުގައި އެހެން ބޯޓަކަށް އެރުއްވި ކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ.

"އަހަރެން ދިޔައީ ސީކްރެޓް ސާވިސް އާއި އަސްކަރިއްޔާގެ ތެރެއިން. އެމީހުން ބޭނުންވީ އަހަރެން އެހެން ބޯޓެއްގައި ދަތުރު ކުރަން. އަހަރެން ޖެހޭނީ އެމީހުން ބުނާ ގޮތެއް ހަދަން." އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ފަހު ވަގުތު އެގޮތަށް ނިންމުމުން ޓްރަމްްޕް އެންމެ ފުރަތަމަ ދަތުރުކުރައްވަން ހަމަޖެހިފައިއޮތް ބޯޓަށް ބޮޑު ނުރައްކަލެއް އޮތްތޯ ސުވާލު އުފެއްދިއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ފަހުން އެރި އަސްކަރީ ޖެޓަށް "ބޮޑު ނުރައްކަލެއް" އޮތް ކަމަށެވެ.

ސީބީއެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އޮފިޝަލުން ބުނީ ބޯޓަށް އީރާނުގެ މިސައިލު ހަމަލާއެއް އަތުވެެދާނެ ކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން އަންކާރާގައި ބޭއްވި ސަމިޓްގައި އޭނާއަކީ އީރާނުގެ "އެއް ނަމްބަރު އަމާޒު" ކަމަށް ވިދާޅުވެފައެވެ.

ޓްރަމްްޕް ބޯުޓު ބަދަލުކުރެއްވި ގޮތް. ފޮޓޯ/ބީބީސީ

ޓްރަމްޕް ތުރުކީއަށް ވަޑައިގެންނެވީ ގަތަރުން ހަދިޔާކުރި އާ ބޮއިންގް 747-8 މަތިންދާބޯޓެއްގައި ނަމަވެސް، ފުރާވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ދަތުރުކުރައްވާ "އެއާ ފޯސް ވަން" (ބޮއިން 747) ގައި ކަމަށް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު އަންކާރާ އެއާޕޯޓުން ރިޔާސީ ޖެޓަށް އަރާވަޑައިގަންނަވާ މަންޒަރު ފޫޓޭޖުތަކުން ފެނެއެވެ.

ނަމަވެސް ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި ބޯޓަށް އަރާވަޑައިގަތުމަށް ފަހު، ސިއްރިއްޔާތުގައި ވަނީ އެއާޕޯޓުގެ ކާބޯތަކެތި އުފުލުމަށް ބޭނުންކުރާ ހާއްސަ ޓްރަކަކަށް ބަދަލުކޮށް، ކައިރީގައި އޮތް ކުޑަ މިލިޓަރީ ޖެޓެއް ކަމަށްވާ C-32A އަށް އަރާވަޑައިގެންފައެވެ.

ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ވަނީ ބޭރު ސިޑި ބޭނުންކޮށްގެން ސީ-32އޭ އަށް ވަކިން އަރާވަޑައިގެންފައި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ނޫސްވެރިންނާއި ވައިޓް ހައުސްގެ ބައެއް މުވައްޒަފުން އެއާފޯސް ވަން އަށް އެރުމުން ކުޑަދޮރުގެ ޝޭޑްތައް ބަންދު ކުރުމަށް އެންގި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުންނަށް އެ ބޯޓުގައި ޓްރަމްްޕް ނެތްކަން ނޭނގޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޓްރަމްޕް ތުރުކީއަށް ވަޑައިގެންނެވި ގަތަރުގެ ބޮއިން 747-8 ބޯޓަކީ އަދި މިސައިލުން ދިފާއުވުމުގެ ނިޒާމުތައް ފުރިހަމައަށް ހުރި ބޯޓަކަށް ނުވާތީ، ސީކްރެޓް ސާވިސްއިން ވަނީ އެ ބޯޓުގައި އެނބުރި ވަޑައިނުގަތުމަށް އިރުޝާދު ދީފައެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އާ ބޯޓުގެ ބަދަލުގައި ކުރީގެ "އެއާ ފޯސް ވަން" ބޭނުންކުރައްވަނީ "ކުރީގެ ހަނދާންތައް އާކުރުމުގެ ގޮތުން" ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކުރި ކަމެކެވެ.

ޓްރަމްޕް C-32A ބޯޓުގައި ވަޑައިގެން މަޑުކުރެއްވީ އިނގިރޭސިވިލާތުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ ރޯޔަލް އެއާ ފޯސް މިލްޑެންހޯލްގަ އެވެ. އެއަށްފަހު އަލުން އަނެއް ބޯޓުގައި އެމެރިކާއަށް ދަތުރުކުރެއްވިއެވެ.

comment ކޮމެންޓް