ދައުލަތުގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި، އިންސާނާގެ ފުރާނައާއި ސިއްޙަތަށް ރައްކާތެރިކަން ލިބިދޭނެ ގޮތްތައް ހަމަޖައްސައިދިނުން ހިމެނެއެވެ. ކުއްލި ހާދިސާތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތައް ޤާއިމުވެފައިވަނީ ވެސް މައިގަނޑު ގޮތެއްގައި އެ މަޤްޞަދުގައެވެ. އެހެންކަމުން، އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް ދައުލަތުން މަސައްކަތްކުރާ ފަދައިން، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ނުރައްކާތެރި ހާލަތްތަކަށް ނެރޭ އޮފިސަރުންނަށް ވެސް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހެއެވެ.
މިފަދަ މަސައްކަތްތަކުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި - ޚާއްޞަކޮށް މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ - ކަން ހިނގާ ދިޔަ ގޮތް ރަނގަޅަށް ތަހުގީގުކޮށް، ކުރިމަގުގައި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުން ދައުލަތަށް ލާޒިމުވެއެވެ.
މީހުން ސަލާމަތްކުރުމާއި ހޯދުމުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވި އޮފިސަރުން ނިޔާވުމާއި ގެއްލުމުގެ ދެ ހާދިސާއެއް މިފަހުން ރާއްޖޭގައި ވަނީ ހިނގާފައެވެ. މެއި 2026 ގައި، ވ. އަލިމަތާ ކައިރިން ކަނޑުއަޑީގެ ހޮހަޅައެއްގައި ތާށިވި އިޓަލީގެ ޑައިވަރުންތަކެއް ހޯދުމުގެ އޮޕަރޭޝަންގައި ކޯސްޓްގާޑުގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. އަދި މި ހިނގާ އޯގަސްޓު މަހު، "ފްރެންޑް 4" ދޯންޏަށް ދިމާވި ހާދިސާގައި، އެހީތެރިވުމުގެ މަސައްކަތް ހިނގަމުންދަނިކޮށް ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ، އެ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫންއާއެކު ގެއްލިފައެވެ.
މިފަދަ ސީރިޔަސް ހާދިސާތައް ތަކުރާރުވަމުންދާއިރު އުފައްދާންޖެހޭ ސުވާލެއް އެބައޮތެވެ. "މީހަކު ސަލާމަތްކުރަން ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން، އެ މަސައްކަތުގައި އުޅުނު މީހާގެ ފުރާނަ ގެއްލުމުން، އެ އޮޕަރޭޝަން ހިންގި ގޮތް މިނިވަންކަމާއެކު ތަހުގީގުކުރެވޭހެއްޔެވެ؟"
އަލިމަތާ ހާދިސާ
މެއި 2026 ގެ ހާދިސާ ފެށުނީ ވ. އަލިމަތާ ކައިރީގައިވާ ކަނޑުއަޑީގެ ހޮހަޅައަކަށް ވަން އިޓަލީގެ ފަސް ޑައިވަރުން ގެއްލުމުންނެވެ. އެއީ އިންތިހާއަށް ނުރައްކާތެރި މާހައުލެކެވެ. ރިޕޯޓުތައް ބުނާގޮތުން އެ ހޮހަޅައިގެ ބައެއް ސަރަހައްދުތަކުގައި 50 އާއި 60 މީޓަރާ ދެމެދުގެ ފުންމިން ހުރެއެވެ. މިއީ ރާއްޖޭގައި އާންމުކޮށް ޑައިވިން ކުރުމަށް ކަނޑައަޅާފައިވާ 30 މީޓަރަށްވުރެ މާ ފުން މިންވަރެކެވެ.
އެމްއެންޑީއެފް އާއި ފުލުހުން ވަނީ ގެއްލުނު މީހުން ހޯދުމާއި ނެގުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެފަހުން ސަރުކާރުން ވަނީ އޭނާގެ ޚިދުމަތާއި ވި ގުރުބާނީގެ އަގުވަޒަންކޮށްފައެވެ. ނަމަވެސް މިހާ ހިސާބުން މިކަން ނިންމައިލެވޭނެހެއްޔެވެ؟
ކަނޑުއަޑީގެ ހޮހަޅަތަކަށް ޑައިވްކުރުމަކީ އާންމުކޮށް ކުރާ ޑައިވިނާ ތަފާތު ކަމެކެވެ. ފުން ހޮހަޅަތަކަށް ވަނުމަށް ބޭނުންވާ ޚާއްސަ ތަމްރީނާއި ވަސީލަތްތަކާއި ޑީކޮމްޕްރެޝަން އުސޫލުތަކުގެ އިތުރުން، އެފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ބޭނުންވެއެވެ.
މަހުދީ ނިޔާވުމަށްފަހު، މީހުން ނެގުމުގެ އޮޕަރޭޝަން މެދުކަނޑާލިއެވެ. އޭގެފަހުން އޮޕަރޭޝަން އަލުން ފެށީ ފިންލޭންޑްގެ ޓެކްނިކަލް ޑައިވިންގެ ތިން މާހިރުންގެ އެހީގައެވެ. އޭގެތެރޭގައި ހޮހަޅަތަކަށް ޑައިވްކުރުމުގެ މާހިރަކު ވެސް ހިމެނެއެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑު ހޯދައި ނެގުމުގައި އެހީތެރިވީ އެމީހުންނެވެ.
މި ކަންކަން ހިނގާދިޔަ ގޮތަށް އެކަނި ބެލިކަމުގައި ވިޔަސް، އޮޕަރޭޝަން ހިންގި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގާންޖެހެއެވެ.
އެ މިޝަނަށް ބޭނުންވާ ތަމްރީނާއި ޓެކްނިކަލް ތަޖުރިބާ ދިވެހި އޮފިސަރުންގެ ހުރިހެއްޔެވެ؟ ބޭނުންކުރީ އެކަމަށް އެކަށީގެންވާ ވަސީލަތްތަކެއްހެއްޔެވެ؟ ޑައިވްކުރުމުގެ ކުރިން ނުރައްކާތައް ވަޒަންކުރީ ކިހިނެއްހެއްޔެވެ؟ ކުއްލި ހާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ ރޭވުމެއް އޮތްހެއްޔެވެ؟ އަދި އެ ނިންމުންތައް ނިންމީ ކާކުހެއްޔެވެ؟ މިއީ އިހުމާލެއް ވެފައިވޭތޯ ބެލުމަށާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮޕަރޭޝަން ރާވާފައިވަނިކޮށް ހިނގި ހާދިސާއެއްތޯ ކަށަވަރުކުރުމަށް އުފައްދާ ސުވާލުތަކެކެވެ.
އޭގެފަހުން ފުލުހުން ވަނީ މަހުދީގެ މަރުގެ ތަހުގީގެއް ފަށާފައިވާކަން އިއުލާންކޮށްފައެވެ. އެއީ ވަރަށް މުހިންމު ފިޔަވަޅެކެވެ. ނަމަވެސް މިއާއެކު ދަންނާންޖެހޭ ހަގީގަތަކީ، މަރުގެ ތަހުގީގާއި މުއައްސަސާއިން ގެންގުޅޭ ސަލާމަތީ މިންގަނޑުތަކާ ބެހޭ ތަހުގީގަކީ މުޅިން ތަފާތު ދެ ކަމެކެވެ.
"ފްރެންޑް 4" ދޯނީގެ ހިތާމަވެރި ހާދިސާ
އަލިމަތާ ހާދިސާއަށް ތިން މަސް ވެސް ނުވަނީސް، ޤައުމަށް މިވަނީ ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ހިނގި ހިތާމަވެރި އަނެއް ހާދިސާއާ ކުރިމަތިލާންޖެހިފައެވެ.
އަށް ފަޅުވެރިންނާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއެކު ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަށް، އޯގަސްޓު 5 ގައި ހުވަދޫ ކަނޑުން ވަނީ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެފައެވެ. ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، އެ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫންގެ އިތުރުން، ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ ގެއްލިފައެވެ.
މި ލިޔުން ލިޔަމުންދާއިރު ވެސް، އެމީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ ވަސީލަތްތަކެއް ބޭނުންކޮށް، ވައިގެ މަގުންނާއި ކަނޑުމަގުން ބަލާ ސަރަހައްދު ފުޅާކޮށް، ބޭރުގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
މީހުން ހޯދުމުގެ އޮޕަރޭޝަން ނިމުމަކަށް އައުމުން، އެ އޮޕަރޭޝަން ހިންގި ގޮތުގެ ފުރިހަމަ އަދި ސާފު ތަހުގީގެއް ހިންގާންޖެހޭނެއެވެ.
ސަލާމަތްކުރުމުގެ އޮޕަރޭޝަން ހިންގާ ފަރާތްތަކަށް ދެވުނުއިރު "ފްރެންޑް 4" ގެ ހާލަތަކީ ކޮބައިހެއްޔެވެ؟ ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިސަރުން ނުރައްކަލަށް ހުށަހެޅުނީ ކޮން ހިސާބަކުންހެއްޔެވެ؟ ބޭނުންކުރީ ކޮން ވަސީލަތްތަކާއި ސަލާމަތީ އާލާތްތަކެއްހެއްޔެވެ؟ އޮޕަރޭޝަންގެ އަމުރު ނެރުނީ ކާކުހެއްޔެވެ؟ ދޯނީގެ ހާލަތު ގޯސްވަމުން ދިޔަވަރަކަށް ނުރައްކާތައް އަލުން ވަޒަންކުރެވުނުހެއްޔެވެ؟
ތަހުގީގު ކުރުމަށް ގޮވައިލުމަކީ މުއައްސަސާއަށް ދެވޭ ހަމަލާއެއްނޫން!
ފުލުހަކު ނުވަތަ ސިފައިންގެ މީހަކު ނިޔާވުމަށްފަހު ސުވާލުތައް އުފައްދާން ފެށުމުން، އެއީ މުއައްސަސާއަށް ފާޑުކިއުން ކަމަށް ނުވަތަ އޮޕަރޭޝަންގައި ބައިވެރިވި މީހުންނަށް ކުރެވޭ ބޭއިހްތިރާމެއް ކަމަށް ބައެއް ފަހަރު މާނަކުރެވެއެވެ. ނަމަވެސް އެއީ ކަންއޮތް ގޮތެއްނޫނެވެ. ޕްރޮފެޝަނަލް ތަހުގީގަކަށް ވަކާލާތުކުރުމަކީ ވަކި މީހަކު ކުށްވެރިކުރުމެއް ނޫނެވެ. އެއީ ހާދިސާގެ ޙަޤީޤަތް ހޯދައި މައްސަލަތައް އިސްލާހުކުރުމުގެ އެންމެ މުހިންމު ފިޔަވަޅެވެ.
ރައްކާތެރިކަމާ ބެހޭ ތަހުގީގުތަކުން އެނގޭ ގޮތުގައި، ގިނަ ފަހަރަށް ސީރިއަސް ހާދިސާއެއް ހިނގަނީ އެކަކަށް ހެދޭ ގޯހަކުންނެއް ނޫނެވެ. އޭގެ ފަހަތުގައި އެތައް ސަބަބުތަކެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި، ބޭނުންކުރި ވަސީލަތްތަކާއި ދެވުނު ތަމްރީނާއި މުއާމަލާތުކުރި ގޮތާއި މާހައުލުގެ ނުރައްކާތެރިކަމުގެ އިތުރުން، ސުޕަވައިޒްކުރުމާއި އަމުރުތައް ނެރުނު ގޮތް ހިމެނެއެވެ.
އިންސާނީ ގޯސްތަކާއި ނުރައްކާތައް މެނޭޖްކުރުމާ ބެހޭ ދާއިރާގައި ޖޭމްސް ރީޒަން ހުށަހަޅާ "ސްވިސް ޗީޒް މޮޑެލް" އިން އަންގައިދޭ ގޮތުގައި، ގިނަފަހަރަށް އެކްސިޑެންޓުތަކާއި ނުރައްކާތެރި ހާދިސާތައް ދިމާވަނީ އިސް ސަފުގައި އުޅޭ މުވައްޒަފުންގެ ފަރުވާކުޑަކަމުން އެކަންޏެއްނޫނެވެ. އެއީ ނިޒާމުގެ ތެރޭގައި ސިއްރުވެފައި ހުންނަ މައްސަލަތަކާއި ވަކި ފަރުދަކަށް ސީދާ ހެދޭ ގޯސްތައް އެކުވެގެން އުފެދޭ ނަތީޖާއެކެވެ (ރީޒަން، 2000).
ވީމާ، ނުރައްކާތެރި ހާދިސާއެއް ހިނގުމުން ސުވާލު ކުރާންޖެހެއެވެ. އެފަދަ ނަތީޖާއެއް ނުކުތުމަށް ނިޒާމުގެ ތެރެއިން ފުރުސަތު ލިބުނީ ކީއްވެގެންހެއްޔެވެ؟ އަދި އަލުން އެފަދަ ކަމެއް ހިނގުން ހުއްޓުވުމަށް ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟
ހާދިސާތައް ތަހުގީގު ކުރުމުގައި ބައިނަލްއަޤްވާމީ ބައެއް މިސާލު
ނޯވޭގައި "ނޯވޭޖިއަން ސޭފްޓީ އިންވެސްޓިގޭޝަން އޮތޯރިޓީ" ގެ ނަމުގައި، ވަޔާއި ކަނޑާއި އެއްގަމު ދަތުރުފަތުރުގެ އިތުރުން ދިފާޢީ ދާއިރާގައި ހިނގާ ހާދިސާތައް ތަހުގީގުކުރާ މުސްތަޤިއްލު އިދާރާއެއް އޮވެއެވެ.
އެމެރިކާގެ "ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު" އަކީ ވެސް ދަތުރުފަތުރުގެ ސީރިއަސް ހާދިސާތައް މުސްތަޤިއްލުކަމާއެކު ތަހުގީގުކުރާ އިދާރާއެކެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހޯދައި، އަލުން އެފަދަ ކަމެއް ނުހިނގާނެ ގޮތަށް ސަލާމަތީ އިރުޝާދުތަކާއި އިޞްލާޙުތައް މި މުއައްސަސާއިން ނެރެއެވެ. ހަމަ މިގޮތަށް އިނގިރޭސިވިލާތުގައި، މަސައްކަތާ ގުޅިގެން މީހަކު ނިޔާވާ ހާދިސާއެއް ހިނގުމުން، "ހެލްތު އެންޑް ސޭފްޓީ އެގްޒެކެޓިވް" އާއި ފުލުހުންގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގުކުރެއެވެ. އަދި ހާދިސާ ހިނގި ގޮތާއި އެހެންވީ ކީއްވެކަން ބަލައި، އެފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅައެވެ.
މިފަދަ ތަހުގީގީ ނިޒާމުތަކަކީ ހުރިހާ ޤައުމެއްގައި އެއްގޮތަށް ހިންގާ ކަމެއް ނޫނެވެ. ބައެއް ޤައުމުތަކުގައި ތަފާތު ދާއިރާތަކުގެ ސީރިއަސް ހާދިސާތައް އެއް އިދާރާއަކުން ތަހުގީގުކުރާ އިރު، އެހެން ޤައުމުތަކުގައި ދާއިރާއަށް ބަލައި ތަފާތު އިދާރާތަކުން މި ޒިންމާ އުފުލައެވެ. ނަމަވެސް މި ނިޒާމުތަކުގެ ޚާއްސަ ކަމަކީ ހާދިސާ ހިނގި ސަބަބުތަކާއި ނިޒާމީ އުނިކަންތައްތައް ދެނެގަނެ އެފަދަ ހާދިސާއެއް ތަކުރާރުނުވާނެ ގޮތް ހޯދާކަމެވެ.
އެތެރޭގެ ތަހުގީގަކުން އެކަނި ފުދޭނެތަ؟
ސީރިއަސް ހާދިސާތަކަށްފަހު މުއައްސަސާގެ އެތެރެއިން ތަހުގީގެއް ހިންގުމަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް އިންސާނެއްގެ ފުރާނަ ދިއުން ފަދަ ޙައްސާސް މައްސަލަތަކުގައި އެވަރުން ފުދޭނެތޯ ސުވާލު ކުރެވިދާނެއެވެ.
އަމިއްލަ މުއައްސަސާއިން ހިންގާ ތަހުގީގުތަކަށް އާންމުންގެ އިތުބާރު ލިބުމަކީ ވަރަށް ދަތިކަމެކެވެ. ޓެކްނިކަލް ގޮތުން ކިތަންމެ ފުރިހަމަ ރިޕޯޓެއް އެކުލަވާލި ކަމުގައިވިޔަސް، އޭގެ މަސައްކަތް ކުރެވުނު ގޮތާއި ހެކިތަކާއި ނިންމުންތަކުގެ އިތުރުން ދެވުނު އިރުޝާދުތައް ސިއްރުކުރެވިފައިވާނަމަ އޭގެ އިތުބާރެއް ނޯންނާނެއެވެ.
ރައްކާތެރިކަން ތަހުގީގު ކުރާ ދާއިމީ ނިޒާމެއް ބޭނުން
ނުރައްކާތެރި ހާދިސާތަކާއި ނިޒާމީ މައްސަލަތަކާ ގުޅިގެން ޤައުމުގައި ހިނގާ މަރުގެ ހާދިސާތަކާއި ބޮޑެތި އަނިޔާތައް މުސްތަޤިއްލުކަމާއެކު ތަހުގީގު ކުރެވޭނެ ދާއިމީ ނިޒާމެއް ޤާއިމު ކުރުމާ މެދު އަޅުގަނޑުމެން ސީރިއަސްކޮށް ވިސްނަންޖެހެއެވެ.
އެފަދަ ނިޒާމެއްގައި، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ނުރައްކާތެރި ހާދިސާތައް ތަހުގީގު ކުރެވޭނެއެވެ. އޭގެ އިތުރުން، އަމިއްލަ ޞިނާޢަތްތަކާއި މަސައްކަތުގެ މާހައުލުގައި ހިނގާ ހިތާމަވެރި ހާދިސާތަކާއި ސަލާމަތީ އޮޕަރޭޝަންތަކުގައި ލިބޭ ބޮޑެތި އަނިޔާތަކާއި މަރުގެ މައްސަލަތައް ވެސް އެ ނިޒާމުން ބެލޭނެއެވެ.
ފުލުހުންނަށް މަރުގެ މައްސަލަތަކާއި ސީރިއަސް ހާދިސާތައް ތަހުގީގު ކުރެވޭ އިރު ނުވަތަ ވަކިވަކި ހާދިސާތައް ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޝަންތައް އުފައްދާ އިރު، ވަކި މުސްތަޤިއްލު ނިޒާމެއް ބޭނުންވަނީ ކީއްވެގެންތޯ ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މިއަށް ދެވޭނެ ޖަވާބު ގުޅިފައިވަނީ މި ހުށަހަޅާ ނިޒާމުގެ މަޤްޞަދާއެވެ.
ޖިނާއީ ތަހުގީގެއްގެ މައިގަނޑު ބޭނުމަކީ ކުށުގެ ޢަމަލެއް ހިނގާފައިވޭތޯ ބެލުމާއި އެފަދަ ޢަމަލެއް ހިނގާފައިވާނަމަ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތް ދެނެގަތުމެވެ. އަދި ޚާއްސަ (އެޑްހޮކް) ކޮމިޝަންތަކަކީ އާންމުކޮށް ވަކި ހާދިސާއަކާ ނުވަތަ މައްސަލައަކާ ގުޅިގެން އުފައްދާ ވަގުތީ ތަންތަނެވެ. ނަމަވެސް ރައްކާތެރިކަން ތަހުގީގު ކުރާ ދާއިމީ ނިޒާމެއްގެ މަޤްޞަދު ތަފާތެވެ.
އެއީ ސީރިއަސް ހާދިސާތަކުގެ ފަހަތުގައިވާ އޮޕަރޭޝަނަލް އަދި ޓެކްނިކަލް މައްސަލަތައް މުސްތަޤިއްލުކަމާއެކު ދިރާސާކުރުމެވެ. އަދި އުސޫލުތަކާއި ތަމްރީނާއި ވަސީލަތްތަކުގެ އިތުރުން ނިންމުންތައް ނިންމި ގޮތުގައި ހުރި އުނިކަންކަން ދެނެގަނެ އެފަދަ ހާދިސާއެއް ތަކުރާރުވުން ހުއްޓުވުމަށް އިޞްލާޙީ ފިޔަވަޅުތައް ހުށަހެޅުމެވެ.
ހަރުދަނާ ނިޒާމެއް ބިނާކުރަން ތިންވަނަ ހާދިސާއަކަށް އަޅުގަނޑުމެން އިންތިޒާރުކޮށްގެން ނުވާނެއެވެ. އޮޕަރޭޝަނެއްގެ ތެރެއިން ނުވަތަ މަސައްކަތުގެ މާހައުލުން މީހަކު ނިޔާވުމުން ނުވަތަ ގެއްލުމުން، އެ ފަރާތަކަށް އަރުވާ ޢިއްޒަތަކުން ނުވަތަ އެތެރޭގެ ސިއްރު ތަހުގީގަކުން ދައުލަތާއި މުއައްސަސާތަކުގެ ޒިންމާ ނިންމައިލައިގެން ނުވާނެއެވެ.