ރިޔާޟް (21 އޮގަސްޓު 2026): އިސްލާމީ ތިން ގައުމު ކަމަށްވާ ސައޫދީ، ޕާކިސްތާން އަދި ތުރުކީން ސޮއިކުރި ދިފާއީ އެއްބަސްވުމުގައި މިސްރު ބައިވެރިނުވީ، މިސްރު ބައިވެރިކުރަން ސައޫދީން ބޭނުންނުވާތީ ކަމަށް "މިޑްލްއީސްޓްއައި" އިން ބުނެފިއެވެ.
ސައޫދީގެ ބައެއް މަސްދަރުތަކާ ހަވާލާދީ "މިޑްލްއީސްޓްއައި" އިން ބުނާގޮތުން، ރައީސް އަބްދުލްފައްތާހު އައްސީސީގެ ވެރިކަމުގައި މިސްރާމެދު ސައޫދީން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. މި ޝައްކުގެ އެއް ސަބަބަކީ ސައޫދީއާ ވާދަވެރިކަމެއް ގެންގުޅޭ ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔޫއޭއީއާއެކު މިސްރުން ބާއްވާ އާދަޔާޚިލާފު ބަދަހި ގުޅުންތަކެވެ.
މިކަމާ ބެހޭގޮތުން "މިޑްލްއީސްޓްއައި" ގައި ޝާއިއުކޮށްފައިވާ ރިޕޯޓު ބުނާގޮތުން، "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގެ ނަމުގައި ސައޫދީ، ޕާކިސްތާން އަދި ތުރުކީން ސޮއިކުރި ދިފާއީ އެއްބަސްވުމުގައި މިސްރު ބައިވެރިކުރަން ސައޫދީން ބޭނުންނުވާކަން ސައޫދީގެ ތިން މަސްދަރަކުން ވަނީ އެ ނޫހަށް ކަށަވަރުކޮށްދީފައެވެ. މި މަސްދަރުތަކުގެ ތެރެއިން އެއް ފަރާތަކީ ސައޫދީ ސަރުކާރުގެ ވަރަށް އިސް މަގާމެއް ކުރިން އަދާކުރައްވާފައިވާ އަދި މިހާރުވެސް ސައޫދީ ސަރުކާރާ ގުޅުން އޮންނަ ކުރީގެ މަސްއޫލުވެރިއެއް ކަމަށް "މިޑްލްއީސްޓްއައި" ގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓު ބުނާގޮތުން، ކުރިން އަރަބި އިސްލާމީ ދުނިޔޭގައި އޮތް މިސްރުގެ ބުރަދަނާއި މަގާމު، އިސްރާއީލާއެކު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކޮށް އިސްރާއީލާ ގުޅުންތައް ގާއިމުކުރުމުގެ ސަބަބުން ވަނީ ގެއްލިފައެވެ.
މިސްރުގެ ކުރީގެ ރައީސް ޖަމާލް އަބްދުއްނާސިރުގެ ދުވަސްވަރު އަރަބި އިސްލާމީ ދުނިޔޭގައި މިސްރަށް ލިބިފައިވަނީ ވަރަށް މުހުތަރަމު އަދި އިސް މަގާމެކެވެ. އެއީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިސްރުން ޖިހާދުކުރުމުގެ ސަބަބުންނެވެ. ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމުގެ ކުރީ ސަފުގައި މިސްރު އޮތުމުންނެވެ.

ސައޫދީއާއި މިސްރުގެ އިސްވެރިން
މިމަގާމު މިސްރަށް ގެއްލުނީ 1979 ވަނަ އަހަރު އަންވަރުއްސާދާތުގެ ވެރިކަމުގައި މިސްރުގެ ސިޔާސަތު މުޅިން އެމެރިކާއާއި ހުޅަނގާ ދިމާއަށް ދީލާލައި އިސްރާއީލެވެކިޔާ ޣައިރު ގާނޫނީ އެންޓިޓީއަށް މިސްރުން އިއުތިރާފްވެ މިސްރުން ފަލަސްތީނުގެ މައްސަލަ ދޫކޮށްލުމާ ގުޅިގެންނެވެ.
މައްކާގެ ދިފާއީ އެއްބަސްވުމުގައި މިސްރު ބައިވެރިކުރަން ސައޫދީ ބޭނުންނުވަނީ ރައީސް އަބްދުލްފައްތާހް އައްސީސީގެ ވެރިކަމުގެ ނިޒާމާމެދު ސައޫދީ ޝައްކުގެ ނަޒަރަކުން ދެކޭތީކަމަށް މިރިޕޯޓްގައި ބުނެފައިވީނަމަވެސް 2013 ވަނައަހަރު ސީސީ މިސްރަށް ގެނައި އަސްކަރީ އިންގިލާބު ނުވަތަ އަސްކަރީ ބަޣާވާތަށް އެންމެ ބޮޑަށް އެހީތެރިވެދިން އެއްގައުމަކީ ސައޫދީކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ސީސީގެ އިންގިލާބީ ވެރިކަން ދެމެހެއްޓުމަށް ސައޫދީން 25 ބިލިޔަން ޑޮލަރު ހޭދަކުރިކަމާއި ސީސީ އިންގިލާބުކޮށްލި މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ސަރުކާރާ ދެކޮޅަށް ސައޫދީ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތްކުރިކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ސައޫދީ ސިފަކުރާގޮތުގައި ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އެޖަމާއަތުގެ ވެރިކަމެއް މިސްރުގައި އޮތުމަކީ ސައޫދީ ރަސްކަމުގެ ނިޒާމަށް ނުރައްކާތެރިކަމެއް ކަމަށް ސައޫދީން ދެކޭ ކަމަށާ ސީސީގެ އިންގިލާބަށް ސައޫދީން އެހީވި މައިގަނޑު ސަބަބަކީ އެއީކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ދެހާސްސަތާރަ ވަނަ އަހަރު ގަތަރާއި ސައޫދީއާ މައްސަލަޖެހި ސައޫދީ ހިމެނޭގޮތަށް ގަލްފުގެ ތިން ގައުމަކާއި މިސްރުން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ސައޫދީއާއި ޔޫއޭއީ އަދި މިސްރުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީވެސް ގަތަރުން އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ވާގިވެރިވާކަމަށް ތުހުމަތުކޮށްފައެވެ.
ޑރ. މުރުސީ އަވަހާރަވީ ސީސީ ގެ އިންގިލާބުގައި މުރުސީގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައި މުރުސީ ޖަލަށްލުމަށްފަހު ޖަލުގައި އޮންނަވަނި ކޮށެވެ. މުރުސީއަށް ޖަލުގައި އަނިޔާކުރިކަމަށް އޭނާގެ އާއިލާއިންވަނީ ތުހުމަތުކޮށްފައެވެ.
ގަތަރުގައި މަރުކަޒު ހުންނަ އަދި ގަތަރު ސަރުކާރުގެ ސީދާ އެހީއާއި މަދަދުލިބޭ "އިންޓަނޭޝަނަލް ޔުނިޔަން އޮފް މުސްލިމް ސްކޯލާސް" ޖަމްއިއްޔާއަކީވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސައޫދީއާއި މިސްރު އަދި ޔޫއޭއީން ސިފަކުރާ ޖަމްއިއްޔާއެކެވެ.
މިޖަމްއިއްޔާގެ ކުރީގެ ރައީސް އަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފް އަލްގަރްޟާވީ އެވެ. ގަރްޟާވީ އަވަހާރަވުމުން އެޖަމްއިއްޔާގެ މިހާރުގެ ރައީސްއަކީ ޑރ. އަލީ މުހްޔިއްދީން ގުއްރަ ދާޣީ އެވެ. އޭނާއަކީ ގަތަރުގެ ރައްޔިތުކަން ދީފައިވާ ކުރުދީ ދަރިކޮޅުގެ ދީނީ އިލްމުވެރިއެކެވެ.
ނަމަވެސް މިދިޔަ ހަފްތާގައި މިޖަމްއިއްޔާގެ ނައިބު ރައީސް ލީބިޔާގެ އިލްމުވެރިއެއްކަމަށްވާ ޑރ. އަލީ އައްސަލާބީއަށް އުމުރާ ދަތުރުފުޅެއްގައި ސައޫދީއަށް ވަޑައިގަތުމުގެ ފުރުސަތު ސައޫދީ ސަރުކާރުން ދިން ކަމަށާއި މިދަތުރުގައި ސައޫދީ އިސް މަސްއޫލުވެރިއަކު ޑރ. ސަލާބީ އާ ބައްދަލުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ "އިންޓަނޭޝަނަލް ޔުނިޔަން އޮފް މުސްލިމް ސްކޯލާސް" އާމެދު ސައޫދީ ދެކޭގޮތް ބަދަލުވެދާނެކަމުގެ އުންމީދު އާލާވެގެން ދިޔަކަމެއްކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. ނަމަވެސް މިޖަމްއިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސައޫދީން ސިފަކުރާ ސިފަކުރުމަށް އަދި އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އަލްޖަޒީރާ ބުނެއެވެ. މިޖަމްއިއްޔާއަކީ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރު ގެންގުޅޭ ޖަމްއިއްޔާއެކެވެ.
ބައެއް އެހެން ރިޕޯޓްތަކާއި މުހައްލިލުން ވިދާޅުވާގޮތުގައި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގައި ބައިވެރިވާން ބޭނުންނުވީ މިސްރު އަމިއްލައަށެވެ. މިކަމުގެ އެއްސަބަބަކީ ޔޫއޭއީގެ މާލީ އެހީތަކާއި ބޮޑެތި އިންވެސްޓްމަންޓްތަކެއް މިސްރުގައި ހުރުމެވެ.
އިސްރާއީލާ ބަދަހި ގުޅުންތަކެއް ބާއްވަމުން ގެންދާ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަކީ ސައޫދީ އާ ވާދަވެރި ގައުމެއް ކަަމަށްވާއިރު ޔޫއޭއީ ގެ ވާދަވެެރިއަކު އިސްވެ އޮގެން އުފައްދާ އަސްކަރީ ޕެކްޓެއްގައި ބައިވެރިވުމަކީ ޔޫއޭއީ ރުޅިއަތުވެދާނެ ކަމެއްކަމުގެ އިހުސާސް މިސްރަށް ކުރެވިގެންކަމަށް މިދެންނެވި ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސީސީ ގެ ވެރިކަމުގައި މިސްރާއި ސައޫދީ އަކީ އާންމު ގޮތެއްގައި ގުޅުންތައް ވަރަށް ރަނގަނޅު ދެގައުމެވެ.