ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 450 ގުރާމްގެ ކެނެބިސް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އެ އިދާރާއިން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ އަތުން ކަމަށެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގަތީ އެ ފަސިންޖަރުގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މިމަހުގެ ފަސް ވަނަ ދުވަހު ކަސްޓަމްސް އިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އަދަދުހާމަކޮށް އެ އިދާރާއިން އާންމުކުރި ޕޯސްޓު... ރާއްޖެއަށް އެތެރެކުރަން އުޅުނު 450 ގުރާމުގެ ކެނެބިސް އަތުލައިގެންފައިވާއިރު، މިމަހުގެ ތިން ވަނަ ދުވަހު އެ އިދަރާއިން ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 800 ވޭޕް ކާޓްރިޖް ވެސް އަތުލައިގަނެފައެވެ.
އަދި މީގެ އިތުރުން މިދިޔަ މަހުގެ 19 ގައި ރާއްޖެއަށް 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ވެސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ބޭނުންކޮށް ވިޔަފާރިކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ މިކަން ހުއްޓުވުމަށް ގިނަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ އިޖުތިމާއީ، އިގުތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލަ ހައްލުކުރުމަށް ޓަކައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކަސްޓަމްސް އާއި ޕޮލިސް ގުޅިގެން ބޯޑަރުތައް ބެލެހެއްޓުމާއި ޚާއްސަ އިންޓެލިޖެންސް އޮޕަރޭޝަންތައް ހިންގަމުންދެއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި މައިގަނޑު ގޮންޖެހުންތަކެއްވެސް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޖިއޯގްރަފީ އުފެދިފައިވާ ގޮތުން ވަގަށް އެތެރެކުރާ މަގުތައް ބަންދުކުރުމުގެ އުނދަގޫތަކާއި، ފަރުވާ ބޭނުންވާ މީހުންގެ އަދަދާ އަޅާބަލާއިރު ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައާއި ވަސީލަތްތައް މަދުވުން ހިމެނެއެވެ. އަދި ފަރުވާއަށްފަހު އެކަށީގެންވާ އިޖުތިމާއީ އަދި އިގުތިސާދީ އެހީތެރިކަން ނުލިބުމުގެ ސަބަބުން އަލުން ކުށަށް އަރައިގަންނަ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގާނޫނުތައް އިޞްލާޙުކުރުމާއި، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ދަނީ ކުރަމުންނެވެ.