އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ޑިސެމްބަރުގައި ފުނައްޑޫގެ އޮޕަރޭޝަން ފަށަނީ

ފުނައްޑޫ ފުއްޓަރު ފަރާތް: އަންނަ ޑިސެމްބަރުގައި އެ ރަށުގެ އޮޕަރޭޝަން ފަށާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި --- ސަން ފޮޓޯ: ކިޔުންތެރިއެއް

އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ތ. ފުނައްޑޫގެ މަސް ފެކްޓްރީގެ އޮޕަރޭޝަން ޑިސެމްބަރުގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ފުނައްޑޫއަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދައްކަން ޖެހޭ ލޯނެއް ނުދައްކާތީ، ވިއްކާލަން އިއުލާނުކޮށްފައި ސަރުކާރުން ގަނެފައިވާ ރަށެކެވެ. އެ ރަށަކީ، މީގެކުރިން މަސް ފެކްޓްރީއެއް ހިންގި ރަށެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ޝާކިރު ވަނީ، ފުނައްޑޫ އޮޕަރޭޝަނަށް ނުގެނެވި އުޅެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުނައްޑޫ ވީރާނާވެފައި ވަނިކޮށް، އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ ނަމެއް މިނިސްޓަރު ހާމައެެއް ނުކުރައްވައެވެ.

އެގޮތުން، މިއަހަރުގެ ޑިސެމްބަރު މަހުގެ މަސްވެރިންގެ ދުވަހަށް އެ ތަނަށް މަސް ގަންނަން ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިންދޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ފާހަގަކުރެވޭ ގޮތުގައި، ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ ތަރައްގީކުރެއްވި ރަށެކެވެ.

ތަސްމީން ވަނީ ފުނައްޑޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ނަންގަވާފައެވެ. އެ ރަށް ވިއްކާލަން ބޭންކުން އިޢުލާން ކުރީ ލޯނު ނުދެއްކުމުންނެވެ. އަދި، ފުނައްޑޫގެ ކާރުޚާނާ ސަރުކާރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ މާރިޗު 2023ގައެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން 2022 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަމުން އޭރުގެ މަސްވެރިކަމާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެފައިވަނީ އެންމެ އަވަހަށް ވެސް އެރަށް އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ލަފާކުރެވެނީ މެއި، 2023ގައި ކަމަށެވެ.

https://sun.mv/176266

މިދިޔަ ސަރުކާރުން އޭރު ލަފާކުރި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަދުވެގެން 157 މިލިއަނެއްހާ ރުފިޔާ ހޭދަވާނެއެވެ.

ފުނައްޑޫގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ހުއްޓާލީ 2008ގައެވެ.

comment ކޮމެންޓް