މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު، ރާއްޖޭގެ އެންމެހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ، ތަފާތު އެކި ހާލަތްތަކުގައި ޒުވާނުން ތިބި ނަމަވެސް، އެންމެހާ ޒުވާނުންގެވެސް އަމާޒަކީ އެއް އަމާޒެއް ކަމަށެވެ. އެއީ އިއްޒަތާއި، ފުރުސަތާއި، ދެމެހެއްޓެނިވި މުސްތަޤުބަލެއް ހޯދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ގައުމުގެ އިސްވެރިންނާއި މުޖުތަމައުގެ ވާޖިބަކީ ޒުވާނުން އެދޭ ފަދަ އުޖާލާ މުސްތަޤުބަލެއް ބައްޓަންކުރުމަށްޓަކައި، އެމީހުންނަށް ބޭނުންވާ ބާރުވެރިކަން ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވާޖިބަކީ، އެ ޒުވާނުން އެދޭ ފަދަ މުސްތަޤުބަލެއް ބައްޓަންކުރުމަށް އެމީހުންނަށް ބާރުވެރިކަން ހޯދައިދިނުމެވެ،" ސިޔާމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އަޙްމަދު ސިޔާމަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެކެވެ. އެގޮތުން، އެމަނިކުފާނު ތަމްސީލުކުރައްވާ ދ. މީދޫ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދިއުމުގެ މަގުތައް ފަހިކޮށްދެއްވުމުގައި ސިޔާމް ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މީގެ އިތުރުން، ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރުގެ ދާއިރާއިން ވަސީލަތްތައް ތަރައްގީކޮށްދެއްވުމާއި، އެކި ބާވަތްތަކުގެ މުބާރާތްތައް ބޭއްވުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސިޔާމް އަބަދުވެސް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރެވެއެވެ.