އެސްޓަން ވިލާގެ މައްޗަށް 1-2 އިން ކުރިހޯދައި، ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ އަހަރު ޔުއެފާ ސުޕަ ކަޕްގެ ތަށި އުފުލާލައި، އާ ސީޒަން ކާމިޔާބީއާއެކު ފަށައިފިއެވެ.
އޮސްޓްރިއާގެ ސާލްޒްބާގްގައި ހުންނަ ރެޑްބުލް އެރީނާގައި ކުޅުނު މި މެޗުގެ ކާމިޔާބީއާއެކު ޕީއެސްޖީ ވެފައިވަނީ ރެއާލް މެޑްރިޑާއި އޭސީ މިލާނަށްފަހު، ޔުއެފާ ސުޕަ ކަޕްގެ ތަށި ޖެހިޖެހިގެން ދެ އަހަރު ދިފާއުކުރި ފުރަތަމަ ޓީމަށެވެ. މި ކާމިޔާބީއާއެކު ޕީއެސްޖީގެ ކޯޗުކަމާ މީގެ ތިން އަހަރު ކުރިން ހަވާލުވި ލުއިސް އެންރީކޭ ވަނީ އެ ކްލަބާއެކު އޭނާގެ 13 ވަނަ ޓްރޮފީ އުފުލާލާފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި، ޑެޒީރޭ ޑޫއޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ ޖޯޖިއާގެ ތަރި ކްވިޗާ ކްވަރަޝްކޭލިއާއެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޖޯން މެކްގިން ނެގި ހުރަހަކުން، 17 އަހަރުގެ ފޯވާޑް ބްރަޔަން މާޖޯ ވަނީ ހިތްގައިމު ވޮލީއަކުން ލަނޑެއް ޖަހައި އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފީފާގެ ރަޖިސްޓްރޭޝަން މައްސަލައަކަށްފަހު ކުޅުމުގެ ހުއްދަ ލިބުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ވާދަވެރި ފުރަތަމަ މެޗަށް ނުކުމެ މާޖޯ ވެގެންގޮސްފައިވަނީ ސުޕަ ކަޕް ފައިނަލެއްގައި ކުޅެ، ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ޕީއެސްޖީ މޮޅުވި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވި ޑޫއޭއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޑޫއޭ ޖެހި މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ރެފްރީ ވަނީ އެއީ ސައްހަ ލަނޑެއް ކަމަށް ނިންމާފައެވެ.
ނަތީޖާ އެއްވަރުކުރުމަށް ވިލާއިން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ޕީއެސްޖީގެ ރަޝިއާ ކީޕަރު މެޓްވެއި ސަފޯނޯވް ދެއްކި މޮޅު ކުޅުމާއި، ވަރެން ޒައިރް އެމެރީ ކުރި މުހިންމު ސޭވްތަކުގެ ސަބަބުންނެވެ.
ޔުއެފާ ސުޕަ ކަޕުގައި ވާދަކުރި ދެ ޓީމުގެ ކެޕްޓަނުންނާއެކު މެޗުގެ ރެފްރީކަން ކުރި ސޯމާލިއާގެ ރެފްރީ އުމަރު އަރުތަން--މި މެޗުގައި ވަނީ ތާރީޚީ އެހެން ކަމެއްވެސް ހިނގާފައެވެ. މެޗުގެ ރެފްރީކަން ކޮށްފައިވަނީ ސޯމާލިއާގެ ރެފްރީ އުމަރު އަރުތަންއެވެ. އެމެރިކާއިން ސެކިއުރިޓީ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ވޯލްޑް ކަޕްގައި އޭނާ ރެފްރީކަންކުރުން މަނާކުރިއެވެ.
އެއާއެކު އޭނާއަށް އެމެރިކާގެ ވިސާ ނުދިނުމުން އެނބުރި ގައުމަށް ދާންޖެހުނު ނަމަވެސް، ޔުއެފާއިން އޭނާއަށް މި މެޗުގެ ރެފްރީކަން ދިނުމަކީ ފީފާއާއި ޔުއެފާގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހާމަވި ކަމެކެވެ. އަރުތަންއަކީ ސުޕަ ކަޕް މެޗެއްގައި ރެފްރީކަން ކުރި އެފްރިކާގެ ފުރަތަމަ ރެފްރީއެވެ.