ދަތުރުފަތުރު ކުރުމުގައްޔާއި، ކަސްރަތު ކުރުމުގައްޔާއި، އަދި ފޯނުން ވާހަކަދެއްކުމުގައި ވެސް ގިނަ ވަގުތުތަކެއް ވަންދެން އަޅުގަނޑުމެން އިއަރބަޑްސް ބޭނުންކުރަމެވެ. އެހެންކަމުން މިއަދުގެ ދިރިއުޅުމުގައި އިއަރބަޑްސް ބޭނުންކުރުމަކީ އާންމު ކަމެކެވެ.
ނަމަވެސް މިގޮތަށް ގިނަ ވަގުތު އިއަރބަޑްސް ބޭނުންކުރުމަކީ އަޑުއިވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟
ކަންފަތާއި، ނޭފަތް އަދި ކަރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ގިނަ ވަގުތު އަދި މާ ބާރަށް އަޑުގަދަކޮށް އިއަރބަޑްސް ބޭނުންކުރުމަކީ، ވަގުތު ފާއިތުވަމުންދާ ވަރަކަށް އަޑުއިވުމުގެ ނިޒާމަށް ދާއިމީ ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.
ބެންގަލޫރުގެ ކިމްސް ހޮސްޕިޓަލުގެ އީއެންޓީ ކޮންސަލްޓަންޓް ޑރ. ރޯހިތު އުދަޔާ ޕްރަސާދު ވިދާޅުވާ ގޮތުގައި، އަޑު ހުންނަ ބާރުމިނުގެ އިތުރުން، އެ އަޑަށް ކަންފަތް ހުށަހެޅިފައި ހުންނަ ވަގުތުގެ ދިގުމިނަކީ ވެސް ގެއްލުން ލިބުމަށް މެދުވެރިވާ މުހިންމު ސަބަބެކެވެ.
އިއަރބަޑްސްއަކީ ކަންފަތުގެ އެތެރެއަށް ލައްވައިގެން ބޭނުންކުރާ އެއްޗަކަށް ވާތީ، އޭގެން އަންނަ އަޑުތައް ސީދާ ކަންފަތުގެ ތާރަޔާ ވަރަށް ގާތުން، ބާރު މިނެއްގައި ފޯރައެވެ.
އޭގެ ސަބަބުން ލިބޭ ގެއްލުންތައް ތަފުސީލުކޮށްދެއްވަމުން ޑރ. ރޯހިތު އުދަޔާ ޕްރަސާދު ވިދާޅުވީ، ކަންފަތުގެ އެތެރޭގައި ހުންނަ، އަޑު ދެނެގަތުމަށް އެހީތެރިވެދޭ ހިމަ އިސްތަށިތަކަށް ބާރު އަޑުތަކުގެ ސަބަބުން ގެއްލުންވާ ކަމަށެވެ. މި ސެލްތަކަކީ އެއްފަހަރު ހަލާކުވެއްޖެނަމަ އަލުން އުފެދޭ އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިއަރބަޑްސް ޖަހައިގެން އޮވެ ނިދުމުން ދުރުހެލިވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ--ފޮޓޯ/އެމްއެސްއެން
މީގެއިތުރުން އިއަރބަޑްސް ކަންފަތުގެ ތާރަޔާ ވަރަށް ގާތުގައި ހުންނާތީ، އާންމު ސްޕީކަރަކުން އިވޭ އަޑަށްވުރެ ބާރުކޮށް އަޑުގެ އަސަރު ކަންފަތުގެ އެތެރެއަށް ފޯރައެވެ. އަދި މެދުމިނެއްގައި އަޑު ހުރި ނަމަވެސް، މެދުކެނޑުމެއް ނެތް ގޮތުގައި ގިނަ ވަގުތު ބޭނުންކުރުމުން ކަންފަތަށް އަރާމުލިބޭނެ ވަގުތެއް ނޯވެއެވެ.
ކަންފަތަށް ހެޔޮވަރު ނޫން އިއަރބަޑްސް ބޭނުންކުރުމުން، ބޭރުގެ އަޑުތައް ކަނޑުވާލުމަށްޓަކައި އަޑު މާ ބޮޑަށް ބާރުކުރަން ޖެހުމަކީ ވެސް އިއަރބަޑްސް ބޭނުންކުރުމުން ކަންފަތަށް ލިބޭ ގެއްލުން އިތުރުކޮށްދޭ ސަބަބެކެވެ. އަދި ހަމައެއާއެކު ގިނަ ވަގުތު އިއަރބަޑްސް ބޭނުންކުރުމުން ކަންފަތުގައި 'އިއަވެކްސް' ގަނޑުވުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ކަންފަތް ބައްދާފައި ހުންނަ ކަމުގެ އިހުސާސް ކުރުވާ ކަމަށް ޑރ. ރޯހިތު ވިދާޅުވެއެވެ.
ދުވާލެއްގެ މައްޗަށް އިއަރބަޑްސް ބޭނުންކުރުމަށް އެންމެ ރަނގަޅު ވަގުތުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ، "60/60 އުސޫލު"އަށް އަމަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. އޭރަށް އަޑު ހުންނަންވާނީ އެންމެ ބާރުކުރެވޭ މިންވަރުގެ 60 އިންސައްތައިގައެވެ. އަދި މެދުކެނޑުމެއް ނެތް ގޮތުގައި ބޭނުންކުރާނީ އެންމެ ގިނަވެގެން 60 މިނެޓެވެ. އަދި އޭގެ ފަހުން ކަންފަތަށް އަރާމުދިނުމަށް ކުޑަ ވަގުތުކޮޅެއް ހުސްކުރުމަށް ޑރ. ރޯހިތު އިރުޝާދު ދެއްވައެވެ.

ގަވައިދުން އިއަރބަޑް ސާފުކޮށްގެން ބޭނުންކުރުމަކީ ވެސް ކަންފަތަށް ދިމާވެދާނެ އެކި ކަހަލަ ބަލިތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއް--ފޮޓޯ/އެމްއެސްއެން
މިދިޔަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި، އެއްގަޑިއިރަށްވުރެ ގިނަ އިރު މެދުކެނޑުމެއް ނެތް ގޮތުގައި އިއަރބަޑްސް ބޭނުންކުރާ މީހުންނަށް ކަންފަތުގެ އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އިއަރބަޑްސް ކަންފަތުގެ އެތެރެއަށް ލައްވާފައި ހުންނައިރު، އެތަނުގައި އުފެދޭ ހޫނުމިނުގެ ސަބަބުން ބެކްޓީރިއާ އުފެދުމަށް ފަހި މާހައުލެއް ގާއިމުވެއެވެ.
މިކަންކަމުން ކަންފަތް ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭ، ބޭރުގެ އަޑުތައް ކަނޑުވާލުމަށްޓަކައި "ނޮއިސް ކެންސަލިންގް" އިއަރބަޑްސް ބޭނުންކުރުން، ގަވާއިދުން ބްރޭކް ނެގުން، އިއަރބަޑްސް ޖަހައިގެން އޮވެ ނިދުމުން ދުރުހެލިވުން އަދި ފޯނުގައި ހުންނަ އަޑުގެ މިންވަރު ދައްކައިދޭ އިންޑިކޭޓަރުތަކަށް ސަމާލުވުން ހިމެނެއެވެ.
ކޮންމެ ދުވަހަކު އިއަރބަޑްސް ބޭނުންކުރުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބޭނުންކުރާ އަޑުގެ ބާރުމިނާއި ވަގުތަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަތީގައި ބަޔާންކުރެވުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަކީ އަޑުއިވުމުގެ ނިޒާމު ދިގު މުއްދަތަކަށް ސަލާމަތުން ބެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.