އަހަރުތަކަކަށްފަހު ޖެކީ ބަގްނާނީ އަލުން އެކްޓިންގްއަށް

ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އަންހެނުން، ބަތަލާ ރަކުލް ޕްރީތު ސިންގްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ކުރިންވެސް ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު އަދި ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެކްޓިންގެ ދާއިރާއަށް އަލުން ނުކުމެއްޖެއެވެ.

އިއްޔެ ފާހަގަކުރި އިންޑިއާގެ 80 ވަނަ މިނިވަން ދުވަހާ ދިމާކޮށް އަމިއްލަ މިއުޒިކް ލޭބަލް 'ޖަސްޓް މިއުޒިކް'އިން ނެރުނު 'ތޭރޭ ރަންގު މޭ'އިން އަލުން އެކްޓިންގް ދާއިރާއަށް ނުކުތީ އާ ޖީލުގެ އިތުބާރާއި އިހުތިރާމް ހޯދަން ކަމަށް ޖެކީ ވަނީ ބުނެފައެވެ.

ޖެކީ ބުނި ގޮތުގައި މި ލަވައަކީ އޭނާގެ ހިތާ ވަރަށް ގާތް، މާނަފުން މަސައްކަތެއް ކަމުން، މިއީ އަލުން ކެމެރާގެ ކުރިމައްޗަށް އެނބުރި އައުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ.

"އަހަރެންނަކީ ހިތުގެ އަޑިން ގައުމުދެކެ ލޯބިވާ މީހެއް. ކެމެރާގެ ކުރިމައްޗަށް ނުނިކުންނާތާ މިހާރު ދުވަސްތަކެއް ވެއްޖެ. އެހެންކަމުން، އެނބުރި އައުމަށް އެންމެ ރަނގަޅު ގޮތަކީ މިފަދަ މަތިވެރި މަގްސަދެއް އޮތް ކަމަކުން ފެށުން ކަމަށް ގަބޫލުކުރެވުނީ،" ޖެކީ ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޖެކީ ބޮޑަށް އިސްކަންދީފައިވަނީ ފިލްމު އުފެއްދުމުގެ މަސައްކަތަށެވެ. އޭނާ ހާމަކުރި ގޮތުގައި އެކްޓިންއާ ދުރަށް ދިޔުމަކީ ފިލްމު އުފެއްދުމުގެ ފަހަތުގައި ހުރެގެން ކުރަން ބޭނުންވި މަސައްކަތްތަކަށް ވަގުތު ދިނުމަށް އަމިއްލައަށް ނިންމި ނިންމުމެކެވެ.

'ތޭރޭ ރަންގު މޭ' ލަވައިގެ މަންޒަރެއްގައި ޖެކީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕްރޮޑިއުސަރެއްގެ ގޮތުގައި ކުރި ތަޖުރިބާގެ ސަބަބުން، އެކްޓިން ކެރިއަރާ މެދު ކުރިން ގެންގުޅުނު ވިސްނުން ބަދަލުވި ކަމަށް ޖެކީ ބުންޏެވެ. އަމިއްލައަށް ފިލްމު އުފައްދަން ފެށުމުން، ބޭނުންވާ ފަދަ މަޝްރޫއުތައް ހޮވުމުގެ ފުރިހަމަ ބާރު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

އަލުން އެކްޓިންއަށް ނުކުންނައިރު، ހަމައެކަނި ފިލްމެއްގެ ފުރުސަތު ލިބޭތީ އެކަމެއް ކުރަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ތަފާތު އަދި އާދަޔާ ހިލާފު ރޯލެއް ކުޅެން ކަމަށް ޖެކީ ވަނީ ބުނެފައެވެ.

ބަތަލާ ރަކުލް ޕްރީތް ސިންގްގެ ފިރިމީހާ ޖެކީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 2018 ވަނަ އަހަރު ރިލީޒްކުރި "މިތްރަން" ކިޔާ ފިލްމަކުންނެވެ.

ޖެކީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެތެރޭ، "ކޫލީ ނަމްބަރު 1"، "ބެލް ބޮޓޮމް" އަދި "ގަނަޕަތު" ފަދަ ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް