ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޭއައި ޓްރާންސްޕޭރަންސީ އައު ގަވާއިދުތަކާ އެއްގޮތްކުރުމުގެ ގޮތުން، އެންތްރޮޕިކް ކުންފުނިން ކްލޯޑް އޭއައި މެދުވެރިކޮށް އުފައްދާ ލިޔުންތަކުގައި ވޯޓާމާކް ޖަހަން ފަށައިފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ވޯޓާމާކަކީ ކިޔާ މީހުންނަށް ފެންނަން ހުންނާނެ ނުވަތަ ފާހަގަކުރެވޭނެ އެއްޗެއް ނޫނެވެ. އަދި މިއީ ލިޔުމުގެ ތެރޭގައި ފޮރުވިފައިވާ އަކުރުތަކެއް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއްވެސް ނޫނެވެ. އޭގެ ބަދަލުގައި މި ވޯޓާމާކްގެ ސަބަބުން ލިޔުމުގައި އުފެދިގެންދާނީ ހާއްސަ "ކީ" އެއް ބޭނުންކޮށްގެން ނޫނީ ޑީކޯޑު ނުކުރެވޭނެ ފާހަގައެކެވެ.
ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) ތަކުން ލިޔުންތައް އުފައްދާއިރު، ބަސްތައް އިހުތިޔާރުކުރަނީ ގުޅޭ ބަސްތަކުގެ ލިސްޓަކުން ރެންޑަމްކޮށް އެކަށީގެންވާ ބަސްތައް ނަގައިގެންނެވެ. ނަމަވެސް ވޯޓާމާކް ކުރުމުން، ކްލޯޑް އިން ދެން އަންނަންޖެހޭ ބަސް ނަގާނީ ރެންޑަމް ނަންބަރު ޖަނަރޭޓަރެއްގެ ބަދަލުގައި އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ކީއެއްގެ އެހީގައެވެ. މިސާލަކަށް އެންތްރޮޕިކް އިން ވަނީ 'ޕައި' ގެ އަދަދުތައް ކީއެއްގެ ގޮތުގައި ބޭނުންކުރާނެ ގޮތް ކިޔައިދީފައެވެ. ޕައި ފެށޭ އަދަދުކަމަށްވާ 3.1415926535 އިން ބަލާނަމަ، ފުރަތަމަ ނަގާނީ ލިސްޓުގެ 6 ވަނަ ބަހެވެ. ދެން 5 ވަނަ ބަހެވެ. ދެން 3 ވަނަ ބަހެވެ. އަދި އޭގެފަހުން އަނެއްކާވެސް 5 ވަނަ ބަހެވެ.
މި އުސޫލަކީ 'ނޭޗާ' ޖާނަލްގައި ޝާއިޢުކޮށްފައިވާ، ގޫގުލް ޑީޕްމައިންޑްގެ 'ސިންތްއައިޑީ-ޓެކްސްޓް' އުސޫލަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އުސޫލެކެވެ. އެންތްރޮޕިކް އިން ބުނާގޮތުގައި ވޯޓާމާކް ކުރުމުގެ ސަބަބުން ކްލޯޑްގެ ލިޔުންތަކުގެ ފެންވަރަށް ނުވަތަ ލިޔެދޭ ސްޕީޑަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި މީގެ ސަބަބުން އިތުރު ޓޯކެންތައް ބޭނުންވެ، އޭއައި ބޭނުންކުރުން އަގުބޮޑުވެގެންވެސް ނުދާނެއެވެ.
އާންމުކޮށް އޭއައި ލިޔުންތަކުގައި ހުންނަ އިބާރާތްތަކުން އެއީ އޭއައި ބޭނުންކޮށްގެން ލިޔެފައިވާ އެއްޗެއްކަން އެނގުނަސް، ބޭނުންކުރީ ކޮން މޮޑެލްއެއްކަން ނޭނގިދާނެއެވެ. އެހެންކަމުން އެންތްރޮޕިކް އިން ނެރޭ އޭޕީއައިގައި ހިމެނޭ ކީތައް ބޭނުންކޮށްގެން، އެ ލިޔުމަކީ ކްލޯޑް އިން އުފައްދާފައިވާ ލިޔުމެއްކަން ކަށަވަރުކުރެވޭނެއެވެ.
މި ވޯޓާމާކް ކުރުމުގެ ނިޒާމުގައި ބައެއް އުނިކަންކަން ހުރިކަމަށް އެންތްރޮޕިކް އިންވެސް ގަބޫލުކުރެއެވެ. އެގޮތުން ލިޔުމަކީ އެއްކޮށް ކްލޯޑް އިން ލިޔެފައިވާ ލިޔުމެއްކަން، ނުވަތަ ހަމައެކަނި އެޑިޓުކުރި ލިޔުމެއްކަން ވަކިކުރާކަށް މި ނިޒާމަކަށް ނޭނގޭނެއެވެ. އެހެންކަމުން ކްލޯޑް މެދުވެރިކޮށް ލިޔުމެއް އެޑިޓުކުރިޔަސް، ނުވަތަ ތަރުޖަމާކުރިޔަސް އޭގައި ވޯޓާމާކް ޖެހޭނެއެވެ.
ކުރު ލިޔުންތަކުންނާއި ކުޑަކޮށް އެޑިޓުކޮށްފައިވާ ލިޔުންތަކުން ވޯޓާމާކް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އަދި ވޯޓާމާކް މުޅިން ފިލުވާލަން ބޭނުންވާނަމަ ޖެހޭނީ އެ ލިޔުމެއް އެއްކޮށް އަލުން ލިޔާށެވެ.
ކޯޑުތަކުގައި ވޯޓާމާކް ޖެހުމާ ގުޅޭގޮތުންވެސް ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ސަބަބަކީ އިންސާނުންގެ ބޮޑު މަސައްކަތަކާ ނުލައި ކޯޑުތަކުގެ ކޮޕީރައިޓް ނުނެގިދާނެތީއެވެ. ނަމަވެސް އެންތްރޮޕިކް އިން ބުނެފައިވަނީ ކޯޑު ލިޔާއިރު ވޯޓާމާކް ޖެހޭ މިންވަރު އާންމު ލިޔުންތަކަށްވުރެ މަދުވާނެ ކަމަށެވެ. ސަބަބަކީ ކޯޑުތަކަކީ ވަރަށް ސީދާކޮށް، ބަސްތައް އިހުތިޔާރުކުރުމުގެ ފުރުސަތު ކުޑަކޮށް ލިޔަންޖެހޭ އެއްޗަކަށް ވާތީއެވެ. ލިޔުމުގައި ބަސްތައް އިހުތިޔާރުކުރަން ނުޖެހޭނަމަ، ވޯޓާމާކް އެޕްލައިއެއް ނުކުރެވޭނެއެވެ.
ލިޔުންތަކުގެ އިތުރުން ކްލޯޑް އިން އުފައްދާ ފޮޓޯތަކުގެ މެޓަޑޭޓާގައިވެސް އޭއައި އިން އުފައްދާފައިވާ ފޮޓޯއެއްކަން އަންގައިދޭ ކްރިޕްޓޯގްރެފިކް ނޯޓެއް ހިމަނާނެއެވެ.
އެންތްރޮޕިކް އިން ބުނެފައިވަނީ ވަކި ސަރަހައްދުތަކަކަށް އަމާޒުކޮށްގެން މިކަން ވަކިން ތަންފީޒުކުރެވެން ނެތުމުން، ކްލޯޑްގެ ހުރިހާ އައުޓްޕުޓެއްގައިވެސް މިވަގުތު ވޯޓާމާކް ޖަހާނެ ކަމަށެވެ. މި ބަދަލުތައް އަންނާނީ އޮގަސްޓު 2 ގެ ފަހުން ނެރެފައިވާ މޮޑެލްތައް ބޭނުންކުރާ ކްލޯޑްގެ ހުރިހާ ޕްރޮޑަކްޓަކަށެވެ.
ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކުރީގެ މޮޑެލްތަކަށްވެސް ވޯޓާމާކް ކުރުމުގެ ފީޗާ އިތުރުކުރާނެ ކަމަށް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.