ހެންވޭރުގެ ގެއެއްގައި ހުރި އެޕާޓްމަންޓެއްގައި ރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަނުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކެއުން ބުއިން ހަމަޖައްސައިދީފިއެވެ.
ހ. ފަހިވަހި ނަމަކަށް ކިޔާ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓު ވަނީ ބޭނުންނުކުރެވޭ އަނދައިފައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކަމަށެވެ. ނަމަވެސް، ފުލުހަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ.
އެއާއެކު އެ އިދާރާއިން ބުނީ، އެ އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔަ ތިން އަންހެނުންނާއި ފިރިހެނަކަށް ފަސް ދުވަހަށް ބޭނުންވާ ވަރަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
މި ހާދިސާގެ ސަބަބުން އެ ޢިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުންނަށް ދިރިނޫޅެވޭ ވަރުގެ ގެއްލުމެއް ނުވާ ކަމަށާއި، ދުމުގެ އަސަރެއް ވެސް މިހާރު އެ ފަންގިފިލާތަކުގައި ނެތް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގެއެވެ.