ހައިކޯޓުގެ ފަނޑިޔާރު މާހިރު، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަނީ

ފަނޑިޔާރު މާހިރު

ހައިކޯޓުގެ ފަނޑިޔާރު، އިބްރާހީމް މާހިރު 20 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު، ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން މާހިރު ހުށަހެޅުއްވި ހުށަހެޅުއްވުން, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގަބޫލުކޮށް، އޭނާއަށް ރިޓަޔަމަންޓް ދޭން ނިންމައިފައެވެ. އެއާއެކު، އަންނަ މަހުގެ ތެރޭގައި މާހިރު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި މާހިރު، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން ނިންމެވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މާހިރު ހުންނެވީ ފެމިލީ ކޯޓުގައެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އޮކްޓޫބަރު 13، 2022 ގައި އޭނާ ހަމަޖެއްސެވިއިރު، މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންނެވީ މެއި 23، 2010 ގައެވެ.

ފަނޑިޔާރުކަމުގެ މަގާމުން މާހިރު މި ވަކިވެވަޑައިގަންނަވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު، އެކި ކޯޓުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހުއެވެ.

ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް 10 އަކަށް ބަދަލުވާނެއެވެ. ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 11 އެކެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެނެސްގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަން އުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

comment ކޮމެންޓް