އިސްރާއީލުގެ ހުރަސްއެޅުންތަކުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވަނީ

ޣައްޒާގެ ވަގުތީ ހޮސްޕިޓަލެއްގައި، އިސްރާއީލުން ޒަޚަމްކޮށްލާފައިވާ ކުޑަކުއްޖަކަަށް ފަރުވާދެނީ

ޣައްޒާ (16 އޮގަސްޓް 2026) : ޣައްޒާގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ފޯރުކޮށްދޭ ސްޓޭޝަންތައް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އިސްރާއީލު ހުރަސްއެޅުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް އޮކްސިޖަން ނުލިބިދާނެކަމުގެ އިންޒާރު ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ދީފިއެވެ.

އެ ވުޒާރާއިން ބުނިގޮތުގައި އޮކްސިޖަން އުފައްދާ 34 ސްޓޭޝަންގެ ތެރެއިން 22 ސްޓޭޝަނެއްގެ ޚިދުމަތް ވަނީ އެއްކޮށް ހުއްޓިފައެވެ. އެއީ އެތަންތަން މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އެތެރެކުރުމަށް އިސްރާއީލު ހުރަސްއެޅުމުގެ ސަބަބުންނެވެ. މިހާރު މަސައްކަތްކުރަނީ އެންމެ 12 ސްޓޭޝަން އެވެ.

އެތަންތަނަށް ބޭނުންވާ މަރާމާތުގެ ތަކެއްޗަށް އިސްރާއީލު ހުރަސްއަޅާނަމަ އެތަންތަންވެސް ދާދިއަވަހަށް ހުއްޓިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މި 12 ސްޓޭޝަނުން ޣައްޒާގެ ހޮސްޕިޓަލްތަކުގައިވާ ބަލިމީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭކަމަށް ވެސް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިސްރާއީލުންވަނީ ޣައްޒާގެ 30 އަށް ވުރެގިނަ ހޮސްޕިޓަލަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލާފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ސިއްހަތާބެހޭ ނިޒާމު ރޫޅި ބަލިމީހުންނާއި އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުން ސިއްހީ ފަރުވާ ނުލިބި މަރުވަމުންދާތާ މަސްތަކެއްވަނީ ވެފައެވެ.

މިހާރު ޣައްޒާގައިވަނީ ވަގުތީ ތިން ހޮސްޕިޓަލް ގާއިމްކޮށްފައެވެ. އޭގެތެރެއިން އެއް ހޮސްޕިޓަލަކީ 50 ހާސް މީހުންނަށް ފަރުވާދެވޭ ވަރުގެ ބޮޑު ހޮސްޕިޓަލެކެވެ. މިއީ އާދައިގެ ގޮތަކަށް ބިނާކޮށްފައިވާ އާންމު ޚިދުމަތްދޭ ހޮސްޕިޓަލްތަކެކެވެ. މަތީފެންވަރުގެ ޓާޝަރީ ފަރުވާދެވޭ ހޮސްޕިޓަލްތަކެއް ނޫނެވެ.

އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލް

އިސްރާއީލު ހަލާކުކޮށްލާފައިވާ ޣައްޒާގެ ހޮސްޕިޓަލްތައް މަރާމާތު ކުރުމަށްވެސް އިސްރާއީލު ގެންދަނީ ހުރަސްއަޅަމުންނެވެ.

ޣައްޒާގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަން ނުލިބިއްޖެނަމަ ދުވާލަކު އެތަށް ބަޔަކު ހޮސްޕިޓަލްތަކުގައި މަރުވާނެކަމުގެ ބިރު ހީވެފައިވާތީ މިކަންވާނީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ އަށާއި އދ. ގެ ކަމާބެހޭ ފަރާތްކަށް އަންގާފައެވެ.

އިސްރާއީލަކީ އދ. އަށާއި ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދަށް ގޮންޖަހައި ގޮންމުށުގެ ބާރު ދައްކަމުން ގެންދާ ނުރައްކާތެރި އިސްތިއުމާރީ ބާރަކަށްވާއިރު މި އަނިޔާވެރި ބާރަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އާއި ޔޫރަޕް ބޭނުމެއް ނުވެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަން ފުޅިތަކަށް އޮކްސިޖަން އެޅުމަށް ބޭނުންކުރާ 30 މެޝިނުގެ ތެރެއިން މިހާރު މަސައްކަތް ކުރާކަމަށްވަނީ އެންމެ ހަތަރު މެޝިނެވެ. އެ މެޝިންތައް ވެސް ހުރީ ކޮންމެ ވަގުތެއްގައި ވެސް ހުއްޓިދާފަދަ ހާލަތެއްގައި ކަމަށާއި އިސްރާއީލުން ޣައްޒާގެ 75،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް ދެލައްކައަށް ވުރެގިނަމީހުން ޒަޚަމްކޮށްލާފައިވާތީ މިފަދަ މެޝިންތައް މަރާމާތުކުރުމަށް ބޭނުންވާ އިންޖިނޭރުން ވެސް ޣައްޒާގައި މިހާރު ނެތްކަމަށް ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

comment ކޮމެންޓް