މިއަދަށް ނިންމަން ތާވަލުކޮށްފައިވާ، ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި، ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަންމައިލައިފިއެވެ.
ކައުންސިލްގެ ބާރުތައް ކުޑަކޮށް އެ ބާރުތައް ސަރުކާރަށް ލިބޭގޮތަށް ހަދައިފައިވާ އެ ބިލުގެ ބަހުސް އެއް ދުވަހުން ނިންމައިލައި ދިރާސާކުރަން ފޮނުވީ މިދިޔަ ހޯމަ ދުވަހެވެ. ލާމަރުކަޒީ ކޮމިޓީން އެއާ ޖެހިގެން އައި ދުވަހު ބައްދަލުވުން ބާއްވައި ނިންމީ މިއަދަށް ބިލުގެ މަސައްކަތްތައް ނިންމައިލުމަށެވެ.
އެކަމަކު މިއަދުގެ ބައްދަލުވުމުގައި ބިލުގެ މަސައްކަތް ނިންމައިލުމަށް ކަނޑައެޅި ސުންގަޑި، މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރުގެ ފަހު ދުވަސް ކަމަށްވާ ބުރާސްފަތި ދުވަހަށް ދަންމައިލުމަށް އެ ކޮމިޓީން ވަނީ ނިންމައިފައެވެ. ވިލުފުށީ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ވަޙީދު ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އައިފާން ތާއީދުކުރެއްވި އެ ހުށަހެޅުން ލާމަރުކަޒީ ކޮމިޓީން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ފާހަގަކުރެވޭ ގޮތުގައި އެ ބިލު ފާސްކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު މި މަހުގެ އަށްވަނަ ދުވަހު ހުށަހެޅި ޕެޓިޝަނަށް ވަނީ ހަފުތާއެއް ތެރޭ 2،100 މީހުންގެ ސޮއި ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދުގައިވާ ގޮތުން ޕެޓިޝަނަކަށް 2،100 ސޮއި، ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވުމުން އެ ޕެޓިޝަން ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވައިލަން ވާނެއެވެ. ވުމާއެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް މިއަދު 12 ޖަހާއިރަށް ތާވަލުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި ބިލުގެ މަސައްކަތުގެ ސުންގަޑި ފަސްކުރީ ޕެޓިޝަންގެ ސަބަބުންނެވެ.
މިދުޢަމްގެ ޕެޓިޝަންގައި ވަނީ، ކައުންސިލުތަކުގެ ދަށުގައި ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ބާރު ދިނުމުގެ އާޚިރު ނަތީޖާއަކަށް ވާނީ އާންމުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ. އޭރުން ކައުންސިލަރުން ވަޒީރުންގެ ނިންމުންތަކާ ދެކޮޅު ހަދާ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭ ކަމަށް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
ޕެޓިޝަންގައި އޮތް ގޮތުގައި، މި ބިލުގެ ސަބަބުން އާންމުން ކަންކަމުގައި ބަސް ބުނުމުގެ ހައްގު ވެސް ހަނިވެއެވެ.
މި ބިލު ހުށަހެޅުއްވި، ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.
އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި އިޞްލާހުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.
ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ބަލައިގަތް ނަމަވެސް، މިއީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ މި ބިލުގެ ސަބަބުން މަޝްރޫއުތައް އަވަސްވެގެން ދާނެ ކަމަށް، ކައުންސިލުތަކުގެ ބެލެނިވެރި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު ސިފަކުރައްވައިފައިވެއެވެ.