ނިމުނު ހަފުތާގައި ކުއްލި ނުރައްކަލުގެ 13 ހާސިދާއެއް ހިނގާފައިވާއިރު މާލެ ސަރަހައްދުގައި އެކަނިވެސް 10 ހާދިސާ ހިނގާފައިވާ ކަަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހާދިސާތަކަކީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިނގާފައިވާ ހާދިސާތަކެވެ.
އެގޮތުން ނިމުނު ހަފުތާގައި ޖުމްލަ 13 ހާދިސާއަކަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެޓެންޑްވެ ހަރަކާތްތެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މާލެ އޭރިއާ ކޮމާންޑުން އެޓެންޑް ވެފައިވާ 10 ހާދިސާއަކާއި ސައުތާން އޭރިއާ ކޮމާންޑުން އެޓެންޑް ވެފައިވާ ދެ މައްސަލައެއްގެ އިތުރުން ނޯތަން އޭރިއާ ކޮމާންޑުން އެޓެންޑްވެފައިވާ މައްސަލައެކެވެ.
މި މައްސަލަތަކުގައި އެންމެ ގިނައިން ރިޕޯޓުކުރަނީ ގިނައިން ރިޕޯޓުކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކާއި މީހުން ސަލާމަތްކުރުމުގެ ހާދިސާތަކުގެ އިތުރުން ހެޒްމެޓް އިންސިޑެންޓްތަކެވެ.
ހެޒްމެޓް އިންސިޑެންޓްތަކަކީ އިންސާނާގެ ސަލާމަތާއި މުދަލަށް ނުވަތަ ތިމާވެއްޓަށް ނުރައްކާވާ ފަދަ ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް ނުވަތަ ފިޒިކަލް މާއްދާތައް ކޮންޓްރޯލް ނުކުރެވި ދޫވުމުގެ ހާދިސާތަކެވެ.
މި މައްސަލަތަކުގެ ތެރޭގައި:
- ފަޔާ އިންސިޑެންޓް: 06
- ހެޒްމެޓް އިންސިޑެންޓް: 01
- ރެސްކިއު އިންސިޑެންޓް: 03
- މެޑް އިވެކް އިންސިޑެންޓް: 02
- އެލާމް އިންސިޑެންޓް: 01
ކުއްލި ނުރައްކަލުގެ ގިނަ ހާދިސާތަކަކަށް އެމްއެންޑީއެފުން އެޓެންޑްވެފައިވާއިރު، ދާދި ފަހުން ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި ގެއްލުނު ތިން މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
އެ ތިން މީހުން ގެއްލިފައިވަނީ ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ.