ގުޅުން ވަރަށް ބަދަހިކަމުގެ ޔަގީންކަން ދެން، މައި އަސާސަކީ އެކުލެވިފައި އޮތް 'ވިޝަން ޑޮކިއުމަންޓް': އިންޑިއާ ސަފީރު

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން -- ސަން ފޮޓޯ

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ބަދަހި އަދި ވަރުގަދަ ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ ލީޑަރުން އެކުލަވައިލައްވާފައިވާ 'ވިޝަން ޑޮކިއުމަންޓް'ގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު މިހެން ވިދާޅުވީ 'މޯލްޑިވްސް އިންޑިޕެންޑެންޓް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ސަފީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮކްޓޯބަރު 2024 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގައި ވަރަށް މުހިންމު ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެ ޤައުމުގެ ކުރިމަގުގެ އަމާޒުތައް ކަނޑައަޅުއްވައި 'ވިޝަން ޑޮކިއުމަންޓް' ނުވަތަ މަގުޗާޓެއް އެކުލަވައިލައްވާފައެވެ. އަދި ދެ ގައުމުން ވެސް މިހާރު މަސައްކަތް ކުރަމުންދަނީ އެ މަގުޗާޓާ އެއްގޮތަށް ވަރަށް ފުރިހަމައަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން، 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު މުހިންމު ދަތުރުފުޅުތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ރާއްޖޭގެ އަށެއް ނުވަތަ ނުވަ ވަޒީރަކު އިންޑިއާއަށް ޒިޔާރަތް ކުރެއްވި ކަމަށެވެ.

އަދި ޖުލައި 2025 ގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތްކުރެއްވި އިރު، ނޮވެމްބަރު 2025 ގައި އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ވެސް ރާއްޖެ ވަޑައިގެންނެވި ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އޭވިއޭޝަން، ފަތުރުވެރިކަން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންޑިއާގެ ވިޔަފާރިވެރިންގެ ހަތަރު ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އަދި އެހީތެރިކަމަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ދައުރު އަދާކުރުމާ ގުޅޭގޮތުން ސަފީރު ވިދާޅުވީ، އިންޑިއާއިން އަބަދުވެސް އެ ދައުރު ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ.

އެގޮތުން، ވަރަށް ފަހުން ރާއްޖޭގައި ފެތުރުނު ހިމަބިހި ބަލިމަޑުކަމުގައި ރާއްޖޭގެ ސަރުކާރުން އެހީތެރިކަމަށް އެދުމުން، އެންމެ ހަތް ދުވަހުގެ ތެރޭގައި އިންޑިއާއިން ތިން ޓަނުގެ ބޭހާއި 20،000 ވެކްސިން ޑޯޒް ފޯރުކޮށްދީފައިވާކަން ސަފީރު ހާމަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ތާރީޚަށް ބަލާއިރު ވެސް 1988 ގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައްޔާއި، 2004ގެ ސުނާމީ ކާރިސާ، 2014ގެ މާލޭގެ ފެނުގެ ކާރިސާ، 2020 ގެ ކޮވިޑް-19 ގެ ހާލަތު އަދި އެންމެ ފަހުން ދިމާވި ހިމަބިހީގެ ހާލަތުގައި ވެސް އިންޑިއާއިން ވަނީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް އެހީތެރިވުމުގައި އިންޑިއާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

comment ކޮމެންޓް