ރާއްޖޭގެ އިގުތިޞާދީ ހާލަތާއި މަނިޓަރީ ސިޔާސަތުގެ ދަށުން މަރުކަޒީ ބޭންކު އެމްއެމްއޭން އަޅައިފައިވާ ފިޔަވަޅުތައް ހިއްސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ ރާއްޖޭގެ އިގުތިޞާދީ ހާލަތާއި މަނިޓަރީ ސިޔާސަތުގެ ދަށުން އެމްއެމްއޭން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމެވެ.
މި ބައްދަލުވުން ކޮމިޓީން ބާއްވަނީ އެމްއެމްއޭން އެދިގެންނެވެ.
މިއަދުގެ މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ. ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަނާން މުޙައްމަދު ރަޝީދުގެ ތާއީދު ލިބުނު މި ހުށަހެޅުން މާލިއްޔަތު ކޮމިޓީން ފާސްކުރީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފާހަގަކުރެވޭ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު އެމްއެމްއޭން ވަނީ، ރާއްޖޭގެ އިގުތިޞާދުގައި ދައުރުވާ ރުފިޔާ މަދުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.
އެގޮތުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމަންޓު (އެމްއާރުއާރު) މަތިކުރުމާއި އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކޮށްގެން ދައުރުވާ ފައިސާގެ މިންވަރު ދަށްކުރަން އެމްއެމްއޭއިން ވަނީ ނިންމައިފައެވެ.
އެ ނިންމުމާ އެއްގޮތަށް އަންނަ މަހުން ފެށިގެން އެމްއާރުއާރުގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު 10.5 އިންސައްތައިން 11 އިންސައްތައަށް މަތިކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މާކެޓު މުރާޖައާކުރުމަށްފަހު ރުފިޔާގެ އެމްއާރުއާރު މަޑުމަޑުން އިތުރުކުރަމުން ގޮސް، އަންނަ އަހަރުގެ ނިޔަލަށް އެ އަދަދު 13 އިންސައްތައަށް މަތިކުރުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.
މި ބަދަލުތައް ގެންނަން މި ނިންމީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން އުފުލެމުން ގޮސް، މިހާރު ވަނީ 21.60 ރުފިޔާއަށް އަރައިފައެވެ.
ސަރުކާރުން މިކަމުގެ ޒިންމާ އަޅުވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ބޮލުގައެވެ. ސަރުކާރުން ބުނާ ގޮތުގައި، ކޮވިޑް-19 ގެ ދުވަސްވަރު އެމްޑީޕީ ސަރުކާރުން ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން، އިގްތިސާދުގައި ރުފިޔާ ގިނަވެ، އޭގެ ނޭދެވޭ އަސަރު ޑޮލަރުގެ މާކެޓަށް ވަނީ ކޮށްފައެވެ.
ޑޮލަރުގެ އަގު މަތިވުމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވެސް އަންނަނީ އުފުލެމުުންނެވެ.