ލަމްބޯގިނީ އެކްސިޑެންޓް: ހޯކްސްގެ ސީއީއޯ ރިފާއުގެ ލައިސެންސް ހިފަހައްޓައި، ކާރުގެ ބައިތައް ހަވާލުކޮށްފި

އެކްސިޑެންޓުވި ކާރު؛ ކާރުގެ ބައިތައް ވަނީ ވެރިފަރާތާ ހަވާލުކޮށްަފައި -- ފޮޓޯ/ އެކްސިޑެންޓް މޯލްޑިވްސް

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޯގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި ފުނޑުފުނޑުވި މައްސަލައިގައި، ކާރު ދުއްވަން އިން، ހޯކްސް ކުންފުނީގެ ސީއީއޯ ހަސަން ރިފާއުގެ ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 08:42 ހާއިރެވެ.

އެ ކާރު ސޯލާ ޕެނަލްގެ ހޮޅިދަނޑީގައި ޖެހި ފުރޮޅާލިއިރު، ކާރުގައި ކުޑަކުއްޖެއް ވެސް އިނެވެ.

ފުލުހުން ބުނީ ކާރުގައި ތިބީ މިޔްނިކް، ބ. ކަމަދޫ ހަސަން ރިފާއުއާއި 13 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ރިފާއުއާއި ކުޑަކުއްޖާއަށް ޓްރީޓޮޕްގައި ފަރުވާ ދިނުމަށް މިހާރު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބަގިނީ ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެފައި-- ފޮޓޯ

ފުލުހުން ބުނީ ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ރިފާއުގެ ޑްރައިވިން ލައިސެންސް ހިފަހައްޓައިފައިވާކަން ފުލުހުން ހާމަކުރިއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ރަތް ކުލައިގެ އެ ކާރަށް ވަރަށް ބޮޑަށް ގެއްލުންވެ، ފުނޑުފުނޑުވެފައިވާ މަންޒަރު ފެނެއެވެ.

ދަ ހޯކްސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް