ތާޕްސީގެ ފިލްމު 'ގާންދާރީ' އަންނަ މަހު ނެޓްފްލިކްސްއަށް

ފިލްމު "ގާންދާރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕައްނޫ ލީޑް ރޯލް ކުޅެފައިވާ އެކްޝަން ތުރިލާ "ގާންދާރީ" އަންނަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.

މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ ސްކްރީން ރައިޓަރު ކަނީކާ ދިލަން ލިޔެ، ޕްރޮޑިއުސްކޮށް، ދޭވަޝިޝް މަޚީޖާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، ގެއްލިފައިވާ ދަރިފުޅު ހޯދުމަށް މައެއް ކުރާ ވަރުގަދަ މަސައްކަތާއި، އެ ދަތުރުގައި އޭނާއަށް ކުރިމަތިވާ ގޮންޖެހުންތައް ދައްކުވައިދޭ ފިލްމެކެވެ.

ޚިޔާލީ ރަށެއް ކަމަށްވާ "ޖޯއިޕޫރާ"ގައި ހިނގާ މި ހާދިސާ ބިނާވެފައި ވަނީ ބާނީ ކިޔާ އަންހެނެއްގެ މައްޗަށެވެ. ދަރިފުޅު ހޯދުމަށް އޭނާ ކުރާ މަސައްކަތުގައި ނުރައްކާތެރި އެތައް ހާދިސާތަކަކާ ކުރިމަތިލާންޖެހެއެވެ. މި ފިލްމަކީ ކެތްތެރިކަމާއި، ސާބިތުކަމުގެ އިތުރުން މައެއްގެ ލޯތްބާއި ގުރުބާނީ، އެކްޝަން އަދި އަސަރުގަދަ މަންޒަރުތަކާ އެކު ގެނެސްދޭ ފިލްމެކެވެ.

ފިލްމު ޕްރޮޑިއުސަރު، ސްކްރީން ރައިޓަރު ކަނީކާ ދިލޮން އަދި ބަތަލާ ތާޕްސީ ޕަންނޫ--ފޮޓޯ/އިންޑިއާޓުޑޭ

މި ފިލްމަކީ ތާޕްސީގެ ދިގު ކެރިއަރުގައި ޖިސްމާނީ ގޮތުން އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އެއް ރޯލު ކަމަށް ބަތަލާ ފާހަގަކޮށްފައިވެއެވެ. މި ފިލްމުގައި ތާޕްސީގެ އިތުރުން އިޝްވަކް ސިންގް، ޗާޔާ ކަދަމް، ސްވަސްތިކާ މުކަރްޖީ، މިތާ ވަޝިޝްތު އަދި ޖަތިން ސަރްނާ މުހިންމު ރޯލުތަކުން ފެންނާނެއެވެ.

ފިލްމުގެ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ކަނީކާ ދިލަން ބުނި ގޮތުގައި، "ގާންދާރީ" އަކީ ހާލަތުގެ އަޅަކަށް ނުވެ، އަމިއްލަ ހިތްވަރުން ކަންކަމާ ކުރިމަތިލާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. ބާނީގެ ދަތުރަކީ ވަރަށް އަސަރުގަދަ އަދި އެހާމެ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، ތާޕްސީއާ އެކު އަލުން މަސައްކަތްކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ކަނީކާ ވަނީ ބުނެފައެވެ.

ކަނީކާ އަކީ ތާޕްސީގެ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް ކަމަށްވާ "ހަސީން ދިލްރުބާ"ގެ ދެ ބައިގެ ވެސް ސްކްރީން ރައިޓަރެވެ. ފިލްމު "ގާންދާރީ" ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.

comment ކޮމެންޓް