ސުންގަނޑި ކަނޑައެޅުމަށްފަހު އީރާނުގެ އިގްތިސާދީ ލޭނާރުތައް ބުރިކޮށްލުމުގެ މަސައްކަތް އެމެރިކާ ފަށައިފި

އެމެރިކާގެ މާލީ ވަޒީރު

ވޮޝިންޓަން (24 އޮގަސްޓް 2026) :އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލުމުގެ ސުންގަޑި ކަނޑައެޅުމަށްފަހު މިހާތަނަށް ތާރީޚުގައި ވެސް ދުނިޔޭގެ ގައުމަކާ ދެކޮޅަށް އަޅާފައި ނުވާވަރުގެ ހަރުކަށި އަދި ގަދަފަދަ ފިޔަވަޅުތަކެއް އެމެރިކާގެ މާލީ ވަޒީރު އީރާނާ ދެކޮޅަށް އިއުލާން ކުރައްވައިފިއެވެ.

މިފިޔަވަޅުތައް އިއުލާން ކުރައްވަމުން އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ މިއީ އީރާނުގެ އިގްތިސާދީ އަދި ވިޔަފާރީގެ ލޭނާރުތައް އެއްކޮށް ހުއްޓުވާލައި "އިކޮނޮމިކް ރެކަނިންގ ޑޭ އެއް" ނޫނީ އިގްތިސާދީ ގޮތުން އީރާނަށް ކުރިމަތިވާނެ ހިސާބު ބެލުމުގެ ގިޔާމަތް ދުވަހަކަށް ވެގެންދާނެ އަދި އެމެރިކާއަކީ ކިހާވަރެއްގެ ބާރުގަދަ ގައުމެއްކަން އީރާނަށް އިހުސާސްކުރެވިގެންދާނެ ފިޔަވަޅުތަކެއްކަމުގައެވެ.

މި ފިޔަވަޅުތަކާއެކު އީރާން ޖެހޭނީ އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫޖަހައި އެމެރިކާއަށް ބޯލަނބައި އެމެރިކާ ބޭނުންވާ އެއްބަސްވުމަކަށް ދާންކަމަށާއި އެނޫން އެއްވެސް ޗޮއިސްއެއް އީރާނަށް މިފަހަރު ނޯންނާނެ މިންވަރަށް އީރާނުގެ ކަރު ފިއްތާލައި ނޭވާހޮޅިއަށް އަޅުވާލާނެ ކަމަށް ވެސް އެމެރިކާގެ މާލީ ވަޒީރު ބެސެންޓް ވިދާޅުވިއެވެ.

ބެސެންޓް ވިދާޅުވިގޮތުގައި އެމެރިކާ އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ގޮންޖަހާ މީހުންވެސް ޒިންމާދާރުކޮށް އެމީހުން ހިސާބުކުރުވައި އަދަބު ދޭނެ ކަމުގައެވެ. މީގެއިތުރުން އެމެރިކާއަށް ގޮންޖަހާފައި އީރާނަށް އެހީވުމާމެދު ކޮންމެ ގައުމަކުންވެސް އެތައް ހާސްފަހަރަކު ވިސްނަންޖެހޭކަމަށާއި އީރާނަށް އެހީތެރިވާ ކޮންމެ ގައުމެއްވެސް އީރާން ފަދައިން އިނދަޖައްސާލާނެކަމަށް ބެސެންޓް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އެމެރިކާ އީރާނަށް މިގެންނަނީ އިކޮނޮމިކް ޑީޑޭއެކެވެ. އެމެރިކާ އަޅާ ފިޔަވަޅުތަކުގެ ކާމިޔާބީ ދައްކާނީ ސައްތައިން ސައްތައަކަށް ނޫންކަމަށާއި ކާމިޔާބު ދައްކާނީ ސައްތައިން ދުއިސައްތައަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް މާލީ ގޮތުންނާއި އިގްތިސާދީ އަދި ވިޔަފާރީގެ ގޮތުން އަޅާ މިފިޔަވަޅުތަކާމެދު އީރާން ބިރުނުގަންނަނީ މިފިޔަވަޅުތަކަކީ ކިހާވަރެއްގެ ބާރުގަދަ ފިޔަވަޅުތަކެއްކަން އީރާނުގެ ވެރިންނަށް ނޭނގޭތީ ކަމުގައެވެ.

އީރާން އިނދަޖައްސާލުމުގެ ފިޔަވަޅުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ އަތްދަށުން ފަރަންސޭސިވިލާތް މިނިވަން ކުރުމަށްޓަކައި އިއްތިހާދީން ނުވަތަ އެލައިޑް ފޯސަސްގެ ސިފައިން 1944 ވަނަ އަހަރު ނޯމަންޑީއަށް ފޭބި ފޭބުން (ނޯމަންޑީ ލޭންޑިންގ) ގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވައިފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާ ވަނީ އާދަޔާޚިލާފު ދަތިކުރުމުގެ ފިޔަވަޅުތަކެއް ފާއިތުވި 47 އަހަރު ތެރޭގައިވެސް އަޅާފައެވެ. އީރާނާ ދެކޮޅަށް 10 ހާހަށްވުރެ ގިނަ ފިޔަވަޅު މިމުއްދަތު ތެރޭގައި

އެމެރިކާ އެޅިނަމަވެސް އީރާން އިނދަޖައްސާލުމާއި އީރާން ކުޑަކަކޫމައްޗަށް ތިރިކޮށް އެމެރިކާގެ ޕަޕެޓަކަށް ހެދުމުގައި އެމެރިކާ ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

އީރާނުގެ ވެރިކަން ބަދަލުކޮށް އެމެރިކާގެ ޕަޕެޓަކު އީރާނުގެ ވެރިކަމަށް ގެނައުމަށްޓަކައި ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރި ޣައިރު ގާނޫނީ ހަނގުރާމަ ވެސް ވަނީ ނާކާމިޔާބުވެފައެވެ.

އިގްތިސާދީ އިތުރު ފިޔަވަޅުތައް އެމެރިކާ މިއަޅަނީ އީރާނާ ދެކޮޅަށް ކުރި އަސްކަރީ ހަނގުރާމަ ނާކާމިޔާބުވެ ލަދުގަނެ ދެން ހަދާނެ އެއްވެސް ގޮތެއްނެތިގެން އެމެރިކާގެ މޫނު ސަލާމަތް ކުރުމަށްކަމަށާއި، އިގްތިސާދީ މި ހަނގުރާމަވެސް އެމެރިކާއަށް ކާމިޔާބުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް