އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރަން ފަތުރުވެރިންނަށް ދީފައި އޮތް ލުއިތަކެއް، ދިވެހީންނަށް ވެސް

މީހަކު ސިނގިރޭޓެއް ބޮނީ: އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރަން ފަތުރުވެރިންނަށް ދީފައި އޮތް ލުއިތަކެއް، ދިވެހީންނަށް ވެސް ދޭން ވަނީ އިސްލާހެއް ގެނެސްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރަން މީގެ ކުރިން ފަތުރުވެރިންނަށް ދީފައި އޮތް ލުއިތަކެއް، ދިވެހީންނަށް ވެސް ދިނުމަށް ކަމާ ގުޅޭ އުސޫލު މިއަދު އިސްލާހުކޮށްފިއެވެ.

ގެޒެޓުގައި މިއަދު އިއުލާންކޮށްފައިވާ އިސްލާހު ގެނެސްފައިވަނީ، ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށެވެ.

އެ އުސޫލުގައި އިސްލާހު ގެނެސްފައިވަނީ، ރާއްޖޭން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑެކްލަރޭޝަން ހުށަހަޅަން ނުޖެހޭ ތަކެއްޗާ ގުޅޭ މާއްދާގެ ބަޔަކަށެވެ. އެގޮތުން މީގެ ކުރިން އެ ބައިގައި އޮންނަނީ، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ 18 އަހަރު ފުރިފައިވާ ބޭރުގެ ފަތުރުވެރީން އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާ ފަދަ ތަކެތީގެ ތެރެއިން 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް ޑެކްލެއާ ކުރަން ނުޖެހޭނެ ކަމަށާއި އެއަށް ޑިއުޓީ މާފު ކުރެވޭނެ ކަމަށެވެ.

މިހާރު އެ މާއްދާގައި ވަނީ، ރާއްޖޭން ބޭރުން ދަތުރުކޮށްފައި އަންނަ، 21 އަހަރު ފުރިފައިވާ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ޑެކްލެއާ ކުރަން ނުޖެހޭނެ މިންވަރުތައް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 200 ސިނގިރޭޓް ނުވަތަ 20 ސުއްޓާ ނުވަތަ 100 ގުރާމުގެ ދުންފަތެވެ. އެހެންކަމުން، މިހާރު އެ މާއްދާގައި އެއީ ވަކިން ފަތުރުވެރިންނަށް ދޭ ލުޔެއްކަން ބަޔާންކޮށްފައި އޮތް ބައި ވަނީ އިސްލާހުކޮށްފައެވެ.

މީގެ އިތުރުން، އެ މާއްދާއަށް އިތުރު ނަންބަރެއް އިތުރުކުރަން ވެސް އިސްލާހުގައި ހިމަނައިފައިވެއެވެ. އެއީ، ރާއްޖޭން ބޭރުން އަންނަ 21 އަހަރުން މަތީގެ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ ރޯލިން ޓޮބޭކޯ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޓަކައި ދުންފަތް އޮޅުމަށް ބޭނުންކުރާ ބާވަތެއް ދޫކުރާ ހާލަތުގައި، އެއާއެކު ދޫކުރެވޭނެ ތަކެތި ބަޔާންކުރުމަށެވެ. އެއީ:

  • ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެނުއަލް ކުދިކުދި ޕޯޓަބަލް މެޝިން
  • ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ކަރުދާސް
  • ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ފިލްޓަރު
  • ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ހުސް ޓިޔުބު ނުވަތަ ޕައިޕް

ހަމައެއާއެކު، ޝީޝާ އާއި ފްލޭވާޑް ސިނގިރެޓްގެ ބާވަތްތައް ޑިއުޓީ ނުދައްކާ ނުގެނެވޭނެކަން އިސްލާހުގައި ވެސް ބަޔާންކޮށްފައިވެއެވެ.

މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި 2024ގައި ވޭޕް މަނާކުރުން ހިމެނެއެވެ. އަދި 2007އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.

https://sun.mv/224139

މި ސަރުކާރުން ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށް، މިދިޔަ ޖުލައި މަހު ޑިއުޓީ ވަނީ ކުޑަކޮށްފައެވެ. އެ ބަދަލު ގެނައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއެކު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް