ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.
އެ ނިންމުމާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ޚިލާފު މުޢާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ.
އެއާއެކު މަޓީން ވަނީ، އެފަދަ އެއްވެސް ޢަމަލެއްގެ އެއްވެސް މަޢުލޫމާތެއް އެނގިފައި ނުވާކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެއަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮލަރު މާރުކުރަން ޖެހޭ މިންވަރު އިތުރުކުރަން ނިންމިކަން އިއުލާންކުރީ ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، ވަކިވަކި ބައެއް ރިސޯޓު އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން މުޅި ސިނާޢަތަށް އެއްކޮށް ހިންގާ ސިޔާސަތެއް ތަންފީޒު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލެއްނުކުރެވެއެވެ. އަދި ކަޅު ބާޒާރުގައި އަގު އުފުލުމަކީ ހަމައެކަނި ރިސޯޓު އޮޕަރޭޓަރުންގެ ބޮލުގައި އެޅުވޭނެ ކަމެއް ކަމަށް ބުނުމަކީ ސައްޙަ އަދި އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް މަޓީން ވަނީ ބުނެފައެވެ.
އެ ޖަމިއްޔާއިން ވަނީ، ފައިސާ މާރުކުރުމުގެ ޝަރުތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި މަހުގެ ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރުމަށް މަޓީއަށް ދަޢުވަތު ދިންކަން ފާހަގަކޮށްފައެވެ. އެ ބައްދަލުވުމުގައި އެމްއެމްއޭއިން ހުށަހެޅީ މިހާރު އޮތް، ފަތުރުވެރިއަކަށް 500 ޔޫއެސް ޑޮލަރު މާރުކުރުމުގެ އިޚްތިޔާރު އުވާލައި، ކެޓަގަރީ އޭ ގެ ހުރިހާ ތަނަކުން އެއް ހަމައަކުން 20 އިންސައްތަ މާރުކުރުމަށްކަން މަޓީން ފާހަގަކުރިއެވެ.
އެހެންނަމަވެސް އެ ޖަމިއްޔާއިން އަބަދުވެސް ދެކޭ ގޮތަކީ، އެ ނިސްބަތް 10 އިންސައްތައަށް ވުރެ އިތުރުނުކުރުން ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، ގާނޫނާ އެއްގޮތަށް ފައިސާ މާރުނުކުރެވޭ ރިސޯޓުތަކުން ލުއި ދިނުމަށް އެދި ގާނޫނާ އެއްގޮތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ބަލައި، ވީހާވެސް އަވަހަށް ގޮތެއް ނިންމައި ދިނުމަށް އެދުނު ކަމަށް މަޓީން ބުންޏެވެ.
އެ ކަންކަން އެހެން ހުރުމާއެކު، ބައްދަލުވުން ބޭއްވިތާ މާ ގިނަ ދުވަހެއް ނުވެ، އިތުރު ސަތޭކަ އިންސައްތައިގެ ބޮޑުވުމަކާއެކު، ފައިސާ މާރުކުރަން ޖެހޭ ނިސްބަތް 40 އިންސައްތައަށް ހެދުމަށް ހުށަހެޅުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޓީން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި ޑޮލަރު އެ މިންވަރަށް މާރުކުރުމަކީ ސިނާޢަތަށް ތަޙައްމަލު ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ތެލާއި މުސާރައާއި ސާވިސް ޗާޖާއި ސަޕްލައިއާއި ލޮޖިސްޓިކްސްއާއި ފަތުރުވެރިން ދަތުރުފަތުރަށާއި ޓީޖީއެސްޓީއާއި ގްރީން ޓެކްސްއާއި ވިތުހޯލްޑިން ޓެކްސްއާއި އިންކަމް ޓެކްސްއާއި ޓޫރިޒަމް ބިމު ކުއްޔަށާއި ބޭރު ފައިސާގެ ލޯނުތައް އަދާކުރުމަށް މިހާރު ވެސް ރިޒޯޓުތަކުން ބޮޑެތި ޚަރަދުތަކެއް ޑޮލަރުން ކުރަންޖެހޭތީ ކަމަށް މަޓީން ބުންޏެވެ.
އެ ޖަމިއްޔާއިން 146 ރިސޯޓެއް ތަމްސީލުކުރާއިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް އިންވެސްޓްކުރާ، ބޭރު ފައިސާ ހޯދައިދޭ އަދި މާރުކުރާ ވިޔަފާރިތައްކަން މަޓީން ވަނީ ހަނދާންކޮށްދީފައެވެ. އަދި ގައުމުގެ ބޭރު ފައިސާގެ ޙާލަތު ހިމެނޭހެން، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އެ ސިނާޢަތުން އަބަދުވެސް ސަރުކާރާއެކު އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިސޯޓުތަކުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ދެމިއޮންނާނެކަން ފާހަގަކޮށް މަޓީން ވަނީ، އިންސާފުވެރި، ދެމެހެއްޓެނިވި، އަދި ޙަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ ޙައްލުތަކަކަށް ވާސިލުވުމަށްޓަކައި ސަރުކާރާއި، އެމްއެމްއޭ އާއި ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ބިނާކުރަނިވި މަޝްވަރާތައް ކުރުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދީފައެވެ.