ކާނިވާ ސްޓޭޖު ރޫޅައިލުމަށް ތައްޔާރުވެފައި ވާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ކާނިވާ ސަރަޙައްދުގައި ހުންނަ ސްޓޭޖުގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދައިފައިވާ ބައިތައް ފީވެ، އޭގެ ބައެއް ބައިތައް ވެއްޓެމުންދާ ކަން ފާހަގަކޮށްފައެވެ.
އެހެންވެ އެ ސަރަހައްދަށް ވަދެ ނުކުންނަ މީހުންނާއި އުޅަނދުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާނިވާ ސްޓޭޖްގެ ދަގަނޑުން ހަދައިފައިވާ ބައިތައް ރޫޅައިލައި އެ ތަން ހުސްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންކަމުން ސްޓޭޖު ރޫޅައިލައި ނިމެންދެން، އެ ސަރަހައްދުގައި ބަހައްޓައިފައި ހުރި އުޅަނދުފަހަރު މާދަމާ ރޭ 11:30ގެ ކުރިން ނަގައި، އެ ސަރަހައްދު ހުސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތު އާންމުން އެ ސަރަހައްދަށް ނުވަނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މާލޭ ސިޓީ ކައުންސިލުން މީގެ އަހަރެއް ކުރިން ވެސް ވަނީ ކާނިވާގެ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ނަގައި، އެ ތަން ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު ކައުންސިލުން ވަނީ ކާނިވާގެ ސްޓޭޖު ތަޅައިލައި އައު ސްޓޭޖެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތް ނިންމަން އޭރު ހަވާލުކުރީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް ފަހުން އެއްވެސް މަސައްކަތެއް ކޮށްފައި ނެތެވެ.