ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސަލާމަތީ ކަންކަމަށް ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް ފަށައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން....ފޮޓޯ: ފުލުހުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، އެ ހޮސްޕިޓަލުގައި ސްޕެޝަލް ކޮންސްޓަބުލަރީ (އެސްސީ)ގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލަށް ވަދެނިކުމެ އުޅުން ކޮންޓްރޯލްކުރުމަށް މިއަދުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން އެ ހޮސްޕިޓަލު ހޮސްޕިޓަލުގައި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް ދޭން ފަށައިފަވާކަމަށެވެ.

މީގެއިތުރުން ހޮސްޕިޓަލަށް ވަދެނިކުމެ އުޅުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދޮރު ތަޅުލެވޭ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށް، ޚާއްޞަކޮށް އީއާރު އަދި އެޑްމިޓްކޮށްފައިވާ ބަލިމީހުން ތިބޭ ވޯޑުތަކަށް ވަދެނިކުމެވާ ފަރާތްތައް ބަލަމުން ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

މި ބަދަލުތަކާއެކު ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ވަގުތުތަކާއި އުޞޫލުތަކަށް ޢަމަލުކުރަން ޖެހޭނެއެވެ.

އަލަށް އެކުލަވައިލެވުނު އުޞޫލުގެ ދަށުން، ވޯޑުތަކުގައި ތިބޭ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތްކުރެވޭނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން 19:00 އަށެވެ. އަދި އައިސީސީޔޫއަށް ޒިޔާރަތްކުރުމުގެ ވަގުތަކީ ހެނދުނު 10:30 އިން 11:00 އަށް އަދި ހަވީރު 16:30 އިން 17:00 އަށެވެ.

އައިސީސީޔޫއަށް ޒިޔާރަތްކުރެވޭ ކޮންމެ ވަގުތެއްގައިވެސް އެއް ބަލިމީހެއްގެ ގާތަށް އެންމެ ގިނަވެގެން ވަދެވޭނީ ތިން މީހުންނަށެވެ. އަދި އައިސީސީޔޫއަށް ޒިޔާރަތްކުރާ ފަރާތްތަކުން ހޮސްޕިޓަލަށް ވަދެނިކުތުމަށް ގޭޓް ތިނެއް އަދި ވޯކްވޭގެ 'ކޯނި ވިންގް' ދޮރު ބޭނުންކުރުމަށް ވަނީ އެދިފައެވެ.

ހޮސްޕިޓަލުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެހީތެރިޔާގެ ފާސް ނެތި އެޑްމިޓްކޮށްފައިވާ ބަލިމީހުން ތިބޭ ސަރަޙައްދުތަކަށް ވަދެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ޒިޔާރަތްކުރުމުގެ ވަގުތުތަކުގައެވެ.

އަދި އެއް ފާސް ބޭނުންކޮށްގެން އެއްފަހަރާ އެކަކަށްވުރެ ގިނަ މީހުން ވަނުމަކީ މަނާކަމެކެވެ. ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތައް 24 ގަޑިއިރު ސީސީޓީވީ މެދުވެރިކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށާއި، ސްޕެޝަލް ކޮންސްޓަބުލަރީގެ ފަރާތުން މި ސަރަޙައްދުތައް ވަރަށް ގާތުން މޮނިޓަ ކުރަމުން ގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ޒިޔާރަތްކުރުމުގެ ވަގުތު ހަމަވުމުން އެ ސަރަހައްދުތައް ދޫކޮށް ވަޑައިގަތުމަށާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޑިއުޓީގައި ތިބޭ ފުލުހުންގެ އިރުޝާދުތަކަށް އެއްބާރުލުން ދެއްވުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އަދި މި ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި ހޮސްޕިޓަލުން ވަނީ މާފަށް ވެސް އެދިފައެވެ.

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީ އަކީ ފުލުހުންގެ ޚިދުމަތުގައި ޚާއްޞަ މަސްއޫލިއްޔަތުތަކެއް އަދާކުރުމަށާއި، ގާނޫނު ތަންފީޒުކުރުމާއި ޢާންމު އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންނަށް އެހީތެރިވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ގޮތްޕެކެވެ.

މި ގޮފީގެ އޮފިސަރުންނަށް ވަކި އިންތަކެއްގެ ތެރޭގައި ބަލައިފާސްކުރުމާއި ހައްޔަރުކުރުން ފަދަ ގާނޫނީ ބާރުތައް ލިބިގެންވާއިރު، މައިގަނޑު ގޮތެއްގައި މި އޮފިސަރުން ޚިދުމަތްކުރަނީ ސަރުކާރުގެ މުހިންމު ޢިމާރާތްތަކާއި، އެއާޕޯޓް އަދި ބަނދަރު ފަދަ ޚާއްޞަ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައެވެ. އެގޮތުން އައިޖީއެމްއެޗްގެ ސެކިއުރިޓީ އެގޮތަށް ބަލަހައްޓާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް