ހަތަރު އަހަރަށް ފަހު މުހީތުގެ މަރުގެ އިސްތިއުނާފު އަޑުއެހުން ނިމިއްޖެ

ބޮބީގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުން ހައިކޯޓުގައި --

މީގެ 14 އަހަރުން ކުރިން މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހަކު މަރަން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް، ހަތަރު އަހަރު ފަހުން މިއަދު ނިންމާލައިފިއެވެ.

ބޮބީ މަރާލާފައި ވަނީ މާލޭގެ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑެއްގައި ސައިކަލެއް މަތީގައި އިންދައި، ގުރޫޕަކުން ވަދެ ދިން ނުރައްކާތެރި ވަޅީގެ ހަމަލާތަކެއްގައެވެ.

އެއީ، 19 ފެބްރުއަރީ 2012 ގައެވެ. ފުލުހުންގެ ތަހުގީގުންނާއި ޝަރީއަތުން އެނގުނު ގޮތުގައި ބޮބީއަށް ހަމަލާދީފައި ވަނީ އެހެން މީހަކު ކަމަށް އޮޅިގެންނެވެ.

މި މައްސަލައިގައި ހާދިސާ ހިނގިއިރު 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދައުވާ ކުރެވުނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު މަރަން، 2013 ގައި ހުކުމް ކުރިއެވެ. އަދި ތިންވަނަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން ދޫކޮށްލެވުނެވެ.

މީގެ ތެރެއިން އެއް ކުއްޖެއްގެ މަރުގެ ހުކުމަށް 2016 ވަނަ އަހަރު ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މި މަރުގައި ހިމެނޭ ބޮޑެތި މީހުންގެ މައްޗަށް ދައުވާ އުފުލުނީ ކްރިމިނަލް ކޯޓުގައެވެ.

އެއީ މުހުޖަތު އަހުމަދު ނާސިހު (ގދ. ގައްދޫ)، މުހައްމަދު މައިމޫން (ޅ. ނައިފަރު) އަލީ މުޝައްފަޢު (ސ. މަރަދޫ) އެވެ.

މީގެ ތެރެއިން މުހުޖަތު އަދި މައިމޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި، މަރުގެ ހުކުމް 2019 ވަނަ އަހަރު އިއްވިއެވެ. އަދި އަލީ މުޝައްފަޢުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއެވެ.

ބޮބީގެ ވާރިސުން ވަނީ ޝަރީއަތުގައި "މަރަށް މަރު" ހިފުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމްތަކުގެ އިސްތިއުނާފު މައްސަލަތައް ހައިކޯޓުގައި 2022 ވަނަ އަހަރުން ފެށިގެން އޮތުމަށް ފަހު، އަޑު އެހުންތައް ނިމުނީ މިއަދެވެ.

ހުކުމް ކުރާނެ ދުވަހެއް އެކަމަކު އަދިވެސް ނޭނގެއެވެ. އަދި ދެން ކުރިއަށް އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާއެވެ.

comment ކޮމެންޓް