ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕައްނޫ މުހިންމު ރޯލަކުން ފެނިގެންދާ އެކްޝަން ތްރިލާ ފިލްމު "ގާނދާރީ"ގެ ރަސްމީ ޓްރެއިލާ އާއްމުކޮށްފިއެވެ.
ނެޓްފްލިކްސްއިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ދައްކާލާފައިވަނީ އެކަމަށްޓަކައި އިންޑިއާގެ މުމްބާއީގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. މި ހަފުލާގައި ބަތަލާ ތާޕްސީ ޕައްނޫގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ދޭވަޝިޝް މަޚީޖާ އާއި، ވާހަކަ ލިޔެ ޕްރޮޑިއުސްކުރި ކަނިކާ ދިލަން އަދި ފިލްމުގެ މުހިންމު ތަރިން ވަނީ ބައިވެރިވެފައެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ރޭލު ދަތުރެއްގެ ތެރެއިން ކުއްލި ގޮތަކަށް ދަރިފުޅު ގެއްލޭ އަސަރުގަދަ ހާދިސާއެއްގެ މައްޗަށެވެ. ދަރިފުޅު ވަގަށް ނަގައިގެން ދިޔަ މީހާގެ ފަހަތުން ދަނިކޮށް، ބޮލަށް ލިބޭ ބޮޑު އަނިޔާއެއްގެ ސަބަބުން ތާޕްސީގެ ލޮލުގެ ފެނުން ގެއްލެއެވެ. އަދި އޭނާއާއި ފިރިމީހާ ފުލުހުންގެ އެހީތެރިކަމަށް އެދުމުން، މިއީ ކުޑަކުދިން ވަގަށް ނަގާ ނުރައްކާތެރި ބޮޑު ނެޓްވޯކެއްގެ އަމަލެއްކަން ހާމަވެއެވެ.

ފިލްމު "ގާނދާރީ"ގެ ޓްރެއިލާގެ މަންޒަރެއްގައި ތާޕްސީ--ފޮޓޯ/ފިލްމުފެއަ
ދަރިފުޅު ސަލާމަތްކުރުމަށް ކުރާ ބުރަ މަސައްކަތުގައި، ތަފާތު ސިފަސިފައަށް ބަދަލުވެގެން އުޅޭ މަކަރުވެރި ބަޔަކާ ތާޕްސީއަށް ކުރިމަތިލާން މަޖުބޫރުވެއެވެ. އަދި އިންސާފު ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަން އެނގުމުން، ލޮލަށް ފެނުމުން މަހުރޫމްވެފައިވީ ނަމަވެސް، ހިތްވަރާއެކު އަމިއްލައަށް ތަމްރީނުވެ ނުރައްކާތެރި ކުރިމަތިލުންތަކަކަށް އޭނާ ނުކުމެއެވެ. މިއީ ތާޕްސީގެ ފިލްމީ ހަޔާތުގައި ފެނިގެންދާނެ އެންމެ ވަރުގަދަ އަދި ތަފާތު އެއް އެކްޝަން ރޯލް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ދޭވަޝިޝް މަޚީޖާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ތާޕްސީގެ އިތުރުން ޗާޔާ ކަދަމް، އިޝްވަކް ސިންގް، މިތާ ވަޝިޝްތު، ސްވަސްތިކާ މުކަރުޖީ އަދި ޖަތިން ސަރްނާ ފަދަ ކުޅަދާނަ ތަރިން ފެންނާނެއެވެ.
ފިލްމު "ގާނދާރީ" ނެޓްފްލިކްސް މެދުވެރިކޮށް ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ފެށޭ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.