ސިކުނޑީގައި އުފެދުނު ޓިއުމަރާ ހަނގުރާމަކުރަމުން، ތެލަންގާނާގެ 16 އަހަރުގެ ކުއްޖަކު ކޯޑިންގް ދަސްކޮށްފި

ތެލަންގާނާއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އެމް މަނޯހަރް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ސިކުނޑީގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން ދެ އަހަރެއްހާ ދުވަހު ތައުލީމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، އިންޑިއާގެ ތެލަންގާނާއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އެމް. މަނޯހަރް ވަނީ އެ ދަތި އުނދަގޫ ދުވަސްވަރު ފުރުސަތަކަށް ބަދަލުކޮށްލާފައެވެ.

ބަލިން ރަނގަޅުވަމުން ދިޔަ މުއްދަތުގައި، އާއިލާއިން ހޯދައިދިން ލެޕްޓޮޕެއްގެ އެހީގައި އޮންލައިންކޮށް ކޯޑިންގް ދަސްކޮށް، އޭނާ މިހާރު ވަނީ އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމެއް ތަރައްޤީކުރަން ފަށާފައެވެ.

ކަރީމްނަގަރުގެ ޝަންކަރަޕަޓްނަމްގައި ހުންނަ ތެލަންގާނާ މޮޑެލް ސްކޫލް އެންޑް ޖޫނިއަ ކޮލެޖުގައި ތައުލީމު ހާސިލުކުރަމުންދިޔަ މަނޯހަރަށް މި ބަލި ޖެހިފައިވާކަން އެނގުނީ 2021 ވަނަ އަހަރު، އޭނާ ގްރޭޑް ހަތެއްގައި ކިޔަވަމުން ދަނިކޮށެވެ.

ބައްޔަށް ފަރުވާ ހޯދުމުގެ ގޮތުން އޭނާ ވަނީ ނިޒާމްސް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެންއައިއެމްއެސް)ގައި ތިން ބޮޑު އޮޕަރޭޝަނަކާއި، ކީމޯތެރަޕީގެ ހަތަރު ސައިކަލްގެ އިތުރުން 17 ދުވަހުގެ ރޭޑިއޭޝަން ފަރުވާ ފުރިހަމަކޮށްފައެވެ.

ފަރުވާއަށްފަހު ގޭގައި ހޭދަކުރަން ޖެހުނު ދުވަސްވަރު، ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން މަނޯހަރް ވަނީ ވެބްސައިޓް ޑިވެލޮޕްމަންޓާއި، ޗެޓްބޮޓް އިންޖިނިއަރިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަމިއްލައަށް ދަސްކުރަން ފަށާފައެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި މަނޯހަރް ބުނީ، އެ އުނދަގޫ ދުވަސްވަރު ކުރިމަތިވި ނުތަނަވަސްކަމާއި ފިކުރުތަކުން ދުރުވުމަށް ކޯޑިންގް ވެގެންދިޔައީ ބޮޑު ހިތްވަރަކަށް ކަމަށެވެ. އަދި އަމިއްލަ ހުނަރު ތަރައްޤީކޮށް، އެކި ފަރާތްތަކަށް ވެބްސައިޓްތަކާއި ޗެޓްބޮޓްތައް ހަދައިދޭން ފެށި ކަމަށް އޭނާ ބުނެފައިވެއެވެ.

އަމަލީ މައިދާނުގައި މަސައްކަތް ކުރަމުން ދިޔައިރު، ވިޔަފާރިތަކަށް އެކަށީގެންވާ ފުރުސަތުތަކާއި ކަސްޓަމަރުން އަދި އިންވެސްޓަރުން ހޯދުމުގައި ހުރި ދަތިތައް އޭނާއަށް ފާހަގަކުރެވުނެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަނޯހަރް މިހާރު ވަނީ "އެމް- ގްލެޑް"ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ތަރައްޤީކުރަން ފަށާފައެވެ.

މި ޕްލެޓްފޯމަކީ ވަޒީފާގެ ފުރުސަތުތަކާއި، ވިޔަފާރި، ޓެންޑަރު އަދި ކޮންޓްރެކްޓްތަކުގެ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ޑިޖިޓަލް މައިދާނެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ވަޒީފާ ހޯދާ ފަރާތްތަކުގެ ޢަމަލީ ގާބިލުކަމާއި ތަޖުރިބާ ދައްކުވައިދޭ ޕްރޮފައިލްތައް ބަލައި، އެކަށީގެންވާ މީހުން ހޮވުމުގެ ފުރުސަތު ކުންފުނިތަކަށް ފަހިވެގެންދާނެއެވެ.

މަނޯހަރް ގަބޫލުކުރާ ގޮތުގައި ހަމައެކަނި ސީވީއަކަށް ބެލުމުގެ ބަދަލުގައި، މީހާގެ އަމަލީ ހުނަރު ސާބިތުކޮށްދިނުމަކީ ވަޒީފާގެ ބާޒާރުގައި އެންމެ މުހިންމު ކަންތަކެވެ.

އާއިލާގެ ފުރިހަމަ އެއްބާރުލުމާ އެކު މަނޯހަރް މި މަޝްރޫޢު ކުރިއަށްގެންދާއިރު، އޭނާ މިހާރު ދަނީ އަމިއްލަ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މި ޕްލެޓްފޯމް އިތުރަށް ފުޅާކުރުމުގެ ފުރުސަތުތައް ހޯދަމުންނެވެ. ބަލިން ރަނގަޅުވަމުން އައި ދުވަސްވަރު ވަގުތު ފާއިތުކުރުމަށް ފެށި މި މަސައްކަތް، މިއަދު ވެފައިވަނީ އޭނާގެ މުސްތަގުބަލުގެ ބޮޑު އުންމީދަކަށެވެ.

comment ކޮމެންޓް