ށ. މިލަންދޫ ގެއަކަށް ވަދެ އަގުބޮޑު ވެލްޑިން މެޝިނެއް ވަގަށް ނެގި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ މިލަންދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ އިއްޔެ ށ. މިލަންދޫ "ދަ ގޭޓް" ގެއަށް ހުއްދަނެތި ވަދެ، އެ ގޭގައި ހުރި އަގުބޮޑު މުދާތަކެއް ވަގަށް ނެގި މައްސަލައިގައެވެ. މައްސަލައިގެ ތަޙުޤީޤަށް ފުލުހުން އޭނާގެ ދިރިއުޅޭ ގެ އޭނާގެ ހުއްދައާއެކު ބަލައިފާސްކުރިއިރު، އެ ގޭގެ ދެ ކޮޓަރިއެއްގެ ފާހާނާތެރެއިން ވަނީ "ދަ ގޭޓް" ގެއިން ގެއްލިގެން ރިޕޯޓުކޮށްފައިވާ އޮރެންޖު ކުލައިގެ ވެލްޑިން މެޝިނަކާއި، ރަތް ކުލައިގެ ޕްލޭރިން އެންޑް ސްވެޖިން ކިޓެއް ފެނިފައި ކަމަށް އަމުރުގައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް ހާޒިރުކުރުމުން، ށ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޙަސަން ޝިޔާމް ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތުން ފާހަގަކޮށްފައިވެއެވެ. މި ގޮތުން، މައްސަލައިގައި އާންމު ފަރުދުން ހެކިންގެ ގޮތުގައި ތިބުމާއި، އަދިވެސް އިތުރު ހެކިން ސާފުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި އޭގެ އިތުރުން، މި ދުވަސްވަރަކީ މިލަންދޫގައި ސިލްސިލާކޮށް ވައްކަންކުރުން އިތުރުވެ އާންމުންގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅަކަށްވުމާއި، އޭނާއަކީ މީގެ ކުރިންވެސް އެކި ޖިނާއީ ކުށްތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހަކަށްވާތީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.