ސާދަ ޓީމަކާއެކު ކ. މާފުށީގައި މިއަހަރުގެ އުރީދޫ މަސްރޭސް މިއަދު ފަށައިފިއެވެ.
އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރިގަދަ ހަރަކާތަކީ ދިވެހި ކާބަފައިންގެ ޒަމާންވީ މަސްވެރިކަމުގެ އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކޮށްދޭ މަސްވެރިންގެ އީދެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މުބާރާތުގައި ވާދަކުރާ 14 ޓީމު މަހަށް ފުރާފައިވަނީ މިއަދު މެންދުރުފަހު 2:15 ގައެވެ. އަދި މަސްވެރިކަން ނިންމާލުމަށްފަހު ޓީމުތައް އެނބުރި ރަށަށް އަންނާނެ ކަމަށް ތާވަލުކޮށްފައިވަނީ މިރޭ 9:00 އަށެވެ.
މިއަހަރުގެ މަސްރޭހުގައި ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ގަދަ ތިން ޓީމަށް ދޭން ކަނޑައަޅާފައިވާ އިނާމުތަކަކީ:
ޗެމްޕިއަން ޓީމަށް: 25،000 ރުފިޔާ
ދެވަނަ ޓީމަށް: 10،000 ރުފިޔާ
ތިންވަނަ ޓީމަށް: 5،000 ރުފިޔާ
މީގެ އިތުރުން، ވަކިވަކި ފަރުދުންނަށް ދޭ އިނާމުތަކުގެ ގޮތުގައި، އެންމެ މޮޅު ފިރިހެން މަސްވެރިޔާއާއި، އެންމެ މޮޅު އަންހެން މަސްވެރިޔާގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށްވެސް 1،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކަށާއި، ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން އަމިއްލަ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެންމެ ގިނަވެގެން 20 ޓީމަށެވެ. އެހެންކަމުން، 20 އަށް ވުރެ ގިނަ ޓީމުން ރަޖިސްޓްރީވާން ހުށަހެޅި ނަމަވެސް، ޖާގަ ދީފައިވަނީ ރަޖިސްޓްރޭޝަން ފުރިހަމަކޮށް އެންމެ ފުރަތަމަ ފައިސާ ދެއްކި 20 ޓީމަށެވެ.