ގޫގުލް މެސެޖަސް ބޭނުންކުރާ އެންޑްރޮއިޑް ޑިވައިސްތަކުގައި ކޮންމެ ޗެޓަކަށް ވަކިން ކަސްޓަމް ތީމްތަކާއި ބެކްގްރައުންޑް ވޯލްޕޭޕަރު ޚިޔާރުކުރެވޭނެ އާ ފީޗާއެއް ގޫގުލްއިން ތައާރަފުކޮށްފިއެވެ.
ގޫގުލްގެ ސަޕޯޓް ބްލޮގްގައި އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މީގެ ކުރިން އާދައިގެ ގޮތަކަށް ފެންނަން ހުންނަ ޓެކްސްޓް މެސެޖުތައް ބޭނުންވާ ގޮތަކަށް ޒީނަތްތެރިކޮށް، ކޮންމެ މީހަކާ ނުވަތަ ގްރޫޕަކާ ކުރާ މުއާމަލާތަކަށް ވެސް ތަފާތު އަމިއްލަ ސިފައެއް މިފީޗާއިން މިހާރު ގެނެވޭނެއެވެ.
މި ފީޗާގެ ދަށުން އާއިލީ މައި ގްރޫޕް ޗެޓްތަކުގެ ފަހަތަށް ޚާއްސަ ފޮޓޯއެއް ލުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭ ޗެޓްތަކަށް ސާދާ ކުލަތަކެއް ހަމަޖެއްސުން ފަދަ އެތައް ގޮތަކަށް ކޮންވަޒޭޝަންތައް ބަދަލުކޮށްލެވޭނެއެވެ. މިއީ މުޅިން ވެސް ޕްރައިވެޓް ބަދަލުތަކަކަށް ވާތީ، ޗެޓްގެ ބެކްގްރައުންޑަށް ގެންނަ އެއްވެސް ބަދަލެއް އަނެއް ކޮޅުގައި ހުންނަ މީހާއަކަށް ނުފެންނާނެއެވެ.

އާ ފީޗާގެ ދަށުން ގެންނަ ބަދަލުތައް އަނެއްކޮޅުގައި ހުންނަ މީހާއަށް ނުފެންނާނެ ---
ކަސްޓަމައިޒް ކުރުމުގައި ފޯނުގެ ގެލެރީން އަމިއްލަ ފޮޓޯއެއް ވޯލްޕޭޕަރަކަށް ލެވޭއިރު، ގޫގުލް މެސެޖަސްގައި ހިމަނާފައިވާ ޕްރީސެޓް ތަސްވީރުތައް ވެސް ބޭނުންކުރެވޭނެއެވެ.
މި ޕްރީސެޓް ކެޓަގަރީތަކުގެ ތެރޭގައި ޖަނަވާރުތަކާއި، އިމާރާތްތަކާއި، ކަޅާއި ހުދުގެ ފޮޓޯތަކުގެ އިތުރުން ސިޓީތަކާއި، ގުދުރަތީ މަންޒަރުތައް، މެކްރޯ ފޮޓޯތައް އަދި ޖައްވީ މަންޒަރުތައް ހިމެނެއެވެ. މީގެ އިތުރުން ވޯލްޕޭޕަރެއް ޚިޔާރުކުރުމުން މެސެޖު ބަބުލްތަކުގެ ކުލަ އެ ވޯލްޕޭޕަރަކާ ގުޅޭ ގޮތަށް އަމިއްލައަށް ބަދަލުވާއިރު، ބޭނުންނަމަ އެ ކުލަތައް އަމިއްލައަށް އިތުރަށް ބަދަލުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި ގޫގުލް މެސެޖަސް ހުޅުވުމަށްފަހު ބޭނުންވާ ޗެޓެއް ޚިޔާރުކޮށް، މަތީގައިވާ ނަމަށް ނުވަތަ މަތީ ކަނާތްފަރާތުގައިވާ ތިން ތިއްކަށް ފިތާލުމަށްފަހު 'ޗެޓް ތީމް' އޮޕްޝަން ނަގަން ޖެހޭނެއެވެ. އެއަށްފަހު ބޭނުންވާ ކުލައެއް ނުވަތަ ވޯލްޕޭޕަރެއް ޚިޔާރުކޮށް 'ނެކްސްޓް' އަށް ފިތާލުމުން އަންނާނެ ގޮތުގެ ޕްރިވިއުއެއް ފެންނާނެއެވެ. އަދި އެންމެ ފަހުން 'އެޕްލައި' އަށް ފިތާލުމުން އެ ތީމެއް އެ ޗެޓަކަށް އެކްޓިވޭޓް ވާނެއެވެ.
މި އާ ފީޗާ މިހާރު ޔޫޒަރުންނަށް ފޯރުކޮށްދޭން ފަށާފައިވާއިރު، ފޯނަށް މި އަޕްޑޭޓް ލިބުމުން އެޕްގެ ތިން ތިކި ހިމެނޭ މެނޫ ކައިރީގައި ރަތް ތިއްކެއް ފެންނަން ހުންނާނެއެވެ.