ވޮޝިންޓަން (29 އޮގަސްޓް 2026): އީރާނާ ދެކޮޅަށް އިސްވެ އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގައި އީރާން ދިން ރައްދު ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކުގެ އިތުރުން އެމެރިކާ ޖާސޫސީ މައި އިދާރާ (ސީއައިއޭ)ގެ މަރުކަޒުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެ ތަންތަނުގައިވާ ޖާސޫސީ އާލާތްތައް ހަލާކުކޮށްލާފައިވާ ކަމަށް މިކަން އެނގޭ މަސްދަރުތަކުން ހާމަކޮށްފިއެވެ.
ނަންހާމަކޮށްފައި ނުވާ މި މަސްދަރުތަކާ ހަވާލާދީ ޕޮލިޓިކޯ އާއި ނިޔުޔޯކަރ އަދި އެނޫންވެސް އެމެރިކާގެ މަޝްހޫރު މިޑީއާތައް ބުނާގޮތުން ގަތަރު، ބަހްރައިން، ކުވައިތު ސައޫދީ އަރަބިޔާ އަދި އުރުދުން އާއި ޔޫއޭއީގައިވާ ސީއައިއޭގެ ޖާސޫސީ މަރުކަޒުތަކުގައި ހަރުކޮށްފައިވާ ރާޑަރު ސިސްޓަމްތަކާއި ޖާސޫސީ އާލާތްތަކުގެ ބޮޑު ބައެއް އީރާނުގެ ހަމަލާތަކުގައި ވަނީ ބިމާ ހަމަކޮށްލާފައެވެ. އަނެއް ބައި އާލާތްތައްވަނީ ބިމާ ހަމަނުވިޔަސް ބޭނުން ނުކުރެވޭ ވަަރަށް ހަލާކުކޮށްލާފައެވެ.
މީގެއިތުރުން ޖާސޫސުން ދިރިއުޅޭ އެޕާޓްމަންޓްތައް ވެސް އީރާނުގެ މިސައިލް ހަމަލާތަކުގެ ސަބަބުންވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެޕާޓްމަންްޓްތަކަށް ސީދާ ގޮތެއްގައި އީރާނުގެ މިސައިލްތައް އަރާފައިވާ ކަމަށް ވެއެވެ. މި ތަންތަނަށް ލިބިފައިވާ ގެއްލުންތަކަކީ އެތައް ބިލިޔަން ޑޮލަރުގެ ގެއްލުންތަކެކެވެ.

އީރާނުގައި ދިން ހަަމަލާއެއްގައި، ސައުދީގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒެއްގައި އެމެރިކާގެ އެއާފޯސްގެ އުޅަނދަކަށް ގެއްލުންވެފައި --
މިވަރުގެ ބޮޑު ގެއްލުންތަކެއް ސީއައިއޭގެ ތާރީޚުގައިވެސް އެ އިދާރާއަށް ނުލިބޭކަމަށް މަސްދަރުތަކާ ހަވާލާދީ ޕޮލިޓިކޯ ބުނެފައިވެއެވެ.
މި ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ރައްދު ހަމަލާތަކުގައި ސީއައިއޭގެ ޖާސޫސީ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އަގުމަގުކުރުމުގެ ސާވޭ އެއް އެމެރިކާގެ ކަމާބެހޭ އިދާރާތަކުންވަނީ ކޮށްފައެވެ. މިއާއެކު އެތަންތަން އަލުން މަރާމާތު ކުރުމަށް އެމަޖެންސީ ފަންޑެއްވެސް ވަނީ ގާއިމްކޮށްފައެވެ. މިކަން ކޮށްފައިވަނީ ކޮންގްރެސްގެ ބެލުމުގެ ދަށުންނެވެ.
ނަމަވެސް އެމެރިކާ އަލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިނަމަ އީރާނުން އަނެއްކާވެސް އެތަންތަން ހަލާކުކޮށްލާނެތީ އެތަންތަން މަރާމާތުކުމުގެ މަސައްކަތްވަނީ މުއްދަތެއްނެތް ގޮތަށް މަޑުޖައްސާލާފައެވެ.
ރިޕޯޓްތައް ބުނާގޮތުން ގަލްފުގައިވާ ސީއައިއޭގެ މަރުކަޒުތަކުގެ ތެރެއިން އީރާނުން އެންމެ ވަރުގަދަ ހަމަލާއެއް ދިނީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ސީއައިއޭ މަރުކަޒަށެވެ. މިއީ ވަރަށް ފުޅާދާއިރާއެއްގައި އީރާނަށާއި މުޅި ސަރަހައްދަށް ޖާސޫސުކުރުމަށް އެމެރިކާ ބޭނުންކުރާ މައި މަރުކަޒެކެވެ.
ގިނަ އަދަދެއްގެ ޖާސޫސީ އާލާތްތައް ހަރުކޮށްފައިވާ މި މަރުކަޒަށް ތަކުރާރުކޮށް އީރާނުން ދިން ހަމަލާތަކުގައި މިތަންވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެމެރިކާ އީރާނަށް ދޭ އުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުން އެންމެ ގިނައިން ހަމަލާދިނީ އުރުދުން އާއި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށާއި އެމެރިކާ ސިފައިންގެ އަސްކަރީ ބޭސްތަކަށެވެ.
އެ ތަންތަނުގައިވާ ރާޑަރުތަކާއި ދިފާއީ ނިޒާމުތަކުގެ ބެޓްރީތަކާއި ހޭންގަރުތަކާއި ގުދަންތަކާއި ރަންވޭތަކަށެވެ. މި ތަންތަނުގެ ބޮޑުބައެއް ހަލާކުވުމުގެ ސަބަބުން ހަނގުރާމައިގެ ފަހު ދުވަސްކޮޅު އެމެރިކާވަނީ އީރާނުގެ ހަމަލާތައް ދިފާއުނުކުރެވޭ ހާލަތަކަށް ގޮސްފައެވެ.

އީރާނުން ދިން ހަމަލާއެއްގައި ކުވޭތުގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަށް ގެއްލުންވެފައި -- ފޮޓޯ/ ބީބީސީ
މިއާއެކު އީރާންވަނީ ގަލްފާއި އުރުދުންގައި އެމެރިކާ ސިފައިން ހިންގާ ކޮންމެ ހަރާކާތެއް ވަގުތުން ބެލުމުގެ ގާބިލްކަން ހޯދައި އެ މައުލޫމާތުގެ އަލީގައި އެތަންތަނަށް ޕްރީއެމްޕްޓިވްކޮށް ކުއްލި ހަމަލާތައް ދިނުމުގައި ކާމިޔާބު ހޯދާފައެވެ. މިކަމުގައި ޗައިނާއާއި ރަޝިއާގެ 60 ވަރަކަށް ސެޓަލައިޓްގެ އެހީ އީރާނަށް ލިބިފައިވާކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ހަމަލާތަކުން އެމެރިކާއަށް އެނގުންވާ ވަރުގެ ބޮޑު އަސަރުތަކެއް ކުރިކަމަށްވަނީ މިކަމުގެ ސަބަބުންނެވެ.
އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ލިބޭ ގެއްލުންތައް ބޮޑުކަމުން ހަނގުރާމައިގެ މެދުތެރެއިން އިސްރާއީލުވަނީ އީރާނަށް ހަމަލާދިނުން ހުއްޓާލައި ހަނގުރާމައިގެ މައިދާން ދޫކޮށް ފިލައިފައެވެ.
އީރާނުގެ ރައްދު ހަމަލާތަކުގައި ގަލްފާއި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައިވާ ހޭންގަރުތަކާއި ގުދަންތަކާއި މީހުން ދިރިއުޅޭ އިމާރާތްކާއި ރަންވޭތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން ސެޓަލައިޓް ފޮޓޯތަކުން ވަނީ ހާމަވެފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިކަންކަމަށް އެއްބަސްވެ ހަގީގަތަށް އިއުތިރާފް ވުމަށް އެމެރިކާ ގެންދަނީ ފަސްޖެހެމުންނެވެ.
ޔޫރަޕާއި ރަޝިއާގެ ފަޒާއާބެހޭ އަމިއްލަ ކުންފުނިތަކުން ނަގާފައިވާ ސެޓަލައިޓް ފޮޓޯތަކުން ފެންނަގޮތުގައި ޢުރުދުނުގައި ހުންނަ އެމެރިކާ ސިފައިންގެ އެންމެ ވަރުގަދަ ރާޑަރު ސިސްޓަމްކަމަށްވާ އޭ.އެން.ޓީ.ޕީ.ވައި 2 މަރުކާގެ ރާޑަރު ސިސްޓަމާއި ގަތަރުގެ އީދީދް ވައިގެ ބޭހުގައި އެމެރިކާ އިންސްޓޯލް ކޮށްފައިވާ އޭ.އެން.އެފް.ޕީ.އެސް 12 މަރުކާގެ ރާޑަރު ސިސްޓަމާއި ޔޫއޭއީގެ ޒޮފްރާގައި ހުންނަ އެމެރިކާ ސިފައިންގެ ރާޑަރުތަކާއި ބަހްރައިންގައި ހުންނަ އެމެރިކާ ފިފްތް ފްލީޓްގެ ރާޑަރު ސިސްޓަމްތަކާއި ކުވައިތު ގެ އަލީ ސާލިމް ވައިގެ ބޭހުގައި ހުންނަ ރާޑަރު ސިސްޓަމާއި ސައޫދީ ގެ ސުލްތާން ވައިގެ ބޭހުގައި އެމެރިކާ ގާއިމްކޮށްފައިވާ ގިނަ ރާޑަރުތައްވަނީ އީރާނުގެ ހަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަނެއްބައި ރާޑަރުތައްވަނީ ކުދިކުދިވެ ބިމާ ހަމަވެފައެވެ.
މީގެ ގެއްލުންތައް ވިއްސަކަށް ބިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ. ޔޫރަޕްގެ ސްޓްރެޓީޖިކް ދިރާސާ މަރުކަޒެއްކަމަށްވާ ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް އިންވަނީ ގަލްފާއި އުރުދުންގައި އެމެރިކާ ސިފައިން ހަތިޔާރު ރައްކާކޮށްފައިވާ ގުދަންތައްވެސް އީރާނުގެ ރައްދު ހަމަލާތަކުގައި އަނދައިގެން ގޮސްފައިވާކަން ހާމަކޮށްފައެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ގިނަ އަދަދެއްގެ ހަތިޔާރުވެސްވަނީ އަނދައިގެން ގޮސްފައި ކަމަށް އެމަރުކަޒުގެ ރިޕޯޓެއް ބުނެއެވެ.
އީރާން އާ ދެކޮޅަށް ކުރި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާއަށް މަޖުބޫރުވީ މައިގަނޑު އެއްސަބަބަކީ މިއީ ކަމަށް މުހައްލިލުން ފާހަގަ ކުރައްވައެވެ.

އީރާނުގެ ވެރިރަށް ތެެހެރާނުގައި، އެމެރިކާގެ ރައީސަށް މަލާމާތްކޮށް ހަދައިފައިވާ ޕޯސްޓަރެއް -- ފޮޓޯ/ އޭޕީ
މުހައްލިލުން ފާހަގަ ކުރައްވާ އަނެއް ސަބަބަކީ އީރާން އާ ހަނގުރާމަ ކުރުމަށް އެމެރިކާ އަރަބި ކަނޑަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކަށް ބޭނުންވާ ސަޕްލައި ނުލިިބި އެމަނަވަރުތައް ހާލުގައި ޖެހުމާއި ސިފައިން ކަނޑަށް ބަލިވެ ނަފްސާނީ ހާލަތަކަށް ދިޔުމެވެ.
މަނަވަރުތަކަށް ބޭނުންވާ މަރާމާތުތައް ނުކުރެވި ލަސްވެގެން ދިޔުމާއި ސަޕްލައި ލަސްވެ ސިފައިންނަށް ބޭނުންވާ މިންވަރަށް ކަބޯތަކެތި ނުލިބޭ ހިސާބަށް ކަންތައް ގޮސް ސިފައިން ނުކިޔަމަންތެރިކަން ދައްކަން ފެށުމަކީ ހަނގުރާމަ ހުއްޓާލަން އެމެރިކާއަށް މަޖުބޫރުވި އެހެން ސަބަބުތައްކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
ސަޕްލައިތައް ލަސްވެގެން ދިޔައީ އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުންނާއި ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާއި ގަލްފުގައިވާ އެެމެރިކާގެ މަރުކަޒުތައް ހަލާކުކޮށްލުމުގެ ސަބަބުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އީރާން ބަލިކުރުމަށް މިހާރު އެމެރިކާ އިއުލާންކޮށްފައިވަނީ އަސްކަރީ ހަނގުރާމައިގެ ބަދަލުގައި އިގްތިސާދީ ހަނގުރާމައެވެ.