އޮސްޓްރިއާގެ ދާރުލްއާސާރަކަށް ވަދެ، 4 މިލިއަން ޑޮލަރުގެ ފަށެއް ވަަގަށް ނަގައިފި

ވަގަށް ނަގައިފައިވާ ފަށް: މި ފަށުގައި 600އަށްވުރެ ގިނަ އަލިމަސް ހުރޭ -- ފޮޓޯ/ އޭއެފްޕީ

އޮސްޓްރިއާގެ ދާރުލްއާސާރަކަށް ދެ މީހަކު ވަދެ، ހަތަރު މިލިއަން ޑޮލަރަށްވުރެ އަގު ބޮޑު، ކަރުގައި އަޅާ ފަށެއް ވަގަށް ނަގައިފިއެވެ.

އޮސްޓްރިއާގެ ފުލުހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެ ފަށް ވަގަށް ނަގައިފައިވަނީ ޓިކެޓް ނަގައިގެން، ވިއެނާ މިއުޒިއަމް އޮފް އެޕްލައިޑް އާޓްސް (އެމްއޭކޭ)އަށް ވަދެފައިވާ ދެ ފިރިހެނުންނެވެ.

ދާރުލްއާސާރަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނަ ގޮތަށް އެ ފަށް ބާއްވާފައި އޮންނަނީ ބިއްލޫރި ކޭސްއެއްގެ ތެރޭގައެވެ. ނަމަވެސް ވައްކަން ކުރި މީހުން ވަނީ ބިއްލޫރިގަނޑު ތަޅާލައި، ފަށް ވަގަށް ނަގައިފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ފަށަކީ މިސްރުގެ ކުރީގެ ޝާހީ އާއިލާއިން ބޭނުންކުރުމަށް ފަރުމާކުރި، 600އަށްވުރެ ގިނަ އަލިމަސް ހަރުކޮށްފައިވާ ފަށެކެވެ.

ވަގަށް ނަގައިފައިވާ ފަށް: މި ފަށުގައި 600އަށްވުރެ ގިނަ އަލިމަސް ހުރޭ -- ފޮޓޯ/ އޭއެފްޕީ

އެ ފަށް އޮސްޓްރިއާގެ ދާރުލްއާސާރުގައި ދައްކާލީ، ގަހަނާ އުފައްދާ ވެން ކްލީފް ކުންފުނިން ކުރިއަށްގެންދާ އެގްޒިބިޝަނެއްގެ ތެރެއިންނެވެ. އެ އެގްޒިބިޝަން ކުރިއަށްގެންދަން ނިންމައިފައި އޮތީ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެމްއޭކޭގެ ޖެނެރަލް ޑިރެކްޓާރު ލިލީ ހޮލެއިން ވިދާޅުވީ އެހާ އަގު ބޮޑު އެއްޗެއް ވަގަށް ނެގުމަކީ ދާރުލްއާސާރަށް ވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެގްޒިބިޝަނަށް ޚާއްސަކޮށް ދާރުލްއާސާރުން ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅައިފައެވެ.

އެ ވައްކަން ކުރި މީހުން ހަތިޔާރު ބޭނުންކުރި ކަމަށް ތުހުމަތު ކުރައްވައި އޭނާ ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ހާދިސާ ހިނގުމާއެކު މުވައްޒަފުން އަމަލުކޮށްފައިވަނީ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ވަގަށް ނަގައިފައިވާ ފަށް ބާއްވައިފައި އޮތް ތަން: އެ ފަށް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ބަޔެއްގެ ފޮޓޯ ވަނީ އާންމުކޮށްފައި -- ފޮޓޯ/ އޭއެފްޕީ

އޮސްޓްރިއާގެ ފުލުހުން ވަނީ އެ ފަށް ވަގަށް ނެގި ކަމަށް ތުހުމަތުވާ ދެ މީހެއްގެ ފޮޓޯ އާންމުކޮށްފައެވެ. އަދި އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދާރުލްއާސާރުތަކުން ވައްކަން ކުރުމުގެ ބޮޑެތި މައްސަލަތަކެއް ފަހުގެ ތާރީޚުތަކުގައި ހިނގައިފައިވެއެވެ. އެގޮތުން މި މަހު ވެސް އިޓަލީގެ ސިސިލީގެ ދާރުލްއާސާރަކުން ހަތަރު ކުރެހުމެއް ވަގަށް ނަގައިފައިވާއިރު، އިޓަލީގެ އެހެން ދާރުލްއާސާރަކުން ވެސް މި އަހަރު އެތައް މިލިއަން ޔޫރޯގެ އަގުހުރި ކުރެހުންތަކެއް ވަގަށް ނަގައިފައިވެއެވެ.

https://sun.mv/212875

މީގެ އިތުރުން ފްރާންސްގައި ހުންނަ ދުނިޔޭގެ އެންމެ މަޝްހޫރު ދާރުލްއާސާރުން އެތައް މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނެގި މައްސަލައަކަށް މިދިޔަ އަހަރު ބޮޑު ސަމާލުކަމެއް ލިބުނެވެ.

އެ މައްސަލަތަކާ ގުޅިގެން، ޔޫރަޕްގެ ދާރުލްއާސާރުތަކުގައި އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅުތައް އަޅާތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

comment ކޮމެންޓް