ނަފްސާނީ ހާލަތު ގޯސްވެ، އަލްވަރޭޒް ޑިޕްރެޝަންގެ ތެރެއަށް

އެތުލެޓިކޯ މެޑްރިޑު ބެންޗުގައި އަލްވަރޭޒް--

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، ޑިޕްރެޝަންގެ އެންމެ ގޯސް ހާލަތާ ކުރިމަތިލާން ޖެހިފައިވާކަން ހާމަވެއްޖެއެވެ.

ސްޕެއިންގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 26 އަހަރުގެ އަލްވަރޭޒް ވަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ބަޔާންކޮށްދޭ މެޑިކަލް ލިޔެކިޔުންތައް އޭނާގެ ކްލަބަށް ރަސްމީކޮށް ހުށަހަޅާފައެވެ.

މި ހާލަތުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އެގޮތުން އެތުލެޓިކޯގެ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައި ނުވާއިރު، ކުރިއަށްއޮތް ސެވިއްޔާ މެޗުގެ ސްކޮޑުން އޭނާ މުޅިން ބާކީކޮށްފައިވާކަން ކްލަބުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިޕްރެޝަންގެ ސަބަބުން އަލްވަރޭޒްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، ކެއުމަށް އުނދަގޫވެ، އޭނާގެ ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ.

މި ހިތާމަވެރި ހާލަތު މެދުވެރިވާން ދިމާވި މައިގަނޑު ސަބަބު ދެނެގަނެވިފައިނުވާއިރު، މިހާރު ހިނގަމުންދާ ޓްރާންސްފާ މާކެޓުގައި އޭނާ ކްލަބު ބަދަލުކުރުމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އެގޮތުން އަލްވަރޭޒް ބޭނުންވަނީ ބާސެލޯނާއާ ގުޅުމަށް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އަދި ބައެއް ކަންކަމުގައި ދެފަރާތުން މިހާރު އެއްބަސްވެފައިވާކަން ރިޕޯޓުތަކުން ހާމަވެއެވެ.

އެތުލެޓިކޯ މެޑްރިޑު ބެންޗުގައި އަލްވަރޭޒް--

ނަމަވެސް، އެތުލެޓިކޯ މެޑްރިޑްގެ ސީއީއޯ މިގޭލް އޭންހެލް ގިލް މާރިން ވަނީ ބާސެލޯނާއަށް އަލްވަރޭޒް ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އޭގެ ބަދަލުގައި އެތުލެޓިކޯއިން ބާރުއަޅަމުންދަނީ އާސެނަލަށް އޭނާ ވިއްކާލުމަށެވެ. ނަމަވެސް މެންޗެސްޓާ ސިޓީއަށް ކުރިން ކުޅުނު އަލްވަރޭޒް ވަނީ އެނބުރި ޕްރިމިއާ ލީގަށް ދާން އިންކާރުކޮށްފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ސީޒަނުގެ ފުރަތަމަ މެޗުގައި އެތުލެޓިކޯގެ ސަޕޯޓަރުން އޭނާއަށް ދަނޑުމަތީގައި ފުރައްސާރަކުރުމުން، އޭނާގެ ނަފްސާނީ ހާލަތު އިތުރަށް ގޯސްވިއެވެ.

އެތުލެޓިކޯއިން ބުނެފައިވަނީ ކްލަބުގެ މެޑިކަލް އަދި ސައިކޮލޮޖިކަލް ޓީމުގެ ފުރިހަމަ އެހީތެރިކަން އަލްވަރޭޒަށް ދެމުންދާނެ ކަމަށެވެ. އެހެންނަމަވެސް، ޓްރާންސްފާ ބާޒާރު ބަންދުވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ކްލަބާއި ކުޅުންތެރިޔާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

comment ކޮމެންޓް