ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ވަކި މިންވަރެއް ސަރުކާރަށް މާރުކޮށްގެން ނަގާނަމަ ނަގަން ވާނީ 10 ޕަސެންޓަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި އުމަރު ވިދާޅުވީ ސަރުކާރުން ޑޮލަރު މާރުކޮށްގެން ނަގާނަމަ ނަގަން ވާނީ 10 ޕަސެންޓަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށެވެ. އެއަށްވުރެ ބޮޑުކޮށް ނަގައިފިނަމަ އިގްތިސޯދަށް އޭގެ އަސަރު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އެމީހަކު ހޯދި މުދަލެއް އެމީހަކަށް. އެމީހަކު ހޯދި ޑޮލަރެއް އެމީހަކަށް. ސަރުކާރުން ޓެކްސްއެއް ގޮތުގައި މާރުކުރުމަށް ނަގާނަމަ ނަގަންވާނީ 10 ޕަސެންޓަށް ވުރެ ބޮޑުނުވާ ގޮތަށް. އެއަށްވުރެ ބޮޑުކޮށް ނަގައިފިނަމަ އިގްތިސޯދަށް އޭގެ އަސަރު ކުރާނެ، އުމަރު ނަސީރު
އުމަރު ވިދާޅުވީ ސަރުކާރުގެ ރޯލަކީ ސަރުކާރުން އަމިއްލައަށް ޚަރަދު ކުޑަކޮށްގެން ހިންގުން ކަމަށެވެ. ނަމަވެސް ސަރުކާރުން ޚަރަދާއި އިސްރާފު އަދި ކޮރަޕްޝަން ބޮޑުކުރުމަށްފަހު ދެން ދެކޮޅު ނުޖެއްސުމުން ވިޔަފާރި ކުރާ މީހާގެ ޖީބަށް އަތް ބާނައިގެން ފައިސާއަށް މުދަލެއް ނުނެގޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ހަމައެއާއެކު އިގްތިސޯދީ ގޮތުން ރާއްޖެއާ މި ހާލަތު ބައްދަލުވީ ވޭތުވެދިޔަ 18 އަހަރު ދުވަސް ތެރޭގައި ސިޔާސީ ޕާޓީތަކުން މި ކުރި ވެރިކަންތަކުގައި އިސްރާފާއި ކޮރަޕްޝަން ބޮޑުކަމުން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިއިރު ޑޮލަރު ރޭޓަކީ 12.85 ރުފިޔާ ކަމަށް އުމަރު ވިދާޅުވިއެވެ.
ނަމަވެސް މިއަދު ޑޮލަރު ރޭޓު 23 ރުފިޔާއަށް އެރުމަކީ ހިތާމައެއް ކަމަށް އުމަރު ވިދާޅުވިއެެ.
އެ ދުވަހު ކިއުއެއް ނެތް. ބްލެކް މާކެޓެއް ނެތް. 2028 ވަނަ އަހަރު އަންނައިރު އަޅުގަނޑުމެން މި ހުރިހާ ސިޔާސީ ޕާޓީތަކަށް ނޫނެކޭ މިފަހަރު ބުނަން ވާނެ، އުމަރު ނަސީރު
އުމަރު އެފަދައިން ވިދާޅުވިއިރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ އެ ޖަމިއްޔާއިން އަބަދުވެސް ދެކޭ ގޮތަކީ، ޑޮލަރު މާރުކުރާ ނިސްބަތް 10 އިންސައްތައަށް ވުރެ އިތުރުނުކުރުން ކަމަށް ބުނެފައެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި ޑޮލަރު އެ މިންވަރަށް މާރުކުރުމަކީ ސިނާޢަތަށް ތަޙައްމަލު ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ތެލާއި މުސާރައާއި ސާވިސް ޗާޖާއި ސަޕްލައިއާއި ލޮޖިސްޓިކްސްއާއި ފަތުރުވެރިން ދަތުރުފަތުރަށާއި ޓީޖީއެސްޓީއާއި ގްރީން ޓެކްސްއާއި ވިތުހޯލްޑިން ޓެކްސްއާއި އިންކަމް ޓެކްސްއާއި ޓޫރިޒަމް ބިމު ކުއްޔަށާއި ބޭރު ފައިސާގެ ލޯނުތައް އަދާކުރުމަށް މިހާރު ވެސް ރިޒޯޓުތަކުން ބޮޑެތި ޚަރަދުތަކެއް ޑޮލަރުން ކުރަންޖެހޭތީ ކަމަށް މަޓީން ބުންޏެވެ.
މަޓީން އެފަދައިން ބުނިއިރު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓު މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށައިފައެވެ.
ހަމައެއާއެކު މި މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އިތުރުން ފަތުރުވެރިކަމުގައި އުޅުއްވާ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.