ހޯމް މިނިސްޓްރީން އާންމުކުރި ބިދޭސީން މަސައްކަތްކުރާ ދާއިރާތަކުގެ ކެޓަގަރީ ލިސްޓަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްޕީޔޫއިން "އެކްސް"ގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އިސްލާހުކުރެވުނު އުސޫލުގެ ދަށުން ސަބް-ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި މެޑިކަލް އިމޭޖިން ޓެކްނީޝަނުން ފަދަ ތައުލީމީ ގިނަ ފަރާތްތަކެއް "ޕްރޮފެޝަނަލް" ކެޓަގަރީން "ނޮން-ޕްރޮފެޝަނަލް" ކެޓަގަރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި މި ބަދަލުގެ ސަބަބުން އެ ފަރާތްތަކަށް ލިބެންޖެހޭ މުހިންމު އިނާޔަތްތަކާއި، އާއިލާތަކަށް ޑިޕެންޑެންޓް ވިސާ ހޯދުމާއި، ގައުމަށް ފައިސާ ފޮނުވުމުގައި ލިބޭ މަތީ ލިމިޓްތައް އުނިވެގެންދާނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.
އެޗްޕީޔޫއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅެ، ކުދިން ގުޅޭ ސުކޫލުތަކަށް އުނގަންނައިދެމުންދާ އާއިލާތަކުގެ ޑިޕެންޑެންޓް ވިސާ އާނުކުރެވުމުގެ ސަބަބުން، އާއިލާތައް ވަކިވާންޖެހި ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
މިއީ ބިދޭސީންނަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަން އެ ޔޫނިއަންއިން ފާހަގަކުރިއެވެ.
އެޗްޕީޔޫއިން ވަނީ އެ ފަރާތްތަކުގެ ތައުލީމާއި ޒިންމާތަކަށް ބަލައި ކެޓަގަރީ އަލުން މުރާޖައާކުރުމަށް ހޯމްލޭންޑް މިނިސްޓްރީއަށް ގޮވާލާފައެވެ.
ހަމައެއާއެކު ސިއްހީ ޚިދުމަތްތެރިންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީން ވަގުތުން އިސްނަގައިގެން ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.