ހުޅުމާލޭ ހޮސްޕިޓަލުގައި ނިއުރޯލޮޖީ ހިމެނޭހެން ސިއްހީ ތިން ޚިދުމަތެއް މިއަދު އިފުތިތާހުކޮށްފިއެވެ.
މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތްތައް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
އެގޮތުން މިއަދު ވަނީ، ގެސްޓްރޯއެންޓޯލޮޖީ ނުވަތަ ބަނޑާއި ގޮހޮރުގެ ބަލިތަކާ ގުޅޭ ޚިދުމަތާއި ނިއުރޮލޮޖީ ނުވަތަ ނާރުގެ ބަލިތަކާ ގުޅޭ ޚިދުމަތާއި ޔޫރޮލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި އިފުތިތާހުކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ޚިދުމަތްތައް ތައާރަފުކުރެވުމާ އެކު، ސްޕެޝަލިސްޓު ފަރުވާ ހޯދުމަށް އާންމުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ދިވެހީން ނެތް ދާއިރާތަކުން ޚާއްސަވެގެން ދިވެހި ޑޮކްޓަރުން ޚިދުމަތާ ގުޅޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ކުރިން ވިދާޅުވި ގޮތުގައި، ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު މިއަހަރު މިހާތަނަށް ދިވެހި 16 ޑޮކްޓަރަކު ވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި އަހަރު އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީ ފަދަ ދާއިރާތަކުގެ ޑޮކްޓަރުން ހިމެނޭ ކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އައިޖީއެމްއެޗްގައި ދާދި ފަހުން ވަނީ ރޮބޮޓިކް ސާޖަރީގެ ހިދުމަތް ވެސް ފަށަން ނިންމައި ތައްޔާރީތައް ފަށައިފައެވެ. މި ޚިދުމަތްތަކާއެކު، ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.