ގޭސް ލީކުވި ހާދިސާގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ނުހަދައި، ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

ހާދިސާ ހިނގި ދިލްކުޝާ ގޯޅީގައި ފުލުހެއް: ގޭސް ލީކުވެގެން މަރުވި މީހާގެ ހަށިގަނޑު ވަނީ އާއިލާއާއި ހަވާލުކޮށްފަ -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުالله

މާލޭގެ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ގޭސް ލީކުވުމުގެ ހާދިސާގައި މަރުވި އަންހެން މީހާގެ ޕޯސްޓްމޯޓަމް ނުހަދައި، އޭނާގެ ހަށިގަނޑު މިއަދު އާއިލާއާ ހަވާލުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެ ހާދިސާގައި މަރުވި ގއ. ވިލިނގިއްޔަށް އުފަން، ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު (51އ) ގެ ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު މިއަދު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން މަރުގެ ތަހުގީގެއް ކުރިއަށްދާތީ، މިހާތަނަށް އޭނާގެ ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގައެވެ.

https://sun.mv/226598

މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނާއި ދެ މީހަކު ހާލުދެރަވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރުއެވެ.

އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައިރު، އައިޖީއެމްއެޗަށް ގެންދިޔަ ޒާހިދާ ވަނީ މަރުވެފައެވެ.

މި ހާދިސާގައި ދެން އަނިޔާވީ ޒާހިދާގެ 19 އަހަރުގެ އަންހެން ދަރިފުޅަށެވެ. އެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް