ގޫގުލް ކްރޯމް އަދި މައިކްރޮސޮފްޓް އެޖް ބްރައުޒަރަށް އަމާޒުކޮށްގެން ހަދާފައިވާ ބައެއް އެކްސްޓެންޝަންތައް މެދުވެރިކޮށް، ކްރިޕްޓޯ ވޮލެޓުތަކުން ފައިސާ ވަގަށް ނެގުމާއި ޙައްސާސް ޒާތީ މައުލޫމާތުތައް ވަގަށް ނަގާ ނުރައްކާތެރި މޭލްވެއާ ފްރޭމްވޯކެއް ފަތުރަމުންދާކަން ހާމަވެއްޖެއެވެ.
މި ބޮޑު ސައިބާ އޮޕަރޭޝަން ހޯދާފައިވަނީ އެޕްލިކޭޝަން ސެކިއުރިޓީ ކުންފުނި ސޮކެޓް އިންނެވެ. އެ ކުންފުނީގެ ތަޙުޤީޤީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ނުރައްކާތެރި ހަރަކާތްތައް ހިންގަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، މި ކެމްޕޭން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ހޯދުންތަކުން ދައްކާ ގޮތުގައި މި ކެމްޕޭނުގައި 16 ވަރަކަށް މޮޑިއުލް އެކުލެވޭ ނުރައްކާތެރި ފްރޭމްވޯކެއް ބޭނުންކޮށްފައިވެއެވެ. ވަރަށް ބޮޑަށް ފުޅާކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ މި މޮޑިއުލްތަކުގެ ތެރެއިން ކޮންމެ ބަޔަކީ ވެސް ޚާއްޞަ ނުބައި މަޤްޞަދެއް ހާސިލުކުރުމަށް ހަދާފައިވާ ބައިތަކެކެވެ.
ފާހަގަކުރެވޭ ގޮތުގައި މި އެކްސްޓެންޝަންތައް ފުރަތަމަ ކްރޯމް ވެބް ސްޓޯރަށް ލީއިރު އެއްވެސް މޭލްވެއާ އެއް ނެތް ކަމަށާއި، އެއިން ލިބެމުން ދިޔައީ އާދައިގެ ޚިދުމަތްތަކެކެވެ. ނަމަވެސް، ފަހުން މީގެ ތެރެއިން މަދުވެގެން ފަސް އެކްސްޓެންޝަނެއް އަސްލު ޑިވެލޮޕަރުންގެ އަތުން ގަނެ، އޮޓޮމެޓިކް އަޕްޑޭޓްތަކުގެ ތެރެއިން މޭލްވެއާ އިންޖެކްޓްކޮށްގެން ބޭނުންކުރަން ފެށީ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މިގޮތަށް މޭލްވެއާ އެޅުވި އެއް އެކްސްޓެންޝަނަކީ "އެނޭބަލް ރައިޓް ކްލިކް އެންޑް ކޮޕީ — ސްމާޓް އަންލޮކް ޕްލަސް އޯސީއާރް" އެވެ. މި އެކްސްޓެންޝަނަކީ ކްރޯމް އަދި އެޖް ދެ ބްރައުޒަރަށް ވެސް ލިބެން ހުރި އެކްސްޓެންޝަނެއް ކަމަށްވާއިރު، މައްސަލަ ފެންމަތިވި އިރު ކްރޯމްގައި އެކަނި ވެސް 70،000 އަށް ވުރެ ގިނަ މީހުން އަދި އެޖްގައި 10،000 އަށް ވުރެ ގިނަ މީހުން މިއިންސްޓޯލްކޮށްގެން ބޭނުންކުރަމުން ދިޔައެވެ.
ގޫގަލުން މި ނުރައްކާތެރި ހަރަކާތްތައް ދެނެގަނެ ވަގުތުން އެކްސްޓެންޝަންތައް އެމީހުންގެ ވެބް ސްޓޯރުން ވަނީ ނަގާފައެވެ. ނަމަވެސް ސޮކެޓް އިން ރިޕޯޓް ނެރުނު ވަގުތާ ހަމައަށް ވެސް މައިކްރޮސޮފްޓް އެޖްގެ އެޑް-އޮން ސްޓޯރުގައި އެ އެކްސްޓެންޝަން ލިބެން ހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި މޭލްވެއާ ބްރައުޒަރަށް އިންސްޓޯލްވުމާ އެކު، ކޮމާންޑް އެންޑް ކޮންޓްރޯލް ސާވަރުތަކާ އެކު އެންކްރިޕްޓް ކުރެވިފައިވާ ވެބްސޮކެޓް ކަނެކްޝަނެއް ގާއިމުކުރެއެވެ. އަދި ޖާވާސްކްރިޕްޓް މޮޑިއުލްތައް ޑައުންލޯޑްކޮށް، ޔޫޒަރު ވަންނަ ވެބްސައިޓްތަކުގެ ކޮންޓެންޓް ސެކިއުރިޓީ ޕޮލިސީ ހެޑަރުތައް ނައްތާލައި، ސިއްރު އެޗްޓީއެމްއެލް އެލިމެންޓްތައް މެދުވެރިކޮށް ނުރައްކާތެރި ސްކްރިޕްޓްތައް ވެބްސައިޓްތަކުގެ ތެރެއަށް ފޮނުވައިލައެވެ.
މި މޮޑިއުލްތަކުން އީވީއެމް، ސޮލާނާ އަދި ޓްރޯން ވޮލެޓުތަކުން ފައިސާ ވަގަށް ނެގުމަށް ޓަކައި "ކަނެކްޓް ވޮލެޓް" އަދި "ސްވަޕް" ފަދަ ބަޓަންތައް ހައިޖެކްކޮށް އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެންދެއެވެ. މީގެ އިތުރުން ލެޖާ އަދި ޓްރެޒާ ފަދަ ހާޑްވެއާ ވޮލެޓްތަކުގެ ރަސްމީ ވެބްސައިޓްތަކަށް ވަންނަ ވަގުތު، ސީކްރެޓް ސީޑް-ފްރޭސް ވަގަށް ނެގުމަށް ޓަކައި ފޭކް ފިޝިން ޕޭޖުތަކަށް ޔޫޒަރުން ބަދަލުކޮށްލައެވެ.
ހަމައެއާއެކު ކޮއިންބޭސް، ބައިނޭންސް، ކްރެކެން، އޯކޭއެކްސް، އެމްއީއެކްސްސީ، ކޫކޮއިން، ބައިބިޓް އަދި މެޓަަމާސްކް ފަދަ މައިގަނޑު ކްރިޕްޓޯ އެކްސްޗޭންޖުތަކާއި ވޮލެޓުތަކުގެ ލޮގިން ސެޝަންތަކާއި، އޮތެންޓިކޭޝަން ޓޯކަންތަކާއި އެކައުންޓް ޑޭޓާ ވެސް މި މޭލްވެއާ މެދުވެރިކޮށް ވަގަށް ނަގައެވެ.
ކްރިޕްޓޯ މައުލޫމާތުގެ އިތުރުން، އެކި ވެބްސައިޓްތަކުން ޔޫޒަރުން ޖަހާ ޕާސްވޯޑްތަކާއި ފޯމް އެންޓްރީތައް ރެކޯޑްކުރުމާއި، ފޭސްބުކް އަދި ލިންކްޑްއިން އެކައުންޓްތަކުގެ ޑޭޓާ އަދި މުޅި ބްރައުޒިން ހިސްޓްރީ ވެސް މި ނިޒާމުން ވަގަށް ނަގައެވެ. އަދި 'ކްލިކްފިކްސް' ސްޓައިލްގެ ދޮގު ބްރައުޒާ އަޕްޑޭޓް އެލާޓްތައް ދައްކައިގެން، ޔޫޒަރުން ލައްވައި ސިސްޓަމަށް ގެއްލުންދެނިވި ކޮމާންޑްތައް ރަން ކުރުވަން ވެސް މަސައްކަތްކޮށްފައިވެއެވެ.
ސޮކެޓް އިން އިންޒާރު ދީފައިވާ ގޮތުގައި މި ފްރޭމްވޯކްގައި އަދިވެސް އިތުރު މޮޑިއުލްތައް ހުރެދާނެ ކަމަށާއި، ހަމަލާދޭ ފަރާތްތަކުން ދަނީ މި ނިޒާމު އިތުރަށް ތަރައްގީކޮށް އައު ޕޭލޯޑްތައް ބޭނުންކުރަމުންނެވެ.
މި އެކްސްޓެންޝަންތައް މިހާރު ސްޓޯރުން ނަގާފައިވީ ނަމަވެސް، މީގެ ކުރިން މި އެކްސްޓެންޝަންތައް ބޭނުންކޮށްފައިވާ ހުރިހާ ފަރާތްތަކުން އެކައުންޓްތަކުގެ ޕާސްވޯޑްތައް އަވަހަށް ބަދަލުކުރުމަށް ސެކިއުރިޓީ މާހިރުން އިލްތިމާސްކުރެއެވެ. ޚާއްޞަކޮށް ކްރިޕްޓޯ އެސެޓް ގެންގުޅޭ ފަރާތްތަކުން ވަގުތުން އެމީހުންގެ ފައިސާ އައު ވޮލެޓަކަށް ބަދަލުކުރުމަކީ މިހާރުން މިހާރަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެއެވެ.